ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތް އިން "ސްޓައިލް ވިތް މައިކް" ގެ ނަމުގައި އިންތިޒާމް ކުރާ އެއްދުވަހުގެ ސެލްފް ގްރޫމިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިމަހުގެ 10ވަނަ ދުވަހުގެ ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިކޯހުގައި ކިޔަވާ ދިނުމަށް ހަމަޖެހިފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ސްޓައިލިސްޓް މައިކް އާއި ފަންނުވެރިކަމުގެ ދާއިރާއިން ގައުމީ އެވޯޑު ހާސިލްކޮށްފައިވާ އަލް-އުސްތާޒާ ލުބްނާ ޒާހިރު ހުސެއިން އެވެ.
މިކޯހުގެ ޒަރިއްޔާއިން ގިނަ ހުނަރުތަކެއް ދަސްވެ މޭކަޕް އަދި ހެއަރ ކެއާގެ އެކި އުކުޅުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކޯހުގައި ދަސްކޮށްދޭ ބައިތަކުގެ ތެރޭގައި ތަފާތު މޭކަޕްތައް ކުރާނެ ގޮތްތަކާއި، މުނާސަބާތުތަކާއި ގުޅޭ ގޮތަށް އިސްތަށިގަނޑު ސްޓައިލްކުރާނެ ގޮތް ހިމެނެއެވެ. އަދި މިކަންކަމަށް ބޭނުން ކުރާނެ އެންމެ އެކަށީގެންވާ ޕްރޮޑަކްޓްސްތައް ކިޔާ ދިނުމުގެ އިތުރުން އާންމު ދިރިއުޅުމުގައި ރީތިވުމަށް ބޭނުން ކުރެވޭނެ ބިއުޓީ ޓިޕްސް ހިމެނެއެވެ.
ޒުވާންކޮށް ރީތިކޮށް އަބަދުވެސް ހުންނާނެ ގޮތާއި، މީހާގެ އުމުރަށްވުރެ ރީތިކޮށް ހަންގަނޑު ބަހައްޓާނެ ގޮތުގެ އެކި އުކުޅުތައް ވެސް ކޯހުގައި ދަސްކޮށްދޭނެއެވެ. އާންމުކޮށް ހަންގަނޑުގައި ބޭނުންކުރާ ޕްރޮޑަކްޓްސްގައި ހުންނަ އެކި ކެމިކަލް މާއްދާތައް ކިޔައިދީ މިފަދަ ކެމިކަލްތައް ނުހުންނާގެ ޕްރޮޑަކްޓްސްތައް ވެސް ކޯހުގައި ހިއްސާކުރާނެ ކަމަށް ރަފީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
މިކޯހުގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަކީ އެމީހުންގެ އަމިއްލަ ނަފްސަށް ލޯބިކޮށް އިތުބާރުކުރާ އަދި ގާބިލް ބައެއްގެ ގޮތުގައި ދެމިތިބުމަށް ރީތިކޮށް ހުރުމުގެ މުހިންމުކަން އަންގައިދިނުން ކަމުގައި އެ ޖަމިއްޔާއިން ބުުންޏެވެ.
ލިންޗްޕިންގެ އެހީތެރިކަމާއިއެކު ހިންގަން ހަމަޖެހިފައިވާ މި ކޯހުގެ ފީ އަކީ 500 ރުފިޔާއެވެ.
ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 9997239 އަށް ގުޅުއްވައިގެން ޖާގަހޯދޭނެއެވެ.