އައިޖީއެމްއެޗް

ސްކޫލް ބަންދުގައި އައިޖީއެމްއެޗްގައި ހިތާނަކުރުމަށް ބޭނުންވާ ކުދިން ނަންނޯޓު ކުރުން މިމަހު 15 އިން ފެށިގެން

މަރިޔަމް ޝަހުދާ

ސްކޫލް ބަންދުގައި އައިޖީއެމްއެޗްގައި ހިތާނަކުރަން ބޭނުންވާ ކުދިން ނަން ނޯޓު ކުރުމުގެ ފުރުސަތު މި މަހު 15 ގައި ހުޅުވައިލާން ނިންމައިފި އެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދޭގޮތުގައި މިއަހަރު ބޮޑު ބަންދާއި ދިމާކޮށް އެ ހޮސްޕިޓަލުން ހިތާނު ކުރުމުގެ ހިދުމަތް ދޭން ނިންމާފައިވާ އިރު، އެ ހިދުމަތަށް ނަން ނޯޓު ކުރުމަށް ފުރުސަތު ހުޅުވަލާނީ މި މަހު 15 ގައެވެ. އަދި މިމަހު 30ގެ ނިޔަލަށް މި ހިދުމަތް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިއަހަރު އެ ހޮސްޕިޓަލުން ހިތާނު ކުރުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ނޮވެމްބަރު މަހު 21 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށެވެ. އަދި އާދިއްތަ، ބުދަ އަދި ބަންދު ނޫން ކޮންމެ ދުވަހަކަށް ނަން ނޯޓު ކުރާ ތަރުތީބުން ދުވާލަކަށް 15 ޖާގަ ދޫކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން 3335300 އަށް ގުޅުމަށް އައިޖީއެމްއެޗުން އެދެއެވެ. އަދި އައިޖީއެމްއެޗްގެ ދަރުމަވަންތަ ކޮމްޕްލެކްސް ގެ ތިންވަނަ ފަންގިފިލާގެ ސާރޖަރީ ކައުންޓަރުންވެސް ނަންނޯޓު ކުރުމާ ގުޅޭގޮތުން މައުލޫމާތު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.