ދ. ކުޑަހުވަދޫ

ދިވެހީންނަށް ހާއްސަ ކުޑަހުވަދޫ ސަންސެޓް ބީޗް، ވަސީލަތްތައް ފުރިހަމަ، ނަމޫނާ މަސައްކަތެއް

ސިނާން އަލީ

6

ދ. އަތޮޅުގެ ވެރިރަށް ކުޑަހުވަދޫ އަކީ އަބަދުވެސް ނަމޫނާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުޅި ރާއްޖެ ދޮވެލާފައި ދިޔަ އޭޝިއާ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ކުޑަހުވަދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން މީގެ ހެއްކަކަށް ފުދެ އެވެ.

ސުނާމީގައި އެންމެ ބޮޑެތި ގެއްލުންވި ރަށްތައްކުގެ ތެރޭގައި ދ. ގެމެންދޫއާއި ދ. ވާނީ ހިމެނެ އެވެ. މީގެ އިތުރުން އެ އަތޮޅު މީދޫއާއި މާއެނބޫދޫއަށް ވެސް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެ ހަތަރު ރަށަކީ ވެސް އަތޮޅުގެ އިރުމަތީ ދުނީގައި އުފެދިފައި އޮތް ހަތަރު ރަށެވެ. ސުނާމީގައި ގެމެންދޫގެ ހުރިހާ އިމާރާތެއް ބިމާ ހަމަވެ، ރައްޔިތުން މަގުމަތިވެ ބިކަވިއެވެ. އެ ހާލަތުގައި، އެ ހުރިހާ ރައްޔިތުން ގެންދިޔައީ ކުޑަހުވަދޫ އަށެވެ. ރަށެއްގެ ރައްޔިތުން އެކީގައި އެހެން ރަށަކަށް ކުއްލިއަކަށް މިގޮތަށް ގެންދިޔުމުން ދިމާވާނެ މައްސަލަތައް ވިސްނުމަށް ވެސް ނުގެނެވޭނެ އެވެ. އެ ވަގުތު ކުޑަހުވަދޫ ރައްޔިތުން އަތުކުރި އޮޅައިލީ ގެމެންދޫން އައި މެހެމާނުންނަށް އެހީތެރިވުމަށެވެ. އަންހެނުންނާއި ކުޑަކުދީން ހިމެނޭ ބޮޑެތި އާއިލާތަކުގެ ބޮޑު ބައެއް ބަހައިލީ ކުޑަހުވަދޫ ރައްޔިތުންގެ ގޭގެއަށެވެ. ބޮޑެތި ރާޅުތައް ދިޔައީ ގެމެންދޫ ރައްޔިތުންގެ އުނު އަންނައުނަށް ދާންދެން ހިފައިގެން ކަމުން، އެފަދަ ޒަރޫރީ ހުރިހާ ކަމެއް ކުޑަހުވަދޫ ރައްޔިތުން ކޮށްދިނީ ފުރިހަމަކަމާ އެކުގަ އެވެ. ގެމެންދޫން މަރުވި މީހުންނާއި ގެއްލުނު މީހުންނާ އެކު އެ އަދަދު 11 އަށް އެރި އެވެ. އެހެން ކަމުން އެ ރައްޔިތުން ތިބީ ބިރުވެރިކަމާއި ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައިވެސްމެ އެވެ. އެކަމަށް ވެސް ކުޑަހުވަދޫ ރައްޔިތުން ވީ ފަރުވާއަކަށެވެ. ގެމެންދޫ ރައްޔިތުންނަށް ކުޑަހުވަދޫން ދާއިމީ ހިޔާވަހިކަން ލިބުމާ ހަމަޔަށް ގެމެންދޫ ރައްޔިތުންނަށް ކުޑަހުވަދޫން ލިބުނީ އޯގާތެރިކަމާއި ހިތްހެޔޮކަމެވެ.

މިއަދު ދ. ވާނީ އަދި ގެމެންދޫ ރައްޔިތުން ދިރިއުޅެނީ ކުޑަހުވަދޫގަ އެވެ. ގެމެންދޫ އޮތީ ފަޅުވެފަ އެވެ. ވާނީ ބޭނުންކުރަނީ ފުލުހުންގެ ތަމްރީނު މަރުކަޒެއްގެ ގޮތުގަ އެވެ. މިއަދު ކުޑަހުވަދޫ އަކީ ތިން ރަށުގެ ބޮޑު އާބާދީ އެއްވެފައި އޮތް އެއް ރަށެވެ. އެ އެންމެންނަކީ ވެސް ކުޑަހުވަދޫ ރައްޔިތުންނެވެ.

ކުޑަހުވަދޫ ރައްޔިތުންގެ އެކުވެރިކަން އަނެއްކާވެސް މި ވަނީ ތަފާތު ކަމަކުން ދައްކުވައިދީފަ އެވެ. މިފަހަރު ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށާއި ރަށަށް ދަތުރުކުރާ މެހެމާނުންނަށް ހާއްސަކޮށް ތައްޔާރުކޮށް މިދިޔަ ހޮނިހިރު ދުވަހު ރަސްމީކޮށް ހުޅުވައިލި އެރަށު "ސަންސެޓް ބީޗު"ންނެވެ. މި ބީޗަކީ ދިވެހީންނަށް ހާއްސަ ބީޗެކެވެ. އެފަދަ ބީޗަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށް ފުރިހަމަކަމާ އެކު ހުޅުވައިލި މި ބީޗަކީ ރައްޔިތުންގެ މެދުގައި އޮތް ގުޅުންތެރިކަން ދައްކައިދޭ ހިތްގައިމު އަތިރިމައްޗެކެވެ.

މޫދަށް އެރުމަށް ފަހު ފެންވެރޭނެ ފެން މާގަނޑު ތަކާއި ގުރޫޕުތަކަށް ގޮސް ވަކި ވަކީން ވެސް ތިބެވޭނެ ގޮތަށް ޖަހާފައި ހުރި ހަޓުތަކާއި ބާބަކިޔު ހަދައިލަން ބޭނުންވާ އަށި ތަކާއި ލައިފްގާޑު މަރުކަޒުވެސް މި ބީޗުގައި އެބަ ހުއްޓެވެ.

ރަށުގެ ހުޅަނގު ފަޅީގައި، މި ބީޗު ތައްޔާރުކުރުމަށް ރަށުގެ ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ހުރިހާ ގޮތަކުން ވެސް ލިބިފައިވާ ކަމަށް ކުޑަހުވަދޫ ކައުންސިލުން ބުނެ އެވެ.

"މިހާ ފުރިހަމަކޮށް މި މަސައްކަތް މި ކުރެވުނީ ރައްޔިތުންގެ އެއްބާރުލުން ލިބުނީމަ. ރަށުގެ މުއައްސަސާތަކާއި އާއްމު ރައްޔިތުންގެ އެހީތެރިކަން އަމަލީ ގޮތުން ވަރަށް ވެސް ފުރިހަމަ ގޮތެއްގައި ލިބުނު. އެކަން އުފަލާއެކު ފާހަގަކޮށް ޝުކުރު އަދާކުރަން." ކުޑަހުވަދޫ ކައުންސިލުގެ ރައީސް އަހުމަދު ޝާމް "ވަން" އަށް ވިދާޅުވި އެވެ.

އިއްޔެ ވަރަށް ގިނަ ބަޔަކު މި ބީޗުގެ ވާހަކަ ދެއްކިއެވެ. މީސްމީޑިއާގައި މި ބީޗުގެ ފޮޓޯތައް ދައުރުވާތައް ފެނެ އެވެ. މި ފުރިހަމަ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަކީ، ރަށުގެ ކޮންމެވެސް އެއް ފަޅިއެއްގައި މި ފަދަ ހިތްގައިމު ބީޗެއް ހެދޭނެ ފަދަ އަތިރިމައްޗެއް ކުޑަނަމަވެސް، ލިބިފައި އޮތް ރަށްރަށެވެ. ކުޑަހުވަދޫގެ މި ނަމޫނާ މަސައްކަތުން ހިތްވަރު ލިބިގަނެ، ރައްޔިތުންގެ ދުޅަހެޔޮ ދިރިއުޅުމަށް ޓަކައި މިފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ.

މިއަދު ކުޑަހުވަދޫ ސަންސެޓް ބީޗަކީ އެރަށު ރައްޔިތުން ފަޚުރުވެރިވާ މާހައުލެކެވެ. ރާއްޖޭގެ ރައްޔިތުން ނަމޫނާ މަސައްކަތެއްގެ ގޮތުގައި ބަލައިގަންނަ ކަމެކެވެ. ރަށުގެ ކުދި ބޮޑު އެންމެން ހިތްއުފާ ކޮށްލަން ގޮސް ތިބޭ އަތިރިމައްޗެކެވެ. އެއީ ހަމައެކަނި ސަންސެޓް ބީޗެއްވެސް ނޫނެވެ. ހަނދުވަރު މަތީގައާއި ސަން ރައިސްގެ ވަގުތުގައި ވެސް އެ ބީޗުގެ ސަބަބުން އުފާވެރިކަން ލިބިގަންނަ ރައްޔިތުން ގިނަ އެވެ.

ވިސްނާލާ

ކުނީގެ ވާހަކަ ދައްކާއިރު އެ އުކާލާ ކުނި ތަކުން ހާ ދަ ކޮތަޅެއްވެސް އެޅެއޭ. އޭގެން މޫދުގަ ދިރިއުޅޭ ދިރޭ ތަކެއްޗަށް ގެއްލުން ވަމުން ދޭ. އަދި މީހުންގެ އަގުބޮޑެތި ލޯންޗު ފަދަ ތަކެތީގެ ބުރަފަތީގަ ކޮތަޅު އޮޅި ބޮޑެތި ގެއްލުން ނުވަނީސް އެކަމަށްވެސް ހައްލެއް ހޯދަން ޖެހޭ.

ޒުލްފާ

ކުޑަހުވަދޫގެ ރަތްޔިތުންނަށް ހަމަ ސާބަސް..

ސާބަސް

👌🏻👏🏻👏🏻

ސާބަސް

👏🏻👏🏻👏🏻

ހަތާ

ތި މަސައްކަތަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ޕާފޯމިންގ އަދި އެންމެ އީޖާދީ ކައުންސިލްގެ ވަރަށް ފުރިހަމަ މަސައްކަތެކެވެ. ޢޭގެ އިތުރުންވެސް ވަރަށް ބޮޑު ޕާކްއަކާއި ކައުންސިލަރުންގެ އީޖާދީ މަސައްކަތުން އުފައްދާ ނިމި މިހާރު މަސައްކަތް ފަށައިގަތުމަށް ތައްޔާރުވަމުންދާ ކުނިވާ ބާވަތްތަކުގެ ކުނި ގިޜާލާ ފެނަށް ހަދާލުމަށްފަހު ކަނޑު ތޮށިން ބޭރުކޮށްލާ ނިޒާމަކީ މިހާތަނަށް ރާއްޖޭގެ ރަށެއްގައި ކުނި ނައްތާލުމަށް އުފެދިފައިވާ އެންމެ ފުރިހަމަ ނިޒާމްކަން ކަށަވަރެވެ. ދުވަހުން ދުވަހަށް ރަށުތެރޭގައި އުފެދޭ އާއްމު ކުނިވެސް ދުވަހުން ދުވަހަށް ނައްތާލެވޭ ކުނި ކޮށްޓަކީވެސް މިވަގުތު ކައުންސިލްގައި ތިބި އެމްޑީޕީ 4 ކައުންސިލަރުންގެ ވަރަށް ފުރިހަމަ ނަމޫނާ މަސައްކަތެއްކަން ކަށަވަރު. ތާރު ނާލާ މަގުތަކަށް ވެލި އަޅާ އެއްވަރުކޮށް މަގުތަށް ތަރައްޤީކޮށް އިތުރު މަގު ބައްތި ޖަހާ މަގުތައް އަލިކޮށް ސްކޫލް ބެލެނިވެރިން ދަރިވަރުން ބަލާ ގޮސް ތިބޭއިރު ހިޔާވާނެ ޝެލްޓަރތައް ހަދާ ދިނުންފަދަ އެތައް ކަމަކުން ކުޑަހުވަދޫ ކައުންސިލްދަނީ ނަމޫނާ ދަށްކަމުން. ޝުކުރިއްޔާ ރައީސް ޝާމް. ޝުކުރިއްޔާ ނައިބު. ޢައްޔަ. ޝުކުރިއްޔާ ކުޑޭ ޝުކުރިއްޔާ ޖަމީލް އަޅުގަނޑުމެން ތިބޭފުޅުންނަށްޓަކާ ފަޚުރުވެރިވަން. ސާބަހޭ ކައުންސިލް

ހަޑިގިއްލާ

ކުޑަހުވަދޫ ރައްޔެތުންގެ އެއްބައިވަންތަކަން ދައްކުވައިދޭ ފުރިހަމަ ލިއުމެއް. ލިޔުން ކިޔާލުމުން ކުޑަހުވަދޫގެ ރީތިކަން އިތުރަށް ރީތިވެއްޖެ.