ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިސްލާމިކްގެ އާ ހެޑް އޮފީސް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ބޭންކިން ހިދުމަތަށް ހާއްސަކޮށްގެން އާ ހެޑް އޮފީހެއް ހުޅުވައިފިއެވެ.

ކުރިން ބާޒާރު ބްރާންޗުގައި ހިނގަމުންދިޔަ ބީއެމްއެލް އިސްލާމިކްގެ ބޮޑު އާ އޮފީސް މިރޭ ހުޅުވާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ޒޮނޭރިއާގައެވެ. އާ އޮފީސް ހުޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާ އެވެ.

ބީއެމްއެލްގެ ސީއީއޯ ކަމާ ހަވާލުވުމަށްފަހު އާންމުންގެ ތެރޭގައި ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ސީއީއޯ ސޯޔާ ވިދާޅުވީ، މާކެޓްގެ މުހިންމު ވަގުތެއްގައި ރާއްޖޭގެ ގައުމީ ބޭންކުގެ ސީއީއޯގެ މަގާމު އަދާކުރުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބޭންކިންގެ ހިދުމަތް ދޭ ފުރަތަމަ ބޭންކަކަށް ބީއެމްއެލް އިސްލާމިކް ވެގެން ދިއުމަކީ ބޭންކަށް ލިބުނު ފަހަރެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސޯޔާ އިތުރަށް ވިދާޅުވީ، ބީއެމްއެލް އިސްލާމިކް އުފެދުނު ފަހުން މިވީ ހަތަރު އަހަރުގެ ތެރޭގައި ކަސްޓަމަރުންނާ ގާތް ގުޅުމެއް އުފެދި، ގުޅުން ވަރުގަދަ ވެފައިވާ ކަމަށެވެ.

އަދި ބީއެމްއެލް އިސްލާމިކް އިން މިރޭ ހުޅުވި އާ ހެޑް އޮފީހަކީ އިތުރުވަމުންދާ ބީއެމްއެލް އިސްލާމިކް ބޭނުންކުރާ ކަސްޓަމަރުންގެ ބޭނުންތަކަށް ހިދުމަތް ދިނުމަށް ހުޅުވިގެން ދިޔަ ތަނެއް ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް އިސްލާމިކް ބޭންކިން ހިދުމަތް ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން، ކަސްޓަމަރުންގެ ބޭންކިން ބޭނުންތައް ދަނެގަނެ އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބިގެންދިޔަ ކުރިއެރުމެއް،" ސީއީއޯ ސޯޔާ ވިދާޅުވިއެވެ.

މިރޭ ހުޅުވި ބީއެމްއެލް އިސްލާމިކްގެ އާ ހެޑް އޮފީހުގެ ކައުންޓަރު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމާއި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެކިއެކި ހިދުމަތް ފޯރުކޮށްދޭނެއެވެ. އަދި 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ވެސް އެ އޮފީހުގައި ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން އެ އިމާރާތުގައި ގާއިމްކޮށްފައިވަ ކަސްޓަމާ އެޑްވައިސް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަރީއާއާ އެއްގޮތްވާ ގޮތުގެ މަތިން ބޭންކިން ހިދުމަތްތައް ހޯދުމާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.