ޕޮލިސް

240 ބިޔަރު ދަޅާއެކު ދެމީހެއްގެ އިތުރުން ކުޑަކުއްޖަކު ހައްޔަރުކޮށްފި

ހުޅުމާލެއިން 240 ބިޔަރު ދަޅާއެކު ދެމީހެއްގެ އިތުރުން ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހުޅުމާލޭ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 240 ބިޔަރު ދަޅާ އެކު ތިން މީހަކު ހުޅުމާލޭން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކާއި ކުޑަކުއްޖެއް ކަމަށާއި އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން، ބިޔަރު ދަޅުތަކެއް އަޅާފައިހުރި ފޮށިގަނޑުތަކެއް ޕިކަޕަކަށް އަރުވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެގެ 19:30 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެގޮތުން އެ ތިން މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލައިފާސްކުރިއިރު ޕިކަޕުތެރޭގައި ހުރި ފޮށިގަނޑުތަކުން އެކި ބްރޭންޑްގެ 240 ދަޅު ބިޔަރު ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.