ގައުމީ އެތުލެޓިކްސް މުބާރާތް

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ސާއިދާއި ހިމްނާ

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޮވުނު އިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް އައިޝަތު ހިމްނާ ހަސަން ހޮވިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވުނު ސާއިދާއި ހިމްނާ ވަނީ އެ ދެ އެތުލީޓުން ވާދަކުރި އިންޑިވިޖުއަލް އިވެންޓުތަކުން ރަން މެޑަލް ހޯދައިފައެވެ.

ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)ގެ ސާއިދު ވަނީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް، ރަން މެޑަލް ހޯދައިފައެވެ. މުބާރާތުގެ 100 މީޓަރު ދުވުމުގެ ފައިނަލްގައި ވާދަކޮށް 10.82 ސިކުންތުން ސާއިދު ދުވުން ފުރިހަމަކުރި އިރު، 200 މީޓަރު ދުވުމުގެ ފައިނަލް އޭނާ ފުރިހަމަކުރީ 22.75 ސިކުންތުންނެވެ. އަދި 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް، ސާއިދު ދުވުން ފުރިހަމަކުރީ 49.46 ސިކުންތުންނެވެ.

އެ މުބާރާތުގެ 100 މީޓަރު ދުވުމުގައި ސާއިދުއާ ވާދަކޮށްފައިވަނީ އޭނާގެ އަމިއްލަ އެކެޑަމީ، ސާއިދު ސްޕޯޓްސްގެ ދެ ދުވުންތެރިންނެވެ. އެ އިވެންޓުގެ ދެވަނަ އަޒްނީމް އަހްމަދު ހޯދި އިރު، ތިންވަނަ ހޯދީ ސަރީސް އަހްމަދެވެ. އެ މުބާރާތުގެ 200 މީޓަރު ދުވުމުގައި ސާއިދުއާ ވާދަކޮށްފައިވަނީ ސާއިދު ސްޕޯޓްސްގެ ސަރީސް އަހްމަދާއި ތިނަދޫ ޒުވާނުންގެ ކްލަބުގެ މުހައްމަދު ޖަލާއިލްއެވެ. އެ އިވެންޓުގެ ދެވަނަ ސަރީސް ހޯދި އިރު، ތިންވަނަ ހޯދީ ޖަލާއިލްއެވެ. 400 މީޓަރު ދުވުމުގައި ސާއިދުއާ ވާދަކުރީ ތިނަދޫ ޒުވާނުންގެ ކްލަބުގެ ދެ ދުވުންތެރިންނެވެ. އެ އިވެންޓުގެ ދެވަނަ މުހައްމަދު އައިހަމް ހޯދި އިރު، ތިންވަނަ ހޯދީ މުހައްމަދު ނާވީއެވެ.

ސާއިދުއަށް ވަނީ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރަން މެޑަލް ގެއްލިފައެވެ. އެ އިވެންޓުގެ ރަން މެޑަލް ހޯދާފައިވަނީ ސާއިދުގެ އަމިއްލަ އެކެޑަމީ، ސާއިދު ސްޕޯޓްސް އިންނެވެ. އެ އިވެންޓުގެ ރަން މެޑަލް ހޯދި ސާއިދު ސްޕޯޓްސް އިން 43.34 ސިކުންތުން ނިންމި އިރު، ސާއިދު ދުވި ސިފައިންގެ ކްލަބަށް ދުވުން ފުރިހަމަކުރެވުނީ 45.74 ސިކުންތުންނެވެ. އަދި ތިންވަނަ ހޯދި މެރަތަން ރަނާސްއަށް ދުވުން ފުރިހަމަކުރެވުނީ 46.44 ސިކުންތުންނެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ހިމްނާ ވެސް ވަނީ އަންހެނުންގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދައިފައެވެ. މުބާރާތުގެ 100 މީޓަރު ދުވުމުގެ ފައިނަލްގައި ވާދަކޮށް 13.00 ސިކުންތުން ހިމްނާ ދުވުން ފުރިހަމަކުރި އިރު، 200 މީޓަރު ދުވުމުގެ ފައިނަލް އޭނާ ފުރިހަމަކުރީ 27.00 ސިކުންތުންނެވެ. އަދި 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް، ހިމްނާ ދުވުން ފުރިހަމަކުރީ އެއް މިނެޓާއި 1.83 ސިކުންތުންނެވެ.

ހިމްނާއާ 100 މީޓަރު ދުވުމުގައި ވާދަކޮށްފައިވަނީ ދެވަނަ ހޯދި ދަ ބްލެކް މާލިންގެ ނަޝާ ނިޒާރާއި ތިނަދޫ ޒުވާނުންގެ ކްލަބުގެ މަރިޔަމް އަލްހާއެވެ. ހިމްނާއާ 200 މީޓަރު ދުވުމުގައި ވާދަކުރީ ދަ ބްލެކް މާލިންގެ ދެ ދުވުންތެރިން ކަމަށްވާ ނަޝާ ނިޒާރާއި ސަރާ މަސްއޫދެވެ. އަދި 400 މީޓަރު ދުވުމުގައި ހިމްނާއާ ވާދަކުރީ ދަ ބްލެކް މާލިންގެ އާމިނަތު ލަޔާނާ އާއި އެޓީމުގެ ރިފާ މުހައްމަދެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގައި ވާދަކޮށް، ދިވެހި ސިފައިންގެ ކްލަބުގެ ހުސައިން ފަޒީލް ހާރޫން ވެސް ވަނީ ތިން އިވެންޓެއްގެ ރަން މެޑަލް ހޯދައިފައެވެ. އެއީ 1500 މީޓަރު ދުވުމާއި 5000 މީޓަރު ދުވުން އަދި 10،000 މީޓަރު ދުވުމެވެ.

އެ މުބާރާތުގެ ފިރިހެނުންގެ ޗެމްޕިއަން ޓީމަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބެވެ. ރަނަރަޕްކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދި އިރު، ތިންވަނަ ހޯދީ ތިނަދޫ ޒުވާނުންގެ ކްލަބެވެ. އަންހެނުންގެ ޗެމްޕިއަންކަން ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ. އަންހެނުންގެ ރަނަރަޕްކަން ދަ ބްލެކް މާލިން ހޯދި އިރު، ތިންވަނަ ހޯދީ ކޭ ވައި ސްޕޯޓްސް އެކެޑަމީއެވެ.