Close
ކޮލަމް

ކެޔޮނިރު: ކޯލިޝަނަށް ނުވަތަ ޔާމިނަށް ވެރިކަން ލިބިއްޖެ ނަމަ ވާން ނޭދޭ ކަންތައްތައް!

މުހައްމަދު ބުޝްރީ

7

23 ސެޕްޓެމްބަރވާ އާދީއްތަ ދުވަހު ބޭއްވޭ ރިއާސީ އިންތިހާބުން އިއްތިހާދުގެ (ނުވަތަ އެމް.ޑީ.ޕީ ގެ) ކެންޑިޑޭޓަށް ވެރިކަން ލިބިއްޖެ ނަމަ ވާން އެދޭ ކަންތައް ބައިވަރެވެ. ރާއްޖޭގެ އެކި އަތޮޅުތަކާއި އެކި ރަށް ރަށުގައި ތަރައްޤީގެ ތަފާތު މަޝްރޫއު ތައް ހިންގުމަށް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެ ވަޑައިގެންފައި ވެއެވެ. ނަމަވެސް މިތަނުގައި އަޅުގަނޑު ބަލައިލާނީ އިއްތިހާދުގެ ކެންޑިޑޭޓަށް ވެރިކަން ލިބިއްޖެ ނަމަ ވާން އެދޭ ކަނތައްތަކަކަށް ނޫނެވެ. ވާން ނޭދޭ ކަންތައްތަކަށެވެ.

ވެރިކަން ލިބޭ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން، ރައީސް އޮފީހަށް ވަޑައިގެން އިބޫ ސޯލިހަށް ވެރިކަން ކުރައްވަން އުދަގޫވާ ގޮތަށް ރައީސް އޮފީހުގައި ޖަގަހަ ޖައްސަވާކަށް އަޅުގަނޑު ނޭދެއެވެ. ތިމަން މަނިކުފާނަކީ އެމް.ޑީ.ޕީ ގެ ރައީސޭ، ވެރިކަން ލިބުނީ އެމް.ޑީ.ޕީ އަށޭ ވިދާޅުވެ، އިބޫ ސޯލިހްގެ މަތިން އަރުއްވައި ބެކްސީޓް ޑްރައިވަރެއް ހެން ނަޝީދު ވެރިކަން ކުރައްވަން ފައްޓަވައިފިނަމަ އިސާހިތަކު ކޯލިޝަން ރޫޅި، ވެރިކަން ވިއްސިވިހާލި ވެގެން ހިގައިދާނެއެވެ.

ނަޝީދު ތާއިދު ކުރައްވާ، އެހެނަސް ދިވެހި ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާ އެމް.ޑީ.ޕީ ގެ ބައެއް ބޭފުޅުން މިނިސްޓަރުކަމަށް ނުވަތަ އެހެން ބައެއް އިސް މަޤާމް ތަކަށް ލައްވަން ނަޝީދު ބާރު އެޅުއްވުމުގެ ސަބަބުން އިބޫއަށް ކެބިނެޓް އައްޔަން ކުރައްވަން ދަތިވާ ހިސާބަށް ކަންތައްތައް ދާކަށް އަޅުގަނޑު ނޭދެއެވެ. ކެރަފާ ނަސީމަށް ފޮރިން މިނިސްޓަރުކަން، އަސްލަމް އަށް އެންވައަރަމެންޓް މިނިސްޓަރުކަން، ހާމިދު އަބްދުލް ޤަފޫރަށް ސްޓޭޓް މިނިސްޓަރ ކަން، އާދިލް ސަލީމަށް މިފްކޯ. މިގޮތަށް ގޮސް އެމް.ޑީ.ޕީ ގެ ވެރިކަމުގައި ރައްޔިތުންގެ އިތުބާރު ގެއްލިފައި ތިބި ތަފާތު ފަރާތްތަކަށް ނަޝީދުގެ ނުފޫޒުން މަޤާމްތައް ބެހުމަކީ އިބޫ ސޯލިހަށް ވެރިކަން ކުރައްވަން ދަތިވާނެ ކަމެއްކަން ޔަޤީނެވެ.

އިބޫ ސޯލިހަށް ތާއިދު ހޯދުމުގެ ގޮތުން ޑޭވިޑް ހާޑިންގހަމް ފަދަ އިސްލާމް ދީނާ ބީރައްޓެހި ފަރާތްތަކުން މަސައްކަތް ކުރާތަން ސޯޝަލް މީޑިއާއިން ފެނެއެވެ. އެހެން ކަމުން، ކޯލިޝަން އަށް ވެރިކަން ލިބުމާ އެކު ނަޝީދުގެ ފަރާތުން ހިތްވަރާއި ބާރު ލިބިގެން ޑޭވިޑް ހާޑިންގހަމް ފަދަ އިސްލާމް ދީނާ ބީރައްޓެހި ފަރާތްތަކުން ރާއްޖެ އައިސް ބޭނުންހާ ގޮތަކަށް ވާހަކަ ދައްކައި ހެދުމަކީ ކޯލިޝަންގެ ގިނަ ބަޔަކުވެސް ވާން އެދޭނެ ގޮތެއް ނޫނެވެ.

ކޯލިޝަނަށް ވެރިކަން ލިބުމާ އެކު ހަތަރު ޕާރޓީގެ މަދުގައި ކެބިނެޓްގެ މަޤާމް ތަކާއި އެހެނިހެން ސިޔާސީ މަޤާމްތައް ބަހާ އިރު ކޯޅުން ބޮޑުވެ، އެއްވެސް ތައުލީމެއް، ތަޖުރިބާއެއް ނެތް ފަރަތްތަކަށް ސިޔާސީ މަޤާމްތަކާއި، ކުންފުނިތަކުގެ އިސް މަޤާމް ތަކާއި، ކެބިނެޓްގެ މަޤާމް ތައް ދިނުމަކީ ޤައުމުގެ ތަރައްޤީ އާއި ކުރިއެރުމަށް ހުރަސް އެޅި، ކުރިއަށް ދާ ދުވެލި ލަސް ވެގެން ދާނެ ކަމެކެވެ. ހަތަރު ޕާރޓީ ގުޅިގެން ވެރިކަމަށް އަޔަސް މަޤާމް ތައް ދޭންޖެހޭނީ ވަކި ޕާރޓީ އަކަށް ބެލުމެއް ނެތި ތައުލީމީ، ޤާބިލް، ސިޔާސީ ނުވެ ޤައުމު ހިންގޭނެފަދަ ފަރާތްތަކަށެވެ. މިޤައުމު ހިންގަން ބޭނުންވަނީ ސިޔާސީ "ކޫޑިން" ނެއް ނޫނެވެ. ތައުލީމީ، ޓެކްނޮކްރެޓުންނެވެ.


ކޯލިޝަނަށް ވެރިކަން ލިބުމާއެކު އިސްލާމް ދީނާއި އިސްލާމީ ޝަރީއަތާ ގުޅުން ހުރި ދާއިރާ ތަކުން އަދާލަތު ޕާރޓީގެ ބަހެއް ނެތި، އިސްލާމް ދީނާ ބީރައްޓެހި ބައެއް ނިންމުންތައް ސަރުކާރުން ނިންމަން ފަށައިފި ނަމަ ކޯލިޝަންގެ ތެރޭގައި އިސާހިތަކު މައްސަލަ ބޮޑުވެ ބައިބައިވެ، ޤައުމު ތަރައްޤީ ކުރުމުގެ ބަދަލުގައި ސިޔާސީ ކޯޅުމުގައި މަސްތަކެއް ނުވަތަ އަހަރު ތަކެއް ބޭކާރުވެގެން ދިއުމަކީ ދުރު ކަމެއް ނޫނެވެ. މިއީ ވެސް ރައްޔިތުން ވާން އެދޭނެ ކަމެއް ނޫނެވެ.

ކޯލިޝަނަށް ވެރިކަން ލިބުމާ އެކު ނައިބު ރައީސާއި ރައީސާއި ދެމެދު ޙިޔާލް ތަފާތުވުން އުފެދި، އާ ނައިބު ރައީސަކު އައްޔަން ކުރަން ޖެހި، އެމަޤާމަށް ފާރިޝް ލުމަށް މައުމޫން ލޮބީ ކުރައްވައި، އަދި އެ މަޤާމަށް ޤާސިމްގެ އަނބިކަނބަލުން ލެއްވުމަށް ޤާސިމް ލޮބީ ކުރައްވައި، ސިޔާސީ ބޮޑު ކޯޅުމަކަށް ވުމަކީ ވެސް ރައްޔިތުން ވާން އެދޭނެ ކަމެއް ނޫނެވެ.

ކޯލިޝަނަށް ނުވަތަ އެމް.ޑީ.ޕީ އަށް ބާރު ލިބުމުން ރާއްޖޭގެ ސިޔާސީ ކަންކަމުގައި އިންޑިއާގެ ނުފޫޒު ގަދަވެ، އިންޑިއާގެ އިތުރު ހެލިކޮޕްޓަރާއި ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަށް ހުއްދަދީ، އިންޑިއާގެ ހަންފެތުރުމަށް ޖާގަ ލިބުމަކީ ޗައިނާ ފަދަ އިގްތިސޯދީ ބާރިތަކުގެ ކުރިމަތީގައި ރާއްޖެ ބާކީވެ، ސައުދި އެރެބިއާ ފަދަ އިސްލާމީ ޤައުމު ތަކުގެ ތާއިދު ގެއްލިދާނެ ކަމެކެވެ. އަދި ގިނަ ދިވެހީން ޤަބޫލް ކުރާގޮތުގައި އިންޑިއާ އަކީ ޗައިނާގެ އިގްތިސޯދީ "ދަންތުރަ" އަށް ވުރެ މާ ނުރައްކާ "ސިޔާސީ ދަންތުރައެއް" ގައި ރާއްޖެ ޖެއްސުމުގެ ނިޔަތް އޮތް ޤައުމުކެވެ. އެހެން ކަމުން އިންޑިއާ ކިތައްމެ ރީތި ވާހަކަތަކެއް ދެއްކިއަސް އިންޑިއާ އަކީ ދިވެހި ރާއްޖެ ކޮންޓްރޯލް ކުރަން އުޅޭ ޤައުމެއް ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ.

ކޯލިޝަނެގެ ވެރިކަމެއްގައި އިންޑިއާގެ ނުފޫޒުން ނާއި ރައީސް ނަޝީދުގެ ނުސީދާ ނުފޫޒުން ޤައުމު ސަލާމަތްވެ، ރައީސް ނަޝީދަށް ވެސް އިހްތިރާމާއި އިއްޒަތް އަރުވައި، އެހެނަސް ސިޔާސީ ނުފޫޒު ނުލިބޭ ގޮތަށް އޮތުމަކީ ގިނަބަޔަކު އެދޭނެ ގޮތެވެ. އަދި އެމް.ޑީ.ޕީ ގެ ސަރުކާރުގައި ކުރީން ތިއްބެވި، މިހާރު ރައްޔިތުނަގެ އިތުބާރު ގެއްލިފައިވާ ބޭފުޅުން އަލުން މަޤާމްތަކަށް އައުމަކީ ވެސް ގިނަބަޔަކު އެދޭނެ ގޮތެއް ނޫނެވެ. ޤައުމު ހިންގަން ޖެހެނީ ޤާބިލް، ތައުލީމީ، ޓެކްނޮކްރެޓުންނެވެ، ސިޔާސީ "ކޫޑިން" ނެއް ނޫނެވެ.

ރައީސް ޔާމިނަށް މި އިންތިހާބް ކާމިޔާބް ކުރެއްވުނަސް ރައްޔިތުން އެދެނީ ނިހާން، އަބްދުއްރަހީމް، ފަލާހް، ހުޅުދޫ ޝާހިދް ފަދަ ފަރާތްތަކުގެ ބަދަލުގައި ތައުލީމީ، ޤާބިލް، ޤައުމަށް އިހްލާސްތެރި ފަރާތްތައް ކެބިނެޓުންނާއި މަޖުލީހުން ފެނި، މިހާރަށްވުރެ ތަފާތު ގޮތަކަށް ޤައުމު ހިންގުމުގައި އެންމެން އެއްބައިވަންތަ ކުރުވައި، ޖަލުގައި ތިބި ސިޔާސީ ފަރާތްތައް ދޫކުރައްވައި މުޅި ޤައުމު އެއްބައިވަންތަ ކުރުވުމަށެވެ. މި ޤައުމުގެ އެންމެ ބޮޑު ރައުސުލްމާލަކީ މިޤައުމުގެ މިނިވަން ކަމާއި އިސްތިޤްލާލާއި މި ޤައުމުގެ އިސްލާމް ދީނެވެ. އަދި ދިވެހި ރައްޔިތުންގެ އެއްބައިވަނަތަކަމެވެ. އެއްވަސް ބަޔަކު އެބައެއްގެ އަމިއްލަ ފައިދާ އަށް ޓަކައި ޤައުމު ފުނޑު ފުނޑު ކޮށް ނުލާނެ ކަމަށް އުއްމީދު ކުރަމެވެ. ހިތާމައަކީ ރައްކާވެ ތިއްބަސް "ދަތުރު" ލިބޭނެކަމުގެ ޔަޤީންކަމެއް ނެތުމެވެ. މިހާރުދެން ކުރެވެން އޮތްހާވެސް ކަމަކީ މިދިވެހި ޤައުމާއި މިވަޒަނަށްޓަކައި ހެޔޮ ދުއާ ކުރުމެވެ. ވަﷲ އައުލަމް!

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟