ހިޔާ މަޝްރޫއު

ޗައިނާއިން އަޅައިދޭ ފުލެޓްތަކަށް ޖެހެނީ އަކަފޫޓަކަށް 1450 ރުފިޔާ: ޗައިނާ ސަފީރު

މަރިޔަމް ޝަހުދާ

1

ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 7000 ފްލެޓުތައް އަޅާދީފައިވަނީ ފިނިޝިންއާއެކު އަކަފޫޓެއް 1450 ރުފިއާއަށް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ ޗައިިނާ އިން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓްތައް އަޅަދީފައިވަނީ ފިނިޝިންގާނުލާ އަކަފޫޓެއް 1900 ރުފިޔާއަށް ކަމަށެވެ.

އެވާހަކަތަކާ ގުޅިގެން ފުލެޓްތައް އިމާރާތް ކުރާ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިއަން ކޮމްޕެނީ (ސީއެސްސީއީސީ)ގެ ފަރާތުން ހައުސިން ޔުނިޓްތަކުގެ މައުލޫމާތު ހޯއްދަވައިގެން ޗައިނާ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންޓްރެކްޓަރުގެ ފަރާތުން ހަތް ކަމެއް އެނގިވަޑައިގެންނެވި ކަމަށެވެ.

އެގޮތުން 7000 ހައުސިން ޔުނިޓްގެ ތެރެއިން އޭގެ ކޮންމެ ޔުނިޓެއް އިމާރާތް ކުރަން 62000 އެމެރިކާ ޑޮލަރު ހަރަދުވާ ކަމަށާއި އޭގެތެރޭގައި ކޮމަން އޭރިއާ އާއި ޕާކިން ވެސް ހިމެނޭ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި 720.16 އަކަފޫޓް ހުންނާނެ ކަމަށާއި ފިނިޝިންއާ ނުލާ އަކަފޫޓަކަށް ޖެހެނީ 1327 ރުފިޔާ ކަމަށް ސަފީރު ވިދާޅުވެފައިވެއެވެ.

އަދި ވިދާޅުވީ، ފިނިޝިންއާއެކު އަކަފޫޓަކަށް ޖެހޭނީ 1450 ރުފިޔާ ކަމަށެވެ. އެ އަގުގެ ތެރޭގައި ޖިއޯޓެކް އިންވެސްޓިގޭޝަން ތަކާއި ޑިޒައިން އަދި ކޮންސަލްޓެންސީ ޗާޖު ވެސް ހިމެނެއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، އެ ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ ވިޔަފާރި ލޯނެއްގެ ދަށުން ކަމަށާއި އަގުގެ ތެރޭގައި ހުރިހާ ކަމަކަށް ބޭނުންވާ ފައިސާގެ އިތުރުން އިންޝުއަރެންސް ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ހައުސިން ޔުނިޓްތަކުގައި ސްޓޭންޑްބައި ޖަނަރޭޓަރު ސެޓްތައް ގާއިމްކޮށްފައިވާ ކަމަށް ވެސް ސަފީރުގެ ޓުވީޓްގައި ފާހަގަކޮށްފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫއުގެ ނަމުގައި 7000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށީ 19 ޑިސެމްބަރު 2017 ގައެވެ. އެއީ 25 ބުރީގެ 16 ޓަވަރެވެ. ނަމަވެސް މި ސަރުކާރުން ވަނީ ހިޔާ ފްލެޓްތައް ޑިޒައިންކޮށްފައި ހުރީ ދިރިއުޅުމަށް އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި އެ ފްލެޓްތަކުގެ ޑިޒައިންއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.