މާރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު، ޑިފެންސް މިިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ގައުމީ ދިފާއީ ބާރުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.
ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ބައިވެރިވެވަޑައިގެން ޑިފެންސް މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ނެރެފައިވާ އިންޓެރިމް ރިޕޯޓާއި ގުޅޭ ގޮތުންވަނީ މަޝްވަރާ ކުރައްވައިފައެވެ. އަދި ބައްދަލުވުމުގައި ހައްދުފަހަނައަޅާދިއުމާއި ވަޔަލެންޓް އެކްސްޓްރީމިޒަމްގެ އަމަލުތައް ރާއްޖޭގައި ހިނގާކަމީ އެބޭފުޅުން އިންތިހާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން ވަނީ ފާހަގަކުރައްވާފައިވެއެވެ.
އެމްއެންޑީއެފުން ބުނީ، ހައްދުފަހަނައަޅާދިއުން ފަދަ ކަންކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތާއި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅިފައިވާ ކަމަކަށްވާއިރު، ސިފައިންނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ސުލްހަވެރި، އަމާން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖޭ ދެމެހެއްޓުމަށްޓަކައި، ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ "ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް" ތަންފީޒުކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މާރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ، އަލްގައިދައާ ގުޅުން އޮންނަ ނުސްރާ ފްރަންޓް ނުވަތަ ޖަބްހަތުއް ނުސްރާ އަދި އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވާ ޖަމާއަތުގެ ބަޔަކު ރާއްޖޭގައި ވަރަށް ކުރީއްސުރެ ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް، ދޯންޏަކަށް އެރުވުމަށްފަހު މަރާލާފައިވަނީ ވެސް ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާ ގޮފިން ކަމަށް ރިލްވާންގެ މައްސަލާގައި މިހާތަނަށް ހޯދި ހެކިތަކުން އެނގިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.