މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 36

އަބްދުﷲ ފާރޫގް ހަސަން

2

އިހުގައި މަލިކުގައިހުރި އޮޑިފަހަރު:

ގާތްގަނޑަކަށް 1933،34 ން ފެށިގެން 1964،65 އާދެމެދު މަލިކުގައި ހުރީ ދިހައޮޑިއެވެ. ތިރީގައިމިވަނީ މިދެންނެވި އޮޑިފަހަރުގެ ނަންތަކާއި އެއޮޑިފަހަރުގެ ވެރީންނާއި ދަތުރުކުރި ތަންތަނެވެ.

ނަމަވެސް މިހާރު މަލިކުމީހުންގެ އަމިއްލަ އޮޑިފަހަރު ވަރަށް މަދެވެ. އަޅުގަނޑުމެން (ޢަބްދުﷲ ޞާދިޤު، ފާރޫޤްޙަސަން) 1990 ސެޕްޓެމްބަރުގައި މަލިކަށް ދިޔައިރު މަލިކުގައި ހުރީ ތިންއޮޑިއެވެ. އެއީ "މަލިކު އުންމީދާއި"، "ނިކަބަނޑުއޮޑި" އާއި "ނިޝާ" އެވެ. މީގެތެރެއިން ނިކަބަނޑުއޮޑި މަރާމާތު ކުރާތަނަށް އަޅުގަނޑުމެންގޮސް އޮޑީގެ މާލިމީއާ ބައްދަލުކޮށް މަޢުލޫމާތު ހޯދައި އުޅުނީމުއެވެ. މިހާރު އެއޮޑިފަހަރުގައިވެސް ވަނީ އިންޖީނު އަޅާފައެވެ.

ދަތުރުފަތުރުގެ ރޮނގުން ފަސޭހަތައް ލިބުން:

ދަތުރުފަތުރުގެ މައިދާނުގައި މަލިކަށް ތަރައްޤީ އަންނާންފެށީ 1958 ގެ ފަހަށެވެ. އިނގިރޭސީން އިންޑިޔާގެ މައްޗަށް ވެރިކަން ހިންގި ދުވަސްވަރު އެކަމުގެ އެއްވެސް އަސަރެއް ތަރައްޤީގެ ގޮތުން މަލިކަށް ފޯރާފައި ވެއެކޭ ނުދެންނެވޭނެއެވެ. ނަމަވެސް މަލިކުގައި މަޝްހޫރު މަލިކުބައްތި ޖެހީ އިނގިރޭސީންނެވެ. މީގެ އިތުރަށް މޫސުން ބަލާ މަރުކަޒެއް (މަލިކުމީހުން ކިޔާގޮތަށް ދަންނަވާ ނަމަ ވައިބަލާ އޮފީހެއް) އިނގިރޭސީން އުފެއްދިއެވެ. އިނގިރޭސީންގެ ބޯޓުފަހަރުން މަލިކު މީހުންނަން ފަޅުވެރީންގެ ގޮތުގައި ޖާގަދިނެވެ. ހަނގުރާމައިގެ ދަތިކަން އެންމެބޮޑުވެގެން ދިޔައިރުވެސް ނުހަނު ދީލަތި ގޮތެއްގައި ކާޑުގެ މައްސަލަތައް ހަމަޖައްސައިދިނެވެ. އެހެންކަމާއެކު އިންޑިޔާގެ މިނިވަންކަމުގެ ހަނގުރާމަ ހިނގީ ހުރިހާ މާނައެއްގައިވެސް މަލިކާ ވަރަށް ދުރުގައެވެ. 15 އޮގަސްޓް 1947 ގައި އިންޑިޔާއަށް މިނިވަންކަން ލިބުނު ޚަބަރު މަލިކަށް ލިބުނީ އޭގެ ދެތިންމަސް ފަހުންނެވެ.

އިންޑިޔާއަށް މިނިވަންކަން ލިބުމަށްފަހު އަހަރުތަކެއް ވަންދެން މަލިކު އޮތީ ވަކިފަރާތަކަށް ލައްވާނުލައެވެ. މިނިވަންކަން ލިބުނުތާ ތިން އަހަރުވީއިރުވެސް މަލިކަކީ އޮންނަ ތަނެއްކަންވެސް އިންޑިޔާގެ ސަރުކާރެއް ނުދަނެއެވެ. އިންޑިޔާގެ ޤާނޫނު އެބުނާ ޔުނިއަން ޓެރިޓަރީއަކަށް މަލިކު ވެގެންދިޔައީ 1956 ގައެވެ. ނަމަވެސް ދަތުރުފަތުރުގެ މައިދާނުގައި މަލިކުމީހުންނަށް ކުރިޔަށް ފިޔަވަޅެއް އެޅުނީ 1958 ގައެވެ. އެމް.ވީ. "އަޝޯކާ" މިނަންކިޔާ ބޯޓެއް މަލިކާ ދިގުކަރަޔާ ދެމެދުގައްޔާއި މަލިކާ ލަކުޑިދީބުގެ އެހެނިހެން ރަށްރަށާ ދެމެދު ދަތުރުކުރަން ފެށުމުންނެވެ. އޭގެފަހުން 1959 ން 1962 އާ ދެމެދު އެމް.ވީ. "ސީފޯކަސް" އެވެ ކިޔުނު ބޯޓެއް މަލިކާ ދިގުކަރަޔާ ދެމެދު ދަތުރުކުރިއެވެ.

63-1962 ގައި އެމް.ވީ. "ދަހަނަލަކްޝަމީ" އެވެ ކިޔާ ބޯޓަކާއި އެމް.ވީ. "ރާޖަލަކްޝަމީ" އެވެ ކިޔާބޯޓެއް ލަކުޑިދީބު ސަރުކާރުން ދުއްވަން ފެށިއެވެ. 19 ޑިސެމްބަރު 1966 ގައި އެމް.ވީ. "ލަކަޑިވްޒް" އެވެ ކިޔާ ބޯޓެއް ދުއްވަން ފެށިއެވެ. މިއީ 49 މީހުންގެ ޖާގަހުރި، 40 ޓަނުގެ މުދާ އެރުވޭ ބޯޓެކެވެ. 1969 ގައި އެމް.ވީ. "ބިއްތުރާ" މިނަންކިޔާ ބޯޓެއް ދުއްވަން ފެށިއެވެ.

ދަތުރުފަތުރުގެ ރޮނގުން މަލިކަށް އެންމެ ފުޅާ ދާއިރާއެއްގައި ފަސޭހަތަކެއް ލިބިގެން ދިޔައީ 4 އޭޕްރިލް 1970 ގައެވެ. އެއީ އެމް.ވީ. "އަމީންދީވް" ދުއްވަން ފެށުމުންނެވެ. އެއީ 212 މީހުންނަށް އަރާމުގައި ދަތުރުކުރެވޭ އުޅަނދެކެވެ. 800 ޓަނުގެ މުދާ އެރުވެއެވެ.

1982 ވަނައަހަރުގެ ޖުލައިމަހު އެމް.ވީ. ބަހާރަތުސީމާއެވެ ކިޔާ ބޯޓެއް ދީބުތެރެއާއި މަލިކާއި ދިގުކަރަޔާ ދެމެދު ދުއްވަން ފެށިއެވެ. މިއީ 338 ޑެކްފަސިންޖަރުންނާއި އެއަރކަންޑިޝަން ކޮޓަރިތަކުގައި 40 ފަސިންޖަރުން އުފުލާ ބޯޓެކެވެ. 160 ޓަނުގެ މުދާ އެރުވެއެވެ.

1988 ސެޕްޓެމްބަރުގައި މަލިކަށް ފަސިންޖަރލައިނަރެއްގެ ޚިދުމަތް ލިބެން ފެށިއެވެ. އެއީ އެމް.ވީ. ޓިއްޕޫ ސުލްޠާނެވެ. މިއީ މަޝްހޫރު ގަލްފުހަނގުރާމައިގެ ދުވަސްވަރު ކުވެއިތުގައިތިބި އިންޑިޔާމީހުން ބަލައި ދިޔަވެސް ބޯޓެވެ. ތިރީގައިމިވާ ތާވަލުން 1990 އާއި 1991 ގައި ޓިއްޕޫ ސުލްޠާންގެ ދަތުރުތައް މަލިކަށް ހަމަޖެހިފައި އޮތްގޮތް އެނގިވަޑައިގަންނަވާނެއެވެ.

ވައިގެދަތުރުފަތުރު:

ލަކުޑިދީބަށް ހެލިކޮޕްޓަރެއްގެ ޚިދުމަތް ލިބެންފެށީ 24 ޖުލައި 1987 ގައެވެ. މިގޮތުން މަލިކުން ކޮއްޗެއަށްވެސް ޢާންމުކޮށް ހަފްތާއަކު އެއްފަހަރު ހެލިކޮޕްޓަރުގެ ދަތުރު އޮވެއެވެ.

އަޅުގަނޑުމެންގެ ދަތުރާ ބެހޭ ވަރަށް މަޖާ ވާހަކައެއް ވެސް މިހައިތަނުން ދަންނަވާލާހިތްވެއްޖެއެވެ. ޔުނެސްކޯއިން އަޅުގަނޑުމެންގެ ދަތުރު ހަމަޖައްސައިދޭންވެގެން ޓިކެޓު ނަގަންވީ ކަނޑުމަގުންތޯ ނުވަތަ ވައިގެ މަގުންތޯ ސުވާލުކުރި އެވެ. އޭރު މަލިކުގެ ދިވެހި މުދައްރިސުންގެ ހަތަރު މީހަކު މާލޭގައި ތިއްބެވެ. އެމީހުން ދުވާލުގެ ގިނަ ވަގުތު ހޭދަކުރަނީ އަޅުގަނޑުމެންނާއެކުގަ އެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައެވެ. މަލިކަށް ދިޔުމުގެ ދަތުރު އޮންނާނެ ގޮތަކާ ބެހޭގޮތުން އަޅުގަނޑުމެން އެމީހުނާ ވާހަކަ ދެއްކީމުއެވެ. އެމީހުން ޖަވާބުދިނެވެ. މަތިންދާ ބޯޓު ދަތުރެއް ނޯވެއެވެ. ހެލިކޮޕްޓަރު އޮންނާނެއެވެ. ނައުވެސް އޮންނާނެއެވެ. އަޅުގަނޑާ ސޯދިގާ ދެމީހުން އިތުރު ސުވާލުކުރުމެއްނެތި ނިންމީ ހެލިކޮޕްޓަރުގައި ދަތުރުކުރުމަށެވެ. ނައު އަޅުގަނޑުމެންނަށް މާނަކުރެވުނީ ދިވެހީން އާންމުގޮތެއްގައި ނައު މާނަކުރާގޮތަށެވެ. މަލިކުގެ މާސްޓަރުންލައްވައި ނައު މާނަކުރުވާކަށެއް ނުއުޅެމުއެވެ. އެކާވީސް ވަނަ ޤަރުނުގައި ނަވުގައި ދަތުރުކުރާހިތެއް ނުވިއެވެ. އެހެންކަމުން އަޅުގަނޑުމެން ޔުނެސްކޯއިން ޓިކެޓު ހޯދީ ހެލިކޮޕްޓަރުގައި ދަތުރުކުރާގޮތަށެވެ.

ކޮއްޗެއިން މަލިކަށް ދާން ފުރަން އޮތް ދުވަހު އެއާޕޯޓަށް ދިޔުމުން އެނގުނީ އަޅުގަނޑުމެންގެ ދަތުރުފޮށި (ސޫޓުކޭސް) ހެލިކޮޕްޓަރުގެ މުދާއަރުވާބައިގެ ދޮރުން ނުހިނގާކަމެވެ. ޙަޤީޤަތުގައި އެ ހެލިކޮޕްޓަރަކީ ބަލިމީހުން އުފުލާން ބޭނުންކުރާ ހެލިކޮޕްޓަރެކެވެ. ޖާގަ އޮންނަ ވަރަކުން ފަސިންޖަރުންވެސް ގެންދަނީއެވެ. އެހެންކަމުން އަޅުގަނޑުމެންގެ އެކުވެރި އެދުރުކާގޭ މުޙައްމަދާ ފޮށިތައް ޙަވާލުކޮށްފައި "ލިޔާގަލަންދާން" (ބްރީފްކޭސް) ހިފައިގެން އަޅުގަނޑުމެން ހެލިކޮޕްޓަރަށް އަރައިފީމުއެވެ. މަލިކަށް ދިޔައިރު މަލިކުގައި ތައްޔާރީ ހެދުން ވިއްކާ ފިހާރައެއް ނުހުރެއެވެ. އެހެންކަމުން ހެދުން ބަދަލުކުރާން ބޭނުންވުމުން ފިހާރަޔަކުން މުންޑަކާއި ގަންޖުފަރާހަކާ ގަނެލައިގެން ނުތޯޑުވައި މުންޑު އަނދެގެން ގަންޖުފަރާސް ލައިގެން އުޅޭން ފަށައިފީމުއެވެ. ތިންވަނަޔަށް ވީ ދުވަހު އަޅުގަނޑުމެންގެ އެކުވެރި އެފް.ޖީ މުހައްމަދާއި ކޭ.ޖީ މުހައްމަދާ ދެމީހުން އަޅުގަނޑުމެންގެ ދެމީހުންގެ ގާތުގައި ބުނެފިއެވެ. މިއަދަކީ ނައު އަންނަ ދުވަހެވެ. ފޮށި ބަލައި ބަނދަރަށް ދަމާ ހިނގާށެވެ. އަޅުގަނޑުމެން ދެމީހުންވެސް ނައު ބަލައިލާހިތުން ބަނދަރަށް ހިނގައްޖައީމުއެވެ. ބަނދަރަށް ދިޔައިރު އެމް.ވީ ޓީޕޫސުލްޠާން ބަނދަރުގައި އޮތެވެ. ބޮޑު ސިންގާ ފަސިންޖަރު ލައިނަރެކެވެ. މާސްޓަރުން ނައު އޮންނާނެ ވާހަކަ އެ ބުނީ އެމް.ވީ ޓީޕޫ ސުލްޠާނާއި އެމް.ވީ ބަހާރަތު ސީމާގެ ވާހަކަ އެވެ.

އޭރު މަލިކާއި ކޮއްޗެއާ ދޭތެރޭގައި އާދަވެގެން ދަތުރުކުރާ ދެ ފަސިންޖަރު ލައިނަރެއް އޮވެއެވެ. ބަހާރަތުސީމާ އާއި ޓީޕޫ ސުލްޠާނެވެ. އެއިން އުޅަނދެއްގައި ދަތުރުކުރި ނަމަ އަޅުގަނޑުމެންނަށް ލަކުޑިދީބުގެ ބައެއް ރަށްރަށް ބަލައިލައިފައި ތިން ދުވަހުން މަލިކަށް ދެވުނީހެވެ. ކޮންމެއަކަސް އަޅުގަނޑުމެންނަކަށް އެނަސީބެއް ނުލިބުނެވެ. މިއީ ބަހުގެ ހުރަހެއްތޯއެވެ؟ ނުވަތަ ސޭވާ ދެމީހަކު ކަންކަން ބަލަންވާވަރަށް ނުބެލުމުގެ ނަތީޖާތޯ އެވެ؟ ގޮތެއް ނިންމެވުން އެދެނީ ތިޔަ ބޭފުޅުންނެވެ.


16 އޭޕްރީލް 1988 އަކީ، މަލިކު މިހާރު އެއަތޮޅެއްގައި ހިމެނޭ ލަކުޑިދީބު އިންޑިޔާގެ ވައިގެބަނދަރުތަކުގެ ޗާޓުގައި ފާހަގަ ކުރެވުނު ދުވަހެވެ. އާދެ، ލަކުޑިދީބުގެ އަގައްތީގައި އެއަރޕޯޓެއް ހުޅުވުނު ދުވަހެވެ. ވައިގެބަނދަރު ހުޅުވައިދެއްވީ އިންޑިޔާގެ އޭރުގެ މަރުކަޒީ ސަރުކާރުގެ ސިވިލްއޭވިއޭޝަނާބެހޭ ވަޒީރު ޖަނާބު މޯތީލާލް ވޯރާއެވެ.

އަގައްތީއަށް ހަފްތާއަކު ތިން ފްލައިޓް އޮވެއެވެ. ނަމަވެސް މަލިކުމީހުން އަގައްތީ މަގުން ދަތުރުފަތުރުކޮށެއް ނުއުޅެއެވެ. މަލިކުމީހުން ދަތުރުކުރަނީ ހެލިކޮޕްޓަރުގައި ނުވަތަ ކަނޑުމަގުން ސީދާ ކޮއްޗެއަށެވެ.

(ނުނިމޭ)