އެމްޑީޕީ

އެމްޑީޕީ "ފްލެގް މޭން" އުޅެނީ ހާލުގައެއް ނޫން، އެ ފޮޓޯ ނެގީ ހުއްދަ ނުހޯދައި: ރައީސް ނަޝީދުގެ ދަރިކަނބަލުން

ފަތޯނާ ފާއިޒު

8

އެމްޑީޕީގެ "ފްލެގް މޭން"އަކީ ގިނަ ބަޔަކު ދަންނަ މޫނެކެވެ. ހާއްސަކޮށް އެޕާޓީގެ މެންބަރުންނަށް އެއީ ކާކުކަން ނޭނގިއެއް ނުހުންނާނެއެވެ.

ހއ.ހޯރަފުއްޓަށް އުފަން އަހުމަދު އަބްދުއްސަމަދަކީ، އެމްޑީޕީން ހިންގި ސިޔާސީ ގިނަ ހަަރަކާތްތަކެއްގެ އިސް ސަފުގައި އެޕާޓީގެ ދިދަ ވިހުރުވަން އުޅުނު، އެޕާޓީގެ މެންބަރުންގެ އިހުތިރާމު ލިބިފައިވާ މީހެކެވެ.

ފްލެގްމޭން މާލޭގެ މާރުކޭޓު ސަރަހައްދުގައި، އެކަނި ބާލިދީއަކަށް ދެފައި ލައިގެން، މޮޅިވެރިކަމާއެކު އެތަނުގައި އިށީންދެ އިން ފޮޓޯއެއް ދާދި ފަހުން ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ. އެ ފޮޓޯ ދައުރުވާން ފެށުމުން އެމްޑީޕީއަށްޓަކައި ގުރުބާންވި ފްލެގްމޭން ނިކަމެތި ކޮށްފި ކަމަށް ބުނެ އެޕާޓީއަށް ގިނަ ބަޔަކު ފާޑު ކިޔަން ފެށިއެވެ. ފާޑުކީ މީހުންގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނެއެވެ.

އެހެންނަމަވެސް ބައެއް ފަހަރު ފެންނަ މަންޒަރާއި ކަން އޮތް ގޮތާ ދިމާ ނުވުމަކީވެސް ވެދާނެ ކަމެކެެވެ. މިފަހަރު މިއޮތީ އެހެންވެފައެވެ. ފްލެގްމޭންގެ ދައުރުވަމުން އަންނަ ފޮޓޯއާ ގުޅިގެން މީހުންގެ ހިތްތަކުގައި އުފެދިގެން އުޅެނީ ކުށް ހީއެކެވެ. އެކަން ޔަގީންކޮށްދެއްވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ނަޝީދެވެ.

މީރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަމަދު މާރުކޭޓުގައި ލޮނުފެން ބާލިދީއަކަށް ފައި ލައިގެން، އެކަނި އިން މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާގައި ދައުރުވުމުން އޭނާގެ ބައްޕާފުޅު ރައީސް ނަޝީދާއި މަންމާފުޅު ލައިލާ އަލީވެސް ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ. އަދި ސަމަދުގެ ހާލު ބަލަން މީހަކު ފޮނުވި ކަމަށްވެސް ވިދާޅުވިއެވެ.

"ސަމަދު އުޅެނީ ވިލިނގިލީގައި، ތިމާގެ މީހުންނާއެކު. ކެއިން ބުއިން ފަދަ އެންމެ އަސާސީ ބޭނުންތައް ނުފުއްދިގެން އޭނާއެއް ނޫޅޭ،" މީރާ ވިދާޅުވިއެވެ.

ސަމަދުއާ ހަވާލާދީ މީރާ ވިދާޅުވިގޮތުގައި އޭނާގެ މައިބަދައަށް އަނިޔާވެގެން އެތައް ފަހަރަކު ފަރުވާ ކޮށްފައިވެއެވެ. މިހާރުު އޭނާ ބޭނުންވަނީ ދިވެހި ބޭސް ކުރަންށެވެ. އަދި މައިބަދައަށް ލިބުނު އަނިޔާގެ ސަބަބުން ސަމަދުގެ ދެފައި ދުޅަވާ ކަމަށްވެސް މީރާ ވިދާޅުވިއެވެ.

"އެ ފޮޓޯ ނެގި ދުވަހު ސަމަދު މަޑުކޮށްގެން ހުރީ (މާރުކޭޓު ސަރަހައްދުގައި) ރައްޓެއްސެއް އަންނަންދެން. އޭރު ވާރޭ ވެހޭ. ވާރެއިން ހިމާޔަތް ހޯދައިގެން އޭނާ އިށީނީ ލޮނު ފެން ބާލިދީއަކަށް ފައިލައިގެން،" މީރާ ވިދާޅުވިއެވެ.

ސަމަދު އެކަން ކުރީ ކޮންމެވެސް މީހަކު ބުނެގެން ފައިގެ ފަރުވާ އަކަށެވެ. ރައީސް ނަޝީދުގެ ދަރިކަނބަލުން ވިދާޅުވިގޮތުގައި އެ ފޮޓޯ މީހަކު ނަގާފައިވަނީ ސަމަދުގެ ހުއްދަވެސް ނުހޯދައެވެ.

މީރާ ވިދާޅުވީ ސަމަދު އުޅެނީ ސަލާން ޖަހަން ކަމަށް ބުނެ މީހަކު އެފޮޓޯ ބޭނުން ކުރަނީ އަމިއްލަ އެޖެންޑާއެއް ފަތުރަން ކަަމަށާއި އެކަމާ ސަމަދު ހުރީ ހިތްހަމަނުޖެހިފައި ކަމަށެވެ. އަދި ކަމުގެ ހަގީގަތް މީހުންނަށް އެނގެން ސަމަދު ބޭނުންވާ ކަަމަށާއި އެއްވެސް ކަމެއް ބޭނުން ނުވާ ކަމަށް ސަމަދު ބުނެފައިވާ ކަމަށް ވެސް މީރާ ވިދާޅުވިއެވެ.