ޚަބަރު

ފޮރިން މިނިސްޓަރު ޝާހިދު މިމަހު ޗައިނާއަށް ވަޑައިގަންނަވަނީ

އާނިފާ ހުސެއިން ސިރާޖް

މިމަހުގެ މެދުތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި ޗައިނާއަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުގެ ތައްޔާރީތަކާއި ދަތުރުގައި މަޝްވަރާކުރައްވާނެ ދާއިރާތަކާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ޝާހިދު އިއްޔެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއާ ބައްދަލުކުރައްވާފައި ވާހަކަދައްކަވާފައިވާ ކަމަށެވެ.

މި ދަތުރު ވެގެންދާނީ ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ދަތުރަކަށް ކަމަށްވެސް ޗައިނާއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ދެގައުމު ގުޅިގެން ކުރިއަށްގެންދާ އެކި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެބޭފުޅުން ހިއްސާކުރައްވައި، ކުރިއަށްއޮތް ތަނުގައި ގުޅިގެން ކުރެވޭނެ ބައެއް ކަންތައްތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި އެސިސްޓެންޓް ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫގު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ 2018 ވަނަ އަހަރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރެވެ.

ފޮރިން މިނިސްޓަރު ޝާހިދު ޗައިނާގެ ސަފީރާ ބައްދަލުކުރެއްވި އިރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ މުހައްމަދު ނަޝީދުގެ ދާދި ފަހުން ދެއްކެވި ވާހަކަފުޅުތަކަކަށް ޗައިނާގެ ސަފީރު އިއްޔެ ވަނީ ރައްދުދެއްވައިފައެވެ.

ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ ޗައިނާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ދަރަނިވެރި ކުރުވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ގިނަ އަދަދެއްގެ ކޮމާޝަލް ފައިސާ ރާއްޖެއަށް ވައްދައި، ނުއަގުގައި ހިންގި މަޝްރޫއުތަކަށް އެ ފައިސާ އިންވެސްޓް ކުރި ކަމަށާއި އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަށް ފަންޑުކޮށްފައިވަނީ ޗައިނާގެ އެގްޒމިން ބޭންކުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އީސްޓް އިންޑިއާގެ ކޮމްޕެނީން އިންޑިއާގެ ބިންތަކަށް ވެރިވެގަތް ވަރަށް ވުރެ ގިނައިން އެއްވެސް ހަނގުރާމައެއް ނެތި ޗައިނާއިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ބިންތައް ފޭރިގަނެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާގެ ސަފީރު ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ، ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށާއި މިހާރު އޮތް ސަރުކާރާއެކު ވެސް ޗައިނާއާ ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ކަމަށެވެ. އަދި ނަޝީދު ފަދަ އެންމެ ބޭފުޅަކު ދެކިލައްވާ ގޮތެއްގެ ސަބަބުން މައްޗަށް ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ބުރުލެއް ނާންނާނެ ކަމަށާއި ނަޝީދު ވިދާޅުވާ ބިންތައް އަތުލުމާއި އިސްތިއުމާރު ކުރުމަކީ ޗައިނާގެ ޖީން އެއް ނުވަތަ ތޮބީއަތެއް ނޫން ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.