ދުނިޔެ

ޒިމްބާބުވޭގެ ކުރީގެ ރައީސް މުގާބޭ އަވަހާރަވެއްޖެ

އާނިފާ ހުސެއިން ސިރާޖް

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭ އަވަހާރަވެއްޖެއެވެ.

ޒިމްބާބްވޭގެ ވެރިކަން 30 އަހަރަށްވުރެ ގިނަ ދުވަހު ކޮށްފައިވާ ރޮބާޓް މުގާބޭ އަވަހާރަވީ އުމުރުން 95 އަހަރުފުޅުގައެވެ. މުގާބޭ އަވަހާރަވެފައިވަނީ ސިންގަޕޫރުގެ ހޮސްޕޓަލެއްގައި ފަރުވާ ދެމުންދަނިކޮށްކަން ކަށަވަރުވެފައިވީ ނަމަވެސް ފަރުވާދެމުން ދިޔަ ސަބަބު ވަނީ ސިއްރުކުރެވިފައެވެ.

މުގާބޭ އަވަހާރަވުމާ ގުޅިގެން ޒިމްބާބްވޭގެ މިހާރުގެ ރައީސް އަދި މުގާބޭގެ ރައީސް ކަމުގެ ދައުރުގައި ނައިބު ރައީސްކަން ކުރެއްވި އެމާސަން މޫނަންގާގުވާ ވަނީ މުގާބޭއަކީ ޒިމްބާބުވޭގެ މިނިވަންކަމުގެ ހަރަކާތުގެ ބާނީ ކަމަށާއި ރައްޔިތުން ބާރުވެރިކުރުވުމަށް ކޮށްފައިވާ މަސައްކަތާއި ގައުމަށް ކޮށްދެއްވާފައިވާ މުގާބޭގެ އަގުހުރި ހިދުމަތްތައް ހަނދާނުން ނުފިލާނެ ކަމަށް ވިދާޅުވެ މުގާބޭ އަވަހާރަވުމާ ގުޅިގެން ހިތާމަފާޅުކުރައްވައި ޓުވީޓެއް ކުރައްވައިފައެވެ.

މުގާބޭ ފުރަތަމަ ޕޮލިޓިކަލް ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފައްޓަވާފައިވަނީ ޒިމްބާބްވޭއަށް މިނިވަންކަން ހޯދައިދިނުމަށެވެ. އަދި އަމިއްލައަށް އިސްނަގައިގެން ގައުމުގެ މިނިވަންކަމަށްޓަކައި މުގާބޭ ވަނީ ހަނގުރާމަކޮށް ގިނަ އަހަރުތަކެއް ޖަލުގައި ހޭދަކުރައްވައިފައެވެ. ދިހަ އަހަރު ޖަލުގައި ހޭދަކުރެއްވުމަށްފަހު މުގާބޭ ވަނީ ޔުނިވާރސިޓީ އޮފް ލަންޑަނުން އެޑިއުކޭޝަން އަދި އިކޮނޮމިކްސް އެންޑް ލޯގެ ޑިގްރީ ހާސިލްކޮށްފައެވެ.

މުގާބޭ ވަނީ 1980 ވަނަ އަހަރުގެ ފެބުރުއަރީ މަހު ފުރަތަމަ ފަހަރަށް މިނިވަން ގައުމެއްގެ ގޮތުގައި ޒިމަބާބްވޭގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަން ކުރައްވައިފައެވެ. އެއަށްފަހު 1987ގައި ރައީސްކަމުގެ މަގާމާ މުގާބޭ ހަވާލުވެވަޑައިގެންނެވިއެވެ. މުގާބޭ ރައީސްކަމުގެ މަގާމުން ދުރުކުރެވުނީ 2017 ވަނަ އަހަރުއެވެ.