ޚަބަރު

ރައީސް ނަޝީދަށް ޗައިނާ ސަފީރުގެ ރައްދު: ''ރާއްޖެއިން ވިލާކޮޅެއްހާ މިންވަރު ވެސް ނަގާފައެއް ނުވާނެ''

އިސްތިއުމާރު ކުރުމަކީ ޗައިނާގެ "ޖީން" ގައި ނެތް ސިފައެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޗައިނާގެ ސަފީރު ޒޭންގް ލިޒްހޮންގް ރައްދު ދެއްވައިފިއެވެ.

ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ޗައިނާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ދަރަނިވެރި ކުރުވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގައި ގިނަ އަދަދެއްގެ ކޮމާޝަލް ފައިސާ ރާއްޖެއަށް ވައްދައި، ނުއަގުގައި ހިންގި މަޝްރޫއުތަކަށް އެ ފައިސާ އިންވެސްޓް ކުރި ކަމަށާއި އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަށް ފަންޑުކޮށްފައިވަނީ ޗައިނާގެ އެގްޒމިން ބޭންކުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އީސްޓް އިންޑިއާގެ ކޮމްޕެނީން އިންޑިއާގެ ބިންތަކަށް ވެރިވެގަތް ވަރަށް ވުރެ ގިނައިން އެއްވެސް ހަނގުރާމައެއް ނެތި ޗައިނާއިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ބިންތައް ފޭރިގަނެފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ޗައިނާގެ ސަފީރު ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ، ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

މިހާރު އޮތް ސަރުކާރާއެކު ވެސް ޗައިނާއާ ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ކަމަށާއި ނަޝީދު ފަދަ އެންމެ ބޭފުޅަކު ދެކިލައްވާ ގޮތެއްގެ ސަބަބުން މައްޗަށް ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ބުރުލެއް ނާންނާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ނަޝީދު ވިދާޅުވާ ބިންތައް އަތުލުމާއި އިސްތިއުމާރު ކުރުމަކީ ޗައިނާގެ ޖީން އެއް ނުވަތަ ތޮބީއަތެއް ނޫން ކަމަށެވެ.

"ބައިނަލްއަގްވާމީ އެހެނިހެން އިންވެސްޓްމަންޓް ތަކާ ތަފާތު ނުވާނެ ގޮތަށް، ޗައިނާގެ އިންވެސްޓްމަންޓަކާއި ކޯޕަރޭޝަން ޕްރޮޖެކްޓް ތަކަކީ ވެސް ބައިނަލްއަގްވާމީ ގަވައިދު ތަކާއި އަދި ރާއްޖޭގެ ގާނޫނުތަކާއެކު ހިންގާ ކަންތައްތައް. ރާއްޖެއިން އަހަރެމެން އެންމެ ކުޑަމިނުން ވިލާ ކޮޅެއް ވެސް ނުނަގަން، އެކަމަކު އަހަރަކު 300،000 ފަތުރުވެރިން އެބަ ގެނެސްދެން،" ސަފީރުގެ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޗައިނާއިން ބިންތަކަށް ވެރިވެ ގަންނަމުންދާ ކަމަށް ނަޝީދު ވިދާޅުވިއިރު، ޗައިނާއިން ރާއްޖޭގައި ހިންގި ސިނަމާލެ ބްރިޖުފަދަ މަޝްރޫއުތަކަށް ނެގި ލޯނުތަކާއެކު ޗައިނާއަށް އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ، ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއް ކަމަށާއި އެ ލޯނު އެއްބަސްވުންތައް މުރާޖާކޮށް އަލުން މަޝްވަރާ ކުރުމުގެ މަޝްވަރާތައް ޗައިނާ ސަރުކާރާއެކު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.