ފޭސްބުކް

ފޭސްބުކްއަށް އީޔޫގެ އިންޒާރެއް

މުހައްމަދު އައުޒަމް

ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ބޭނުންކުރެވޭގޮތް ހާމަކުރުމަށް ދެ އަހަރުގެ މުހުލަތެއް ދިން އިރުވެސް ހާމަކޮށްފައި ނުވުމުގެ ސަބަބުން ފޭސްބުކްއާ މެދު ފިޔަވަޅު އާޅާނެ ކަމުގެ އިންޒާރު އީޔޫއިން ދީފިއެވެ.

އީޔޫގެ ޖަސްޓިސް ކޮމިޝަނަރ ވެރަ ޖުރޯވާ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ވަރަށް ގިނަދުވަހު އެކަމާ ކެތް ކުރެވިއްޖެ ކަމަށާއި އިތުރަށް ކެތެއް ނުކުރެވޭނެ ކަމަށެވެ. އަދި ފޭސްބުކް އިން ޖަވާބުދާރީ ނުވެ ދިގުލާފައިވާ ކަމަށް ވެސް ޖުރޯވާ ވިދާޅުވިއެވެ.

ފޭސްބުކްގެ މައްސަލަ ފެންމަތިވެފައި މިވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ދުވަސްވަރު ޑޮނަލްޑް ޓްރަމްޕުގެ ކެމްޕެއިން ފާމް އިން ފޭސްބުކްގެ އެތަކެއް މިލިއަން މީހުންގެ މަޢުލޫމާތުތައް ބޭނުންކޮށްފައިވާތީއެވެ. އަދި ފޭސްބުކް އިން މި މައުލޫމާތުތައް އެކައުންޓުތަކުގެ ވެރިފަރާތްތަކަށް ނޭންގިފައި އޮތުމުންނެވެ. އެ މައްސަލަ ހިނގިގޮތް ހާމަކުރުމަށް ފޭސްބުކްއަށް ވަނީ އަންގާފައެވެ.


އީޔޫގެ ޖަސްޓިސް ކޮމިޝަނަރ ވެރަ ޖުރޯވާ ވަނީ ފޭސްބުކްއިން އެމީހުންގެ ޓާމްސް އެންޑް ކޮންޑިޝަން އޮކްޓޯބަރުގެ ނިޔަލަށް އަޕްޑޭޓު ކުރަން އަންގައިފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދެން ހުރި ހުރިހާ މައްސަލަތަކެއް ސާފުކޮށް ހައްލުކުރަން ވަނީ އަންގައިފައެވެ. އަދި އެ އެންގުމަށް އަމަލު ނުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

މިދިޔަ ޖުލައި މަހުގައިވެސް ފޭސްބުކްގެ މައްސަލައެއް އިނގިރޭސިވިލާތުގައި ފެންމަތިވިއެވެ. ފޭސްބުކް އިން އެގައުމުގެ އާންމު ފަރުދުންގެ މައުލޫމާތާއި ބެހޭ ޤަވާއިދަކާ ހިލާފުވެގެން ފޭސްބުކް ވަނީ 660،000 ޑޮލަރަށް ޖޫރިމަނާ ކޮށްފައެވެ.

އީޔޫއިން ފޭސްބުކްއަށް އިންޒާރުދީފައި ވާއިރު ޔޫރަޕް ސަރަޙައްދުގައި 380 މިލިޔަން މީހުން ފޭސްބުކް ބޭނުން ކުރެއެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ވާނެ ކަމަށް ބެލެވެއެވެ.