Close
މަރުތައް ތަހުގީގުކުރާ ކޮމިޝަން

ކެޔޮނިރު ކޮލަމް: ސޫދާއި ނަޝީދު ބޭނުންވަނީ ރިލްވާނުގެ މަރުގެ ތަހުގީގު ފެއިލްވާންބާ؟

މުހައްމަދު ބުޝްރީ

4

ސުވާލު ވަރަށް ސާފެވެ. ރާއްޖޭގެ ބަންޑާރަނައިބުގެ މަޤާމު ވެސް ކުރިން އަދާ ކުރައްވާފައިވާ، އަދި ޤާނޫނީ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، އަދި ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ތެރެއިން އިސް އެއްބޭފުޅެއް ކަމުގައިވާ ހުސްނުއްސޫދު މިކުރެއްވީ ހުއްދަ ކަމެއްތޯއެވެ؟ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސަކަށް ރައީސް ސޯލިހު ހުސްނުއްސޫދު ލެއްވެވީ ހަމަގައިމުވެސް ވަރަށް ފުރިހަމަ އިތުބާރާ އެކުގައެވެ. ކޮމިޝަން އުފެދިގެން އެކިފަހަރު މަތީން ކޮމިޝަނުން އާއްމު ކުރަމުން ގެންދިޔަ މައުލޫމާތުން އާއްމުންގެ ބޮޑު އިތުބާރެއް ސޫދަށާއި ކޮމިޝަނަށް ލިބެމުން އައެވެ. ކޮމިޝަނުން ރިޕޯރޓް ކުރަން ލާޒިމް ކޮށްފައިވަނީ ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް ކަމުގައި ވިއަސް ރައީސް ސޯލިހަށްވުރެ ކުރީން އެ ރިޕޯޓުގެ ފުރަތަމަ ކޮޕީ ލިބިވަޑައިގެންނެވީ މަޖުލިހުގެ ރައީސް ރައީސް ނަޝީދަށް ކަމަށް ބައެއް މީހުން ބުނެއެވެ. މި މަހުގެ އެކެއް ވީ އާދީއްތަ ދުވަހު ހުސްނުއް ސޫދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރިޕޯރޓްގައިވާ މުހިއްމު މައުލޫމާތު ހިއްސާ ކުރެއްވިއެވެ. ނަމަވެސް ހާމަކޮށްފިނަމަ ތަހުޤީގަށް ހުރަސް އެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރައްވައެވެ.

އާދީއްތަ ދުވަހު ދެން ސޫދު އަވަސްވެގަތީ ޑްރާފްޓް ރިޕޯރޓް، ރައްޔިތުންގެ މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދަށް އެރުވުމަށެވެ. މިއީ އެއްވެސް ހާލެއްގަ ސޫދަށް އެނގިވަޑައިނުގެން ކުރެއްވުނު ކަމެއް ނޫންކަން ހުދު ސޫދުގެ އަމިއްލަ ބަޔާނުންވެސް މިހާރުވަނީ ސާބިތުވެފައެވެ. ކޮމިޝަނުން ކުރި ތަހުޤީގުގައި ކޮމިޝަނަށް ހެކި ދިން ސިއްރު ހެކިވެރީންގެ ނަމާއި މައުލޫމާތު ހިމެނޭ މި ޑްރާފްޓް ރިޕޯރޓް ރައީސް ނަޝީދަށް އެރުވުމާއެކު ނަޝީދު ވަރަށް އަވަސް އަރުވާލައްވައިގެން އެ ރިޕޯރޓްގެ ހުލާސާ މަޖުލިހުގެ ވެބްސައިޓްގައި ޝާއިއު ކުރައްވައި، ރިޕޯރޓްގެ ކޮޕީ މަޖުލިހުގެ ޕާރޓީ ތަކުގެ ލީޑަރުންނަށް ދެއްވިއެވެ. މިހުރިހާ ކަމަކުން ދޭހަވަނީ މިއީ ސޫދާއި ނަޝީދާއި، އަދިވެސް މިކަމުގައި ބައިވެރިވާ ބާރުގަދަ އެހެން ފަރާތްތަކެއް ހިމެނޭ ގޮތަށް ވަރަށް ރޭވިގެން ވަރަށް އަވަސް އަރުވާލައިގެން ހިންގައިފައިވާ ކަމެއް ކަމެވެ.

ސިއްރު ހެކިވެރިންގެ ނަންތަކާއި، ރިލުވާން މަރާލުމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުންނާއި އެކަމުގައި ބޭނުންކުރި އުޅަނދުފަދަ ތަކެއްޗާއި ބެހޭ މައުލޫމާތު މިގޮތަށް ލީކުވުމުން މައްސަލަ ކޯޓަށް ދާއިރު ސިއްރު ހެކިވެރިންނަށް ނުފޫޒު ފޯރުވި، ސިއްރު ހެކިވެރީންގެ ބަޔާން ބަދަލުވެ، އިންސާފު ޤާއިމް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެކަން ކަށަވަރެވެ.

ނަމަވެސް ކޮމިޝަނުގެ ރައީސް ހުސްނުއް ސޫދު ވިދާޅުވަނީ ޑްރާފްޓް ރިޕޯޓުގައި ހުރި މައުލޫމާތުތައް އާންމު ކުރުމުން ލިބުނީ ގެއްލުމަށް ވުރެ ބޮޑަށް ފައިދާ ކަމަށެވެ. ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ، ރިލްވާން މަރާލުމުގައި ބައިވެރިވިކަމަށް ޝައްކުކުރެވޭ މީހުންގެ ނަންތައް ހާމަ ކުރުމުން އިތުރު ފަރާތްތަކުން ކޮމިޝަނަށް އައިސް އިތުރު މައުލޫމާތު ދިނުމަށް މިހާރު ބޭނުންވާ ކަމަށާއި، އެހެން ކަމުން ރިޕޯރޓް ހާމަކުރުމުގެ ފައިދާ މިކަމުން ލިބިގެން އެބަދާ ކަމަށް ސޫދު ވިދާޅުވެފައި ވެއެވެ.

ނަމަވެސް ރިލްވާނާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯރޓްގެ ޑްރާފްޓް ކޮޕީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ހިއްސާ ކުރުމަކީ އެ ކޮމިޝަނުން ހެދި ގޯހެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު ފާއިޒް ހުސައިން މީޑިއާއަށް މައުލޫމާތު ދެއްވާފައި ވެއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރުގެ މި ބަޔާނުން ޔަޤީންވެގެން ދަނީ ސޫދު މިކުރެއްވީ ނޭނގި ކުރެއްވި ކަމެއް ނޫނަ ކަމެވެ. މިއީ އެނގިވަޑައިގެން ހުންނަވައި، ކޮމިޝަނުން ސޫދާ މަތި ކުރައްވާފައިވާ ޒިއްމާއިން ބޭރުން، ރައީސް ސޯލިހުގެ އިޒުނައެއް ނެތި، ނަޝީދާ ބައިވެރިވެ ވަޑައިގެން ކުރެއްވި ކަމެއްކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޖަބްހަތުއްނުސްރާ އާއި އަލްގައިދާ އާއި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ބައެއް ދިވެހިންނާ ގުޅިފައިވާކަމަށް ބުނާ ތަހުގީގު ރިޕޯޓެއް އެގޮތަށް ހާމަކުރުމުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށެވެ. އޭގެ ސަބަބުން ހެކި ނައްތާލުމުގެ ފުރުސަތު، ތުހުމަތުކުރެވޭ މީހުންނަށް ލިބޭނެ ކަމަށާއި އަދި ޝަރީއަތުގައި ހެކިބަސް ދޭން ހެކިން ދެކޮޅުހެދުމަކީ ވެސް ވުން ވަރަށް ގާތް ކަމެއް ކަމަށް މީޑިއާގައި ފާއިޒް ވިދާޅުވެފައި ވެއެވެ. އަދި ތަހުގީގުގައި އެއްބާރުލުން ދިން މީހުން މީގެ ސަބަބުން ޝަރީއަތުގައި ހެކިބަސް ނުދިނުން ވެސް އެކަށީގެންވާ ކަމަށާއި މީގެ ކުރިން ވެސް އެކަހަލަ ކަންކަން ހިނގާފައި އެބަހުރި ކަމަށް ފާއިޒު ވިދާޅުވިއެވެ.

ކޮމިޝަނުގެ މެންޑޭޓުން ބޭރުން ރައީސް ސޯލުހުނޫން ފަރާތަކަށް ކޮމިޝަނުގެ ރިޕޯރޓެއް ހިއްސާ ކުރެއްވުމަކީ ކުރީގެ ބަންޑާރަ ނައިބަކަށްވެ ހުންނަވައި ހުސްނުއްސޫދު ކުރެއްވި ޤާނޫނީގޮތުން ވަރަށްވެސް އަނއެތިކަލް ކަމެކެވެ. ރައީސް ނަޝީދަށް ޑްރާފްޓް ރިޕޯރޓް ސޫދު ދެއްވުމުން އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ރައީސް ސޯލިހު ނުސީދާކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ފައިނަލް" ރިޕޯރޓް ލިބިވަޑައިގަތުމުން ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ. މާނައަކީ މި ޑްރާފްޓް ރިޕޯރޓާމެދު މިހާރު ކަން މިހިނގި ގޮތުން މީގައިވާ ހެކިތަކާއި ބަޔާންތައް ބަދަލުވުމަކީ އެކަށީގެންވާކަމެއް ކަމަށާއި އެހެންކަމުން ފިޔަވަޅެއް އެޅުއްވޭނީ ފައިނަލް ރިޕޯރޓް ލިބިވަޑައިގަތުމުން ކަމަށެވެ. ސޫދާއި ނަޝީދު މިއަމަލު ކުރެއްވި ގޮތުން ގެއްލިފައިވާ ނުވަތަ މަރާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާނުގެ މަރުގައި ބައިވެރިވާ ޖަމާތްތައް ނުވަތަ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވުމަށްވުރެ މިހާރު ކައިރީ އެކަން ނުވުމެވެ. ސިއްރު ހެކިވެރިންނަށް ނުފޫޒު ފޯރުވި، ހެކިން އެމީހުންގެ ބަޔާން ބަދަލުކޮށް، ހެކިބަސްދޭން ދެކޮޅު ހެދުންފަދަ އެތައް ކަމެއް ހިނގައި، މިތަހުގީގު އެންމެ ފަހުން އޭގެ ސްކޯޕުން ބޭރުވެ، ފޯކަސް ގެއްލިގެން ދިއުމަކީވެސް ދުރު ކަމެއްނޫނެވެ.

ތަހުގީގީ ދާއިރާ އާއި ޝަރުއީ ދާއިރާގެ ގިނަ މީހުންގެ ކަންބޮޑުވުމަކީ، ނުނިމޭ ތަހުގީގެއްގައި ހިމެނޭ ބައެއްގެ ނަންތަކާއި ހެކިންގެ ތަފުސީލު އެކުލެވިފައިވާ ޑްރާފްޓެއް ނަމަވެސް، ކަމާ ނުގުޅޭ ބައެއްގެ އަތަށް ލިބުމެވެ. ހޯމް މިނިސްޓަރު އިމްރާނާއި ދިވެހި ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު މިކަމާމެދު އަދި ވަކި އެއްޗެއް ވިދާޅު ނުވިއަސް މިބޭފުޅުންވެސް މިކަމާމެދު ކަންބޮޑުވެވަޑައިގަންނަވާނެކަން ކަށަވަރެވެ. އަދި މިއީ ނޫސްވެރިޔާ ރިލްވާނުގެ އާއިލާއިން ވެސް، މިކަމުގެ ބޮޑުމިން އެމީހުންނަށް ވިސްނޭނަމަ ހިތާމަކޮށް، ސޫދާއި ނަޝީދާމެދު ނުރުހުންވާނެ ކަމެއްކަން ޔަޤީނެވެ. ރިލްވާން ގެއްލިފައިވާ ގެއްލުން އެންމެފަހުން މަރުގެ ތަހުޤީގަކަށް ބަދަލުވެފައިވާއިރު މިކަން ސިޔާސީ ކޯޅުންގަނޑަކަށް ބަދަލުވެ، އާހިރުގައި އިންސާފު ގާއިމުނުވެއްޖެނަމަ ސޫދު އެކަމުގައި ޒިއްމާ ކުރެވެން ޖެހޭނެއެވެ. ސޫދާއި ނަޝީދު ބޭނުންވަނީ ރިލްވާނުގެ މަރުގެ ތަހުޤީގު ފެއިލްވާން ބާވައޭވެސް ބައްފަރާތްތަކުން މިހާރު ސުވާލު އެބަ އުފައްދައެވެ. މިކަން މިހާރު މިއޮތީ ހަމަރަނގަޅަށްވެސް ސިޔާސީވެ ނިމިފައެވެ.

ތަހުގީގަށް މީހުން ހާޒިރު ކުރުމުގެ ބާރު ގާނޫނުން ރިޔާސީ ކޮމިޝަނަށް ދީފައިވާއިރު، މި ރިޕޯރޓްގައި ޝައްކުކޮށްފައިވާ މީހުން އެކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނެގުމަކާ ނުލައި، ތުހުމަތުކުރެވޭ މީހުންގެ ނަންތައް ހާމަކުރުމަކީ ކުރީގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ބޭފުޅަކު ކުރެއްވި ވަރަށްވެސް އަންޕްރޮފެޝަނަލް، ޒިއްމާދާރުކަން ކުޑަ އަމަލެކެވެ. މިއީ ރައީސް ސޯލިހަށް އެނގިވަޑައިނުގެން، ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގު ބިނާކުރުމުގައި، އެހެން ބައެއް ސިޔާސީ ފަރާތްތަކާ ގުޅިގެން ހިންގުނު ބޮޑު ޤާނޫނީ ޖަރީމާއެއްނޫން ދެވަނަ އެއްޗެއް ނޫނެވެ. މިކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ސޫދާއި މެދު ފިޔަވަޅު އެޅެންޖެހެއެވެ. ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނަމަ ސޫދާމެދު ކޮންމެވެސް ދުވަހަކުން ފިޔަވަޅު ނޭޅި ނުދާނެކަން ޔަޤީނެވެ. ރިލްވާނުގެ މަރުގައި ޝާމިލްވާކަމަށް އެބުނާ މީހުން ދެން އިންސާފުގެ ކުރިމައްޗަށް ނުގެނެވި ހިނގައްޖެނަމަ އެކަމުގެ އެންމެބޮޑު ޒިއްމާއެއް އުފުލަން ޖެހޭނީ ކޮމިޝަނުގެ ރައީސް ހުސްނުއް ސޫދާއި މަޖުލިހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުކަން ޔަޤީނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟