ވޮލީބޯޅަ އެސޯސިއޭޝަން

ބަލައިގަންނާނީ އިންތިޚާބީ ހިންގާކޮމެޓީ ކަމަށާއި، އޮފީހާއި ހިންގުން ހަވާލުކުރުމަށް އެފްއައިވީބީން ރާއްޖެއަށް ގޮވާލައިފި

ބަލައިގަންނާނީ އިންތިހާބުކޮށްފައިވާ ވީއޭއެމްގެ ހިންގާ ކޮމިޓީ ކަމަށާއި އެހެންކަމުން އެ އެސޯސިއޭޝަންގެ ހިންގުން އަދި އޮފީސް އިންތިހާބުކޮށްފައިވާ ހިންގާ ކޮމިޓީއާ ހަވާލުކުރުމަށް ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީ އިން ގޮވާލައިފި އެވެ.

ގިނަ ޝަކުވާތަކަކާ ގުޅިގެން ކަމަށް ބުނެ، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލުމަށްފަހު، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީ އުވާލުމަށްފަހު، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރި މައްސަލައިގައި ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެކަމުގެ އިންޒާރު ވެސް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާއިން ވަނީ ދީފަ އެވެ.

ވީއޭއެމްގެ މައްސަލަ ބެލުމަށްފަހު ވީއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރަށް އެފްއައިވީބީގެ ޖެނެރަލް ޑިރެކްޓަރު ފަބިއޯ އަޒެވެޑޯ ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ފެޑެރޭޝަނުން ބަލައިގަންނާނީ އިންތިހާބުކޮށްފައިވާ ވީއޭއެމްގެ ހިންގާ ކޮމިޓީ ކަމަށާއި އެހެންކަމުން އެ އެސޯސިއޭޝަންގެ ހިންގުން އަދި އޮފީސް އިންތިހާބުކޮށްފައިވާ ހިންގާ ކޮމިޓީއާ ހަވާލުކުރުމަށް ގޮވާލާ ކަމަށެވެ. އަދި އެފްއައިވީބީގެ އެ އެންގުމަށް ތަބާނުވާ ނަމަ، ވީއޭއެމް ސަސްޕެންޑްކުރުމަށް މަޖުބޫރުވާނެ ކަމަށް ވެސް އެ ސިޓީގައި އަޒެވެޑޯ ވަނީ ވިދާޅުވެފައެވެ.

އެ ސިޓީގައިވާ ގޮތަށް ވީއޭއެމް ސަސްޕެންޑްކޮށްފި ނަމަ، އެފްއައިވީބީ ގަބޫލުކުރާ މުބާރާތްތަކުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުތަކާއި ގައުމީ ބީޗް ވޮލީ ޓީމުތަކަށް ވާދައެއް ނުކުރެވޭނެއެވެ. އަދި އެފްއައިވީބީގެ މެންބަރުކަމުން ވެސް ވީއޭއެމް ދުރުކުރެވޭނެއެވެ. އެހެންކަމުން އަންނަ އަހަރު ރާއްޖޭގައި އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބޭއްވުމުގެ ކުރިން ސަސްޕެންޑްކޮށްފި ނަމަ، އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ވެސް ރާއްޖެއަށް ގެއްލޭނެއެވެ.

އެފްއައިވީބީގެ ސިޓީގައި ބުނެފައިވަނީ ސަސްޕެންޝަނުން ވީއޭއެމް ސަލާމަތްކުރުމަށް ރާއްޖޭގެ ކުޅިވަރުގެ ކަމާ ބެހޭ ފަރާތްތަކާއެކު ވީހާވެސް އަވަހަކަށް މަޝްވަރާކުރަން އެ ފެޑެރޭޝަނުން ބޭނުންވާ ކަމަށާއި ރާއްޖޭގެ ވޮލީގެ ކުރިއެރުމަށް ހުރިހާ ފަރާތްތަކެއް ވެސް ގުޅިގެން ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އެފްއައިވީބީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސިޔާސީ ކަންކަމުން ވޮލީބޯޅަ މިނިވަންވެފައި އޮންނަން ވާނެ ކަމަށް ވެސް އެ ފެޑެރޭޝަނުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެފްއައިވީބީ އިން އެ ސިޓީ ފޮނުވާފައިވަނީ ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް ނިންމައި، އެކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެފްއައިވީބީއަށް އަންގާފައި ވަނިކޮށެވެ. މިދިޔަ މަހު އޮލިމްޕިކް ކޮމިޓީން އެފްއައިވީބީއަށް އެ ސިޓީ ފޮނުވާފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީއަކުން ވީއޭއެމް ހިންގާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް އެ ފެޑެރޭޝަނުން އެދުމުންނެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ނިންމި ނިންމުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ރައީސްކަމުގެ މަގާމުން ދުރުކުރި މުހައްމަދު ލަތީފު ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ލަތީފަށް އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ވީއޭއެމްގެ ހިންގުމުގެ އިތުރުން ތިން މަސް ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ތެރޭގައި ހުރި މައްސަލަތައް އިސްލާހުކޮށް، އާ އިންތިހާބެއް ބޭއްވުމަށް ނޯމަލައިޒޭޝަން ކޮމިޓީއާ މަތިކޮށްފައިވެއެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނެނީ، އެ ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) އާއި އެ ކޮމިޓީގެ ނައިބު ރައީސް އަހްމަދު އިސްމާއީލާއި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމާއި މަރިޔަމް ޖުމާނާ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުހައްމަދެވެ.

ވީއޭއެމްގެ އިދާރީ ހިންގުން މިހާރު ކުރިޔަށް ދަނީ މި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ. އިންތިޚާބީ ރައީސް، މުހައްމަދު ލަތީފު ވަނީ މަގާމު ޒިންމާތަކުން އެކަހެރިކޮށްފަ އެވެ.

މި ވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ވީއޭއެމްގެ ރައީސް، މުހައްމަދު ލަތީފު ވިދާޅުވީ ރާއްޖޭގެ ވޮލީއަށް ދެރަގޮތެއް ވާން އެދިވަޑައިނުގަންނަވާ ކަމަށާއި، އަންނަ އަހަރު އޮންނަ އިންތިޚާބުގެ ކުރީން އޭނާ މަގާމުން ދުރުކޮށް ބަދުނާމުކުރުމަށް މަސައްކަތްކުރަމުން ގެންދަނީ މަދު ބަޔަކު ކަމަށެވެ. ވޮލީގެ ކުރިމަގަށް ޓަކައި، ސަރުކާރާއެކު ވެސް އަދި ވޮލީގެ އާއިލާއާއެކު ވެސް ގުޅިގެން މަސައްކަތް ކުރައްވަން ހުންނެވި ކަމަށާއި އެ ފުރުސަތު ދެއްވައިފި ނަމަ އެކަން ސާބިތުކޮށްދެއްވާނެ ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.

"އަޅުގަނޑު ރާއްޖެއިން ބޭރުގައި ހުއްޓާ ބަޔަކު އައިސް ވީއޭއެމްގެ އޮފީހަށް ވަދެ އެތަނުގައި މަސައްކަތް ކުރަމުން އެދަނީ. އަޅުގަނޑު އަދިވެސް މި ހުންނަނީ މަޑުމަޑުން، ވޮލީއަށް ދެރައެއް ވާން ނޭދޭތީ. އެކަމަކު ވޮލީގެ މައި އިދާރާއިން އެބަ ހުރޭ އިންތިޚާބީ މި ފަދަ ބޮޑީތަކުގެ މިިވަންކަމަށް ޓަކައި ހާއްސަ އަދި ހަރުކަށި އުސޫލުތަކެއް ހަދާފައި. އެޔާ ދެކޮޅަށް ކަންކަން ކުރީމަ ރާއްޖޭގެ ވޮލީއަށް ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ. އަޅުގަނޑު މިހާރުވެސް މި ހުރީ ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދީގެން އަންނަ އަހަރު އޮންނަ އިންތިޚާބާ ހަމަޔަށް ކަންކަން އެންމެ ރަނގަޅު ގޮތުގައި ގެންގޮސްދޭން، އަދި އަޅުގަނޑު އޮންނާނީ ދަންނަވާފަ އޭގެ ކުރީން އަވަސް އިންތިހާބަކަށް ދާން ބޭނުން ނަމަ އެޔަށް ވެސް އަޅުގަނޑު ޖާގަ ދޭނެ ވާހަކަ." ލަތީފު ވިދާޅުވި އެވެ.