ވޮލީބޯޅަ އެސޯސިއޭޝަން

ވީއޭއެމްގެ މައްސަލައިގައި ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެކަމުގެ އިންޒާރު

އަލީ ރިފްޝާން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީ އުވާލުމަށްފަހު، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރި މައްސަލައިގައި ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެކަމުގެ އިންޒާރު ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީ އިން ދީފިއެވެ.

ގިނަ ޝަކުވާތަކަކާ ގުޅިގެން ކަމަށް ބުނެ، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލުމަށްފަހު، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ވީއޭއެމްގެ މައްސަލަ ބެލުމަށްފަހު ވީއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރަށް އެފްއައިވީބީގެ ޖެނެރަލް ޑިރެކްޓަރު ފަބިއޯ އަޒެވެޑޯ ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ފެޑެރޭޝަނުން ބަލައިގަންނާނީ އިންތިހާބުކޮށްފައިވާ ވީއޭއެމްގެ ހިންގާ ކޮމިޓީ ކަމަށާއި އެހެންކަމުން އެ އެސޯސިއޭޝަންގެ ހިންގުން އަދި އޮފީސް އިންތިހާބުކޮށްފައިވާ ހިންގާ ކޮމިޓީއާ ހަވާލުކުރުމަށް ގޮވާލާ ކަމަށެވެ. އަދި އެފްއައިވީބީގެ އެ އެންގުމަށް ތަބާނުވާ ނަމަ، ވީއޭއެމް ސަސްޕެންޑްކުރުމަށް މަޖުބޫރުވާނެ ކަމަށް ވެސް އެ ސިޓީގައި އަޒެވެޑޯ ވަނީ ވިދާޅުވެފައެވެ.

އެ ސިޓީގައިވާ ގޮތަށް ވީއޭއެމް ސަސްޕެންޑްކޮށްފި ނަމަ، އެފްއައިވީބީ ގަބޫލުކުރާ މުބާރާތްތަކުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުތަކާއި ގައުމީ ބީޗް ވޮލީ ޓީމުތަކަށް ވާދައެއް ނުކުރެވޭނެއެވެ. އަދި އެފްއައިވީބީގެ މެމްބަރުކަމުން ވެސް ވީއޭއެމް ދުރުކުރެވޭނެއެވެ. އެހެންކަމުން އަންނަ އަހަރު ރާއްޖޭގައި އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބޭއްވުމުގެ ކުރިން ސަސްޕެންޑްކޮށްފި ނަމަ، އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ވެސް ރާއްޖެއަށް ގެއްލޭނެއެވެ.

އެފްއައިވީބީގެ ސިޓީގައި ބުނެފައިވަނީ ސަސްޕެންޝަނުން ވީއޭއެމް ސަލާމަތްކުރުމަށް ރާއްޖޭގެ ކުޅިވަރުގެ ކަމާ ބެހޭ ފަރާތްތަކާއެކު ވީހާވެސް އަވަހަކަށް މަޝްވަރާކުރަން އެ ފެޑެރޭޝަނުން ބޭނުންވާ ކަމަށާއި ރާއްޖޭގެ ވޮލީގެ ކުރިއެރުމަށް ހުރިހާ ފަރާތްތަކެއް ވެސް ގުޅިގެން ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އެފްއައިވީބީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސިޔާސީ ކަންކަމުން ވޮލީބޯޅަ މިނިވަންވެފައި އޮންނަން ވާނެ ކަމަށް ވެސް އެ ފެޑެރޭޝަނުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެފްއައިވީބީ އިން އެ ސިޓީ ފޮނުވާފައިވަނީ ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް ނިންމައި، އެކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެފްއައިވީބީއަށް އަންގާފައި ވަނިކޮށެވެ. މިދިޔަ މަހު އޮލިމްޕިކް ކޮމިޓީން އެފްއައިވީބީއަށް އެ ސިޓީ ފޮނުވާފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީއަކުން ވީއޭއެމް ހިންގާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް އެ ފެޑެރޭޝަނުން އެދުމުންނެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ނިންމި ނިންމުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ރައީސްކަމުގެ މަގާމުން ދުރުކުރި މުހައްމަދު ލަތީފު ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ލަތީފަށް އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ވީއޭއެމްގެ ހިންގުމުގެ އިތުރުން ތިން މަސް ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ތެރޭގައި ހުރި މައްސަލަތައް އިސްލާހުކޮށް، އާ އިންތިހާބެއް ބޭއްވުމަށް ނޯމަލައިޒޭޝަން ކޮމިޓީއާ މަތިކޮށްފައިވެއެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނެނީ، އެ ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) އާއި އެ ކޮމިޓީގެ ނައިބު ރައީސް އަހްމަދު އިސްމާއީލާއި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމާއި މަރިޔަމް ޖުމާނާ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުހައްމަދެވެ.