Close
ޚަބަރު

ހަތަރު ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

ހަތަރު ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގައި މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ އިން މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެކު ސޮއިކޮށްފިއެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގައި އެމްޑަބްލިއުއެސްސީއާއެކު މިއަދު ސޮއިކުރީ ރ. ކިނޮޅަސް އާއި ބ. ގޮއިދޫ އާއި ނ. މާޅެންދޫ އަދި ނ. ކުޑަފަރީގައެވެ.

މި ހަތަރު ރަށުގައިވެސް ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން އެ ރަށްތަކުގެ ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި، އާރްއޯ ޕަލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖައްސާފައި ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި ހަތަރު ރަށުގެ މަޝްރޫއުގައިވެސް އެމްޑަބްލިއުއެސްސީއާއެކު ސޮއިކޮށްފައިވަނީ 22 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށްވެސް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެގޮތުން މާޅެންދޫގެ މަޝްރޫއަށް 42،975،350.00 ރުފިޔާ އާއި ކުޑަފަރީގެ މަޝްރޫއަށް 38،245،917.74 ރުފިޔާއާއި ކިނޮޅުދޫގެ މަޝްރޫއަށް 36،048،032.06 ރުފިޔާ އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 46،304،686.85 ރުފިޔާ ހަމަޖައްސާފައިވާ ކަމަށްވެސް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.

ހުރިހާ ރަށެއްގެ ނަރުދަމާ އެޅުމުގެ ކޮންޓްރެކްޓުގައި ވެސް ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އަޒީމެވެ.