ރަނިލް ވިކްރަމަސިންހަ

ސްރީލަންކާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލަައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މިމަހުގެ ދެއަކުން މިއަދުގެ ނިޔަލަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރެވިފައިވާކަމަށާއި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ވަނީ ބައްވަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން، ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެގައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ ގުޅޭގޮތުންވެސް ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިގޮތުން ސިއްހީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމާއި ސަގާފީ ގޮތުން ގުޅުން ބަދަހިކުރުމުގެ އިތުރުން ސަރަޙައްދީ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމާ ބެހޭގޮތުން ދެގައުމުގެ ލީޑަރުން ވަނީ މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވައި ރާއްޖޭގައި މި މަހުގެ ތިނަކުން މައަދުގެ ނިޔަލަށް ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ވެސް ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާފައެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރު މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއްވެސް ވަނީ ރާއްޖެ ވަޑައިގެންނަވާފައެވެ.