މިނިސްޓަރު އާއިޝަތު ނަހުލާ

ލައިފްޖެކެޓް އެޅުން ލާޒިމްކުރަން ޖެހޭ، އެކަމާ މިދަނީ މަޝްވަރާކުރަމުން: މިނިސްޓަރު ނަހުލާ

ލައިފް ޖެކެޓު އެޅުން ލާޒިމުކުރަން ޖެހޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކަމާބެހޭ މުއައްސަސާތަކާ އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި ނަހުލާ ވިދާޅުވީ، ލައިފް ޖެކެޓު އެޅުން ލާޒިމުކުރުމަކީ ރާއްޖެ ފަދަ ގައުމެއްގައި ކޮންމެހެން ވެސް ކުރާން ޖެހޭ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަން ލާޒިމުކުރުމުގެ ކުރީން ޕޮލިސީ ލެވެލްގައި ކަނޑައަޅަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"މިސާލަކަށް ބަލާނަމަ މަސްވެރީން ފަދަ އަބަދު މަސްވެރިކަމުގައި، ނުވަތަ މަސްވެރިކަމާ ގުޅުން ހުރި އެންދެމުން ފަދަ ކަންކަމުގައި އުޅޭ އިރު އެމީހުން ލައިފް ޖެކެޓު އަޅައިގެން އުޅުން އެއީ އެންމެ ފަސޭހަ ވާނެ ގޮތެއްތޯ ނުވަތަ ޕްރެކްޓިކަލް ގޮތެއްތޯ ވިސްނާލަން ޖެހޭ. ގަވައިދެއްގެ ދަށުން ކަމެއް ލާޒިމުކުރާ އިރު އެއީ ކުރެވޭނެ ކަމަކަށް ވެސް ވާން ޖެހޭނެ ދެއްތޯ!" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ، ދަތުރުވެރީން އުފުލާ އުޅަނދުފަހަރުގައި މީހުން އުފުލާ އިރުގައްޔާއި އެނޫން އުޅަނދުފަހަރުގައި ވެސް ދަތުރުވެރީން އުފުލުމަށް ހާއްސަ ދަތުރުތަކުގައި އަދި ކުޑަކުދީންނާއި އަންހެނުން ގޮވައިގެން ކުރާ ދަތުރުތައް ފަދަ ދަތުރުތަކުގައި، ލައިފް ޖެކެޓު އަޅުވައިގެން ދަތުރުތައް ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާ އިރު ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު ދަތުރުފަތުރުކޮށް އުޅެނީ ކަނޑު ހުރަސްކޮށް ކަމުން، ގަވައިދަކުން ލައިފް ޖެކެޓު އެޅުން ލާޒިމްކުރާ އިރު، އޭގައި ކެޓަގަރީތައް ގެންނާނީ ކިހިނެއްތޯ ވެސް ވިސްނަން ޖެހޭ ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް އެއްގަމުގައި ހެލްމެޓު އަޅައިގެން ދުއްވުމެކޭ އެއްފަދައިން ނުވަތަ އެޔަށްވުރެ ވެސް ބޮޑަށް އެބަ މުހިންމުވޭ ކަނޑުމަތީގައި އެތައް ސަތޭކަ ބަޔަކު އުފުލާ އިރު އެމީހުންގެ ހަށިގަނޑުގައި ލައިފް ޖެކެޓު އަޅުވާފައި ބޭތިއްބުން. އަމުދުން މޫސުން ގޯސް ދުވަސްވަރު ސަލާމަތާއި ރައްކާތެރިކަމަށް ބަލާ އިރު އެކަމުގެ މުހިންމުކަން ވަރަށް ވެސް ބޮޑު." ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޕޮލިސީ ލެވެލްގައި ކުރަމުން އަންނަ މަޝްވަރާތަކަށްފަހު މި ކަމުގައި މާ ލަސްނުވެ ގޮތްތަކެއް ނިންމަވައިލެއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރާއްޖޭގައި ކަނޑުމަތީގެ ހާދިސާތައް ހިނގައި މީހުން މަރުވާ ބޮޑެތި ހާދިސާތަކާ ގުޅިގެން ވަރަށް ގިނައިން ލައިފް ޖެކެޓުގެ ވާހަކަ ދެކެވެ އެވެ. ރިސޯޓުތަކަށް ފަތުރުވެރީން އުފުލާ ލޯންޗުފަހަރުގައި، ދަތުރުތައް ކުރާއިރު މިހާރު ވެސް ލައިފް ޖެކެޓު އަޅާކަން ފާހަގަކުރެވެ އެވެ. އަދި ކަނޑު ހުރަސްކޮށް ކުރާ ދަތުރުތައް ކަމަށް ވާތީ، ފްލައިޓްތަކުން ދަތުރުކުރާ އިރު ވެސް ލައިފްޖެކެޓު އެޅުން ލާޒިމުވެ އެވެ.

ރާއްޖޭގައި ކަނޑުމަގުން މީހުން އުފުލުމުގައި ކުރާ ދަތުރުތަކުގައި، ލައިފް ޖެކެޓު އެޅުން ލާޒިމުކުރުމުގެ ވާހަކަތައް ފެށިފައި މި ވަނީ، ދާދި ފަހުން ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި ކުޑަކުއްޖަކާ އެކު ފަސް މީހުން މަރުވި ހާދިސާއާ ގުޅިގެންނެވެ. ގިނަ މީހުން ބުނާ ގޮތުގައި، އެ މީހުން ދަތުރަށް ފުރުމުގެ ކުރީން ލައިފް ޖެކެޓު އަޅުވާފައި ތިބި ނަމަ، އޭގެން ގިނަ ބަޔެއްގެ ފުރާނަ ސަލާމަތް ވުމުގެ ފުރުސަތު އޮންނާނެ އެވެ.