ނިރުބަވެރިކަމާ ދެކޮޅަށް ސްރީލަންކާއިން ކުރާ މަސައްކަތުގައި ރާއްޖެއަކީ އެގައުމުގެ އެންމެ ފުރަތަމަ ބައިވެރިޔާއަށްވުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ ވިދާޅުވެއްޖެއެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފެށި ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ޗެއާގެ ހައިސިއްޔަތުން، އެ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިދާޅުވީ ނިރުބަވެރިކަމާއި ހައްދުފަހަނަ އަޅައި ދިއުމުގެ މައްސަަލަތައް އިތުރުވެފައިވާ އިރު، އެކަންކަމާ ދެކޮޅަށް ސަރަހައްދީ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ވަަރަށް މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން މި ސަރަހައްދަށް ނިރުބަވެރިކަމުގެ ނުރައްކާތެރިކަން ބޮޑުވެފައިވާކަން ފާހަގަކުރައްވައި، އެ ބިރުވެރިކަން ނައްތާލުމަށް ލަންކާއިން އިސް ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު، އީސްޓަރ ސަންޑޭގައި އެގައުމުގައި ހިންގި ޓެރަރިޒަމްގެ އަމަލުތައް ފަދަ ކަންކަމުން އައިއެސްގެ ނުރައްކާ އޭޝިއާ ސަަރަހައްދަށް ބޮޑުކަން ހާމަވާ ކަމަށް ރަނިލް ވިދާޅުވިއެވެ.
އެ ޖަމާއަތާ ދެކޮޅަށް ސްރިލަންކާއިން ކުރާ މަސައްކަތުގައި ދިވެހިރާއްޖެއަކީ، އެގައުމުގެ ފުރަތަމަ ބައިވެރިޔާއަށްވުމަށް މަޝްވަރާތައް ކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރަހައްދުގެ ރައްކާތެރިކަން ބެލެހެއްޓުމާއި ގާނޫނީ ގޮތުން ކަމާ ގުޅުން ހުރި އިދާރާތައް ބާރުވެރި ކުރުވުން ފަދަ މަސައްކަތްކުރުމަށް ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރެއްވި ކަމަށް ލަންކާ ބޮޑުވަޒީރު ވިދާޅުވިއެވެ.
އައިއެސްއާ ދެކޮޅަށް ތެދުވުމުގައި ލަންކާއިން އިސް ނަގާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އަމަން އަމާންކަން ގާއިމުކުރުމުގެ ފްރޭމްވޯކެއް އެކުލަވާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ސެކިއޮރިން ދަ އިންޑިއަން އޯޝަން ރީޖަން - ޓްރެޑިޝަނަލް އެންޑް ނޮން ޓްރެޑިޝަނަލް ޗެލެންޖަސް"އެވެ.
މި ކޮންފަރެންސްގައި އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)، ޓީމޯލެސްޓޭގެ ކެބިނެޓް މިނިސްޓަރުންގެ އިތުރުން އޮމާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ޓެންޒޭނިއާ، މިޔަންމާ، ޖަޕާން، ޕަޕުއާ ނިއުގިނީގެ އިތުރުން އިންޑޮނީޝިއާގެ ޑެޕިއުޓީ މިނިސްޓަރުންނާއި އެމެރިކާ، ރަޝިޔާ، ޗައިނާ، ވިއެޓްނާމް އަދި މަޑަގަސްކަރައިން އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.