ރަނިލް ވިކްރަމަސިންހަ

ލަންކާގެ އެހީއާއެކު ރާއްޖޭގައި ދެ ސްކޫލާއި ޑްރަގް ރިހެބްލިޓޭޝަން ސެންޓަރެއް ގާއިމް ކުރަނީ

މަރިޔަމް ޝަހުދާ

ސްރީ ލަންކާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ދެ ސްކޫލާއި، އައްޑޫގައި ޑްރަގް ރިހެބްލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ރަނިލް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ. ރަނިލް ވިދާޅުވީ އައްޑޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ލަންކާއިން އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ ފެސިލިޓީގެ މަސައްކަތް ފެށުމަށް ބޭނުންވާ އެހީތެރިކަން ލަންކާ އިން ފޯރުކޮށްދޭނެ ކަމަށް ރަނިލް ވިދާޅުވިއެވެ.

މީގެ އިތުރުން ރަނިލް ވަނީ ރާއްޖެއާއި ލަންކާ އާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖެއާއި ލަންކާގެ މެދުގައިވާ ވިސާގެ އެއްބަސްވުންތަކަށް ގެނެވިފައިވާ ބަދަލުތައް ރަނިލް ފާހަގަކުރެއްވި އެވެ. ހާއްސަކޮށް 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންގެ މައިންބަފައިންނަށް ''ޕޭރެންޓް ވިސާ''ގައި ކުއްޖާއަށް 18 އަހަރު ފުރުމާއި ހަމައަށް ލަންކާގައި އުޅެވޭނެ ކަމަށާއި، މީގެ އިތުރުން ދަރިވަރުންގެ މާމަ އަދި ކާފައަށް ވިސާގެ ހިދުމަތް ލިބޭނެ ފަސޭހަ ވަސީލަތްތައް ގާއިމް ކުރާނެ ކަމަށް ރަނިލް ވިދާޅުވިއެވެ.

ރަނިލްގެ ވާހަކަފުޅުގައި ދިވެހިންނަށް ލަންކާގައި ގުނަވަން ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރުމަށް ފަހިކޮށްފައިވާ ފުރުސަތުވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން މިހާރު ދިވެހިންނަށް ލަންކާއިން ކިޑްނީ އަދި ލިވާ ޓްރާންސްޕްލާންޓް ގެ ހިދުމަތް ލިބޭނެ ކަމަށް ރަނިލް ވިދާޅުވިއެވެ. އެގޮތުން ލަންކާގެ ހުރިހާ ޕްރައިވެޓް ހޮސްޕިޓާ ތަކުން މިހިދުމަތް ލިބޭނެ ކަމަށް ރަނިލް ފާހަގަ ކުރެއްވިއެވެ.

ތައުލީމީ ދާއިރާއިން ލަންކާއިން ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެހީތަކާއި ގުޅިގެންވެސް ރަނިލް މިއަދު ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ރާއްޖޭގައި ލަންކާއިން ދެ ސްކޫލެއް ގާއިމް ކުރަން ހަމަޖެހިފައިވާ ކަމަށް ރަނިލް ވިދާޅުވިއެވެ. އެގޮތުން މި ދެ ސްކޫލް އެޅުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރަނިލް ވިދާޅުވިއެވެ. އަދި މިހާރު ދެ ގައުމުގެ ކަމާއި ބެހޭ އިދާރާތައް ގުޅިގެން މި މަސައްކަތް ކުރަމުން އަންނަ ކަމަށް ރަނިލް ވިދާޅުވިއެވެ.

އިއްޔެ ރާއްޖެ އާއި ލަންކާއާއި ދެމެދު ސޮއި ކުރި ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް ޓްރެއިނިންގެ ގެ އެއްބަސްވުމާއި ގުޅޭ ގޮތުން ރަނިލް ވިދާޅުވީ މި އެއްބަސް ވުމުގެ ދަށުން ލަންކާގައި ކިޔަވާ ދިވެހިންނަށް އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ކިޔަވާ ލަންކާ އަދި ދިވެހި ދަރިވަރުންނަށް ރާއްޖެއިން ހުރި ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް އެހީތެރިވާނެ ކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

ބޮޑުވަޒީރު ރަނިލްގެ ތަގުރީރު ނިންމަވާލައްވަމުން ރާއްޖެއަށް ވަޑައިގަތުމަށް ރައީސް ސޯލިހު ދައުވަތު ދެއްވުމުން ރައީސް ސޯލިހުއަށް ޝުކުރު ދެންނެވިއެވެ.