މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 35

އަބްދުﷲ ފާރޫގް ހަސަން

ދަތުރުފަތުރާއި މުވާޞަލާތު

އަޅުގަނޑުމެންގެ އަޚުން އުޚުތުން ކަމުގައިވާ މަލިކުމީހުން އިހުގައި ދަތުރުފަތުރުކޮށް އުޅުނީ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ބޭނުންކޮށް އުޅުނުފަދަ އޮޑިފަހަރުގައެވެ. އިހުގައި މަލިކުގައި ގެންގުޅުނު ފުރާދުއްވާ ތަކެއްޗާއި ރާއްޖޭގައި ގެންގުޅުނު ފުރާދުއްވާ ތަކެތީގެ ކިއްސަރުގައިވެސް އެތަކެތި ބަނދެ އުޅުމުގައިވެސް ތަފާތެއް ނެތެވެ. ޅިސްލައިގެން އޮޑިދޯނިފަހަރު ބަނުމުގެ ފަންނު އަޅުގަނޑުމެންނާއެކު ޙިއްޞާކުރާ އަނެއްބަޔަކީ އަޅުގަނޑުމެންގެ ކާބަފައިންގެ އަޅުގަނޑުމެންފަދަ ދަރީންތަކެއް ކަމުގައިވާ މަލިކުމީހުން ކަމުގައި މީގެކުރިންވެސް އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ.

އޮޑިފަހަރުގެދަތުރު

މަލިކުމީހުންނަކީ ދަތުރުވެރި ބަޔެކެވެ. ދިވެހިރާއްޖެ އިންޑިޔާކަނޑުގެ ވިޔަފާރީގައި މުހިންމު މަޤާމެއް ހޯދައިފައިއޮތް ދުވަސްވަރު މަލިކު އޮޑިފަހަރުވެސް، ބަރުމާއަށާއި، ސްރީލަންކާއަށާއި، ކަލްކަތާއަށާއި، ބޮމްބޭއަށާއި، އަންދަމާނަށާއި، ނިކޯބާރަށާއި، އަސޭކަރަ ފަދަ ތަންތަނަށް ދަތުރުކޮށް އުޅުނެވެ. މަލިކުމީހުން ދިރިއުޅުމަށްޓަކައި އެދުވަސްވަރުވެސް ކޮށްއުޅުނު އެންމެ މުހިންމު މަސައްކަތަކީ ދަތުރުފަތުރު ކުރުމެވެ.

ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް ނުވަމަސްދުވަހު ނުވަތަ ދިހަމަސްދުވަހު އޮޑިފަހަރު ދަތުރުކޮށް އުޅުނެވެ. އޯގަސްޓް ފަނަރަ (މާނަކަތް) އިން ފެށިގެން މެއިމަހުގެ ހަޔަކާ ދެމެދު (ކެތިލައިގަތުމާ ދެމެދު) އޮޑިފަހަރު ދަތުރުކުރެއެވެ. މަލިކުގައި އެދުވަސްވަރު ތިންވައްތަރެއްގެ އޮޑިފަހަރު ބޭނުން ކުރެވިފައި ވެއެވެ. އެއީ ނާފަހަރު (400 ޓަނު) އާއި، އޮޑި (200 ޓަނު) އާއި، ބަނޑުއޮޑި (70 ޓަނު) އެވެ. މަލިކު އޮޑިފަހަރުގައި ޢާންމުކޮށް ދަތުރު ކުރަނީ މާލިމީއަކާއި ދިހަ ކަލާސީންނެވެ. މީގެ އިތުރަށް އޮޑީގައި ޖާގައޮތް މިންވަރަކުން ފަސިންޖަރުންވެސް ގެންދެއެވެ. ފަޅުވެރީންގެ ތެރޭގައި ސަރަނގަކާއި، ހުންގާނުހިފާ ހަތަރު މީހުންނާއި، ބަނޑޭރިއަކާއި، މާލު ބަނޑޭރިއެއް ހިމެނެއެވެ.

ރާއްޖޭގައި އިހުޒަމާނުގައި މުވާޞަލާތުގެ ވަސީލަތަކީވެސް ދަތުރުފަތުރު ކަމުގައި ހިމެނިފައި އޮތް ފަދައިން މަލިކުގައިވެސް އެކަންއޮތީ ހަމަ އެގޮތަށެވެ. މަލިކަށްވެސް ބޭރުގެ ޚަބަރުތައް ލިބެމުން ދިޔައީ ބޭރުދަތުރުކުރާ އޮޑިފަހަރު ރަށަށް އައުމުންނެވެ.

އޮޑިފަހަރު ފުރަންވީމާ އޮޑިބާލަން އޮޑިދޮށަށް ނިކުތުމަށާއި އޮޑި އެހެލުމަށް ރައްޔިތުން އެއްކުރުމަށް ގޮވާ ޚާއްޞަ ގޮވެލިގަނޑެއް އޮވެއެވެ. ހަމައެފަދައިން ފުރަންވީމާ ދަތުރުދާ މީހުންނަށް ފޮށިތަންމަތި ގެންނަން އެންގުމަށް (މަލިކު ބަހުރުވައިގައި ގާލިވައްޓަށް ކިޔުމަށް) ކިޔާ ގޮވެލިގަނޑުވެސް ހުރެއެވެ.

އޮޑިފަހަރު ފުރަންވީމާ ގާލިވައްޓަށް ކިޔަންދަނީ އޮޑީގެ ކަލާސީންނެވެ. އެމީހުން މަޣުރިބުނަމާދާއި ޢިޝާނަމާދާ ދެމެދު ކޮންމެ ގެއަކަށްގޮސް މެދުގޯތީގައި ހުއްޓިފައި ގޮވާލަނީ "މަންކާކާ ގާލިވައްޓާއި ތަންމައްޗާއި، ފަހާކޮތަޅާއި، ހަންކޮތަޅާއި، ވަންކޮތަޅާއި، ކޮތަޅުކޮތަޅާއި، އޮތިއްޔާ އޮތް އެތިކޮޅަކާއި، މާމާއިރާއޮޑި، ނުކެރެންޏާއި މީހެއް" މިހެންނެވެ. މިއީ، ފޮށިތަންމަތި ހިފައިގެން އޮޑިޔަށް އެރުމަށާއި އޮޑިޔަށް މުދާލާން ފަތިހާ ނުކުތުމަށް ނުވަތަ ބަދަލުގައި މީހަކު ފޮނުވުމަށް އަންގާ އެންގުމެވެ.

އެދުވަސްވަރު މަލިކުން ޢާންމުކޮށް ބޭރުކުރާ މުދަލަކީ ރާހުތާއި، ރޯނާއި، ހަކުރާއި، ރިހާކުރާއި، ހިކިމަހާއި، ކުފުރާއާއި ބޮއްޔެވެ.

ބޭރުންއަންނަ އޮޑިފަހަރު ފުރަތަމަ ފެންނަނީ މަސްވެރީންނަށެވެ. މަސްވެރީންނަށް އޮޑިފަހަރު ފެނުމުން ރަށަށް އައިސް ޚަބަރުދެއެވެ. ނުވަތަ ރަށުގައި ތިއްބައި އޮޑިފަހަރުގެ ރިޔާ ފެނުމުން ރަށުތެރޭގައި "އޮޑިޔެކޯ" މިހެން ގޮވައި ހަޅޭލަވައެވެ. ކުދިވެރީން ފުއްޓަރުފަރާތަށް ނުކުމެ "ފަރުމާނަކު ކުރި ފެނެޔޯ، ރުއްކަރާ މަތިން ފެނެޔޯ، ރަށް ބަނޑުއޮޑިކޮޅު ފެނެޔޯ" މިފަދަ ޢިބާރާތްތައް ގޮވައި ހަދައެވެ.

މިއީ، މަލިކަށް އެކަނި ޚާއްޞަކަމެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އިހުގައި ޢާންމުކަމެކެވެ. އަޅުގަނޑުމެން ކުޑައިރު ފުވައްމުލަކުގައިވެސް މިކަން އޮވެއެވެ. މާލެއިން ނުވަތަ ކޮޅުނބުން އަންނަ އޮޑިފަހަރު ފެނުނީމާ ކުޑަކުދީން "އާލޭ! ވެޑިއެއް ތިޔައޭޔޭ" (އާލޭ! އޮޑިއެއް އެބައާދެޔޭ) މިހެން ގޮވައި އުޅެއެވެ. މިގޮވުމަށް ފުވައްމުލަކު މީހުން ކިޔަނީ އާލޭގޮވުމެވެ. އާލޭގޮވުމަކީ އުފަލެއް ލިބުމުން ނުވަތަ މޮޅުކަމެއް ލިބުމުން އެކަމަށް ނިސްބަތްކޮށް ބުނާ ބުނުމެވެ. ނުވަތަ ގޮވާގޮވުމެވެ.

އަޅުގަނޑުގެ އެކުވެރި ޢަބްދުﷲ ޞާދިޤު ވިދާޅުވާ ގޮތުގައި މުލަކުއަތޮޅުގައިވެސް މާލެ ދިޔަ އޮޑި ރަށަށް އަންނަތަން ފެނުމުން ކުޑަކުދީން އޮޑިޔެކޯ ގޮވައެވެ. މުލަކުއަތޮޅު މުލީކުދީން ގޮވަނީ "މާލެދިޔަ އޮޑިޔޯ ކޯޑިޔޯ، ދެފަރު ދޭތެރެއިން ދީލާހާ ވެއްޖެޔޯ ކޯޑިޔޯ" މިހެންނެވެ.

އެޒަމާނުގައި މަލިކުއޮޑިފަހަރުގެ ރިޔާ ހުންނަގޮތުން އެއީ ކޮންއޮޑިއެއްކަން ވަކިކުރަން އެމީހުން ދަނެއެވެ. އޮޑިފެނުމާއެކު ޖަހާދޯނި ނުވަތަ އޮޑިޖަހާދޯނި ގޮސް އޮޑި ކަފުޖަހައިގެން ގެނެއެވެ. މިކަމުގައި މަލިކުގެ އާރުކާޓީ (ކެޔޮޅުންގެ ވެރިމީހާ) ގެ ދައުރު ވަރަށް މުހިންމެވެ. މިއީވެސް ރާއްޖޭގެ އެހެނިހެން ހިސާބުގައިވެސް ކޮށްއުޅުނު ކަމެކެވެ. އަޅުގަނޑުމެންގެ ރަށުގައިވެސް ދިހަފަލިލީ ދޯނިފަހަރުގޮސް އޮޑި ކަފުޖަހައިގެން ގެންނަ ހަނދާން އަޅުގަނޑުވެސް ރަނގަޅަށް އެބަހުއްޓެވެ. ޖަހާދޯނީގެ ކަފުގައި އޮޑި ގެނެސް އޮޑިއަޅާ ހިސާބުގައި އޮޑިއެޅުމަށްފަހު އެންމެ ފުރަތަމަ އޮންނަނީ ރަވާނާ ބޭލުމެވެ. ރަވާނާ ބާލައިގެން ސީދާ ގެންދާނީ ކަޗޭރީ އަށެވެ. ކަޗޭރީއަކީ އެޒަމާނުގައި ރަށުގެ ހުރިހާ ކަމެއް ބަލަހައްޓާ އޮފީހެވެ. ރަވާނާ ގެންނަ ދޯނި އަނބުރާ ސީދާ އޮޑިޔަށް ދާންޖެހެއެވެ. ރަވާނާގެ ކަންތައް ނިމުމުން އޮޑިން މުދާ ބާލަންވީއެވެ. އޮޑިން ފުރަތަމަ ބާލާ މުދަލަކީ ގެނެސްފައި ހުންނަ ގެރިއެވެ. ދެން ބިލެތްރުމާލެކެވެ.

އަހަރުތެރޭގައި ޢާންމުކޮށް ދަތުރުކޮށް އުޅޭ މޫސުމުގައި ގިނަ އޮޑިފަހަރު ހަތަރުބުރު ޖަހައެވެ. މިކަން ބިނާވެފައި އޮންނަނީ މޫސުން ތަން ދިނުމާއި، މުދާލިބުމުގެ މައްޗަށެވެ. މޫސުން ދިޔުމުން މެއިމަހުގެ ތެރޭގައި އޮޑިފަހަރު އެހެލައެވެ. އޮޑިފަހަރު އެހެލައި ބާލައި ހަދަނީ ރަށުގެ ރައްޔިތުން އެއްކޮށްގެންނެވެ. ރައްޔިތުން އެއްކުރުމަށް މަލިކުމީހުން ކިޔަނީ ރަށު އެންމެން "ކަޅުކޮއިލަން" މިހެންނެވެ. މިއީ ފާޑެއްގެ ކޮއްޔެއް ލުމެކެވެ. މިކޮލިގޮވަނީ "ވެރީން" ގެ ގަނޑުވަރުން ސަންގު ފުންމަން (މަލިކު ބަހުރުވައިގައި ބޮލިގޮއްވަން) ފެށުމާ އެކުގައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ސަންގަކީ ޙަޤީޤަތުގައި ބޮލީގެ ވައްތަރެކެވެ. އެހެންކަމުން ސަންގުފުމުމަށް ނުވަތަ ސަންގު ގޮއްވުމަށް ބޮލިގޮއްވުމޭ ކިޔަނީއެވެ.

"ކަޅުކޮއިލަން" ގޮވަނީ އަންނަނިވި ކޮއްޔެވެ. "މިކޮލި އަޑުއަހައި ތިއްބަވާންޗޭ، ހޭރު، ފޭރު، ކަނބުރު، ތިލޭރު، މަސްވެރި، ރާވެރި، ދަތުރުވެރި، ރައްޓެހި، ބީރައްޓެއްސަކަށްވިޔަސް މިކޮލި އަޑުއަހައި ދެނެ ތިއްބަވާންޗޭ. އަރާއިރާ އެކީ އޮޑިވަޅަށް ދުރުވާންޗޭ. އޮޑިވަޅަށް ދިޔުމަށްފަހު ގޯތިގޯތީ، ދެވޭ، ހެލެންކެރޭ މީހަކު ދެކެފިނަމަ ހިފަހައްޓައި، ގެންގޮސް ކަނބޯގޯއްޗަށްލައި ހާނީކެއް ކޮށްފިނަމަ ނުބައެކޭ ނުބުނާންޗޭ. އަލިފާނާއި ޅަދަރީންނާއި ހަވާލު ނުކުރާންޗޭ. އަލިފާނަށް ރައްކައުވާންޗޭ." އާދެ، މިއީ "ކަޅުކޮއިލާ" ކޮލީގެ ޢިބާރާތެވެ. މިކޮލީގެ އަޑުއިވުމުން އޭގައިވާ ގޮތުގެ މަތީން ރައްޔިތުން އޮޑިވަޅަށް ނުކުމެއެވެ. އޮޑިއެހެލުމަށްފަހު ކުރިއަށްއޮތް މޫސުމުގައި އެއޮޑިން ދަތުރުނުދާނެ މީހުން ވަކިކޮށް އަލަށް މީހުން ނަގައިގެން އެމީހުން ލައްވައި އޮޑިހައްދައި މަރާމާތު ކުރުމުގެ މަސައްކަތް ފެށެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އޮޑިފަހަރު ދަތުރުކުރި ދުވަސްވަރު ޢާންމުކޮށް އޮޑީގެ މަސައްކަތް ކުރަނީ އޮޑީން ދަތުރުކުރާ މީހުންނެވެ.

މަލިކުމީހުން އޮޑި ހިޔާކުރުމަށް ކިޔަނީ ފަންކަން ޖެހުމެވެ. މިއީ ރާއްޖޭގައި މިކިޔާ ގެމަހެދުމެވެ.

(ނުނިމޭ)