ޗައިނާގެ މަޝްހޫރު މުވާސަލާތީ ކުންފުނި، ވާވޭގެ ފްލޭގްޝިޕް ފޯން މޭޓް 30 މިމަހުގެ 19 ވަނަ ދުވަހު ލޯންޗު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވާވޭ މޯބައިލްގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ބުނެފައިވާ ގޮތުން، އެ ފޯނު ލޯންޗު ކުރާނީ ޖަރުމަނުގެ މިއުނިކްގައި ބާއްވާ ހާއްސަ ހަފުލާއެއްގައެވެ.
"ރީތިންކް ޕޮސިބިލިޓީސް" ޓެގްލައިންއާއެކު ލޯންޗު ކުރާ އެ ފޯނު ވެގެންދާނީ، އެމެރިކާ ސަރުކާރުގެ ހާއްސަ ހުއްދައަކާއި ނުލައި އެގައުމުގެ އެއްވެސް ކުންފުންޏަކުން ބޭރުގެ ކުންފުނިތަކާއެކު ވިޔަފާރި ނުކުރެވޭނެ ލިސްޓަށް ވާވޭ އިތުރުކުރި ފަހުން އެ ކުންފުނިން ނެރޭ ފުރަތަމަ ފޯނަށެވެ.
އެމެރިކާގެ އެ ނިންމުމާއެކު އެގައުމުގެ ގޫގުލް އިން ވެސް ވަނީ ވާވޭއާއެކު ވިޔަފާރިކުރުން ހުއްޓާލައިފައެވެ.
ވާވޭ އަކީ ގޫގުލް އިން އުފައްދާ އެންޑްރޮއިޑް އޯއެސްގައި ހިންގާ ފޯނަކަށްވާއިރު ގޫގުލް އިން ވާވޭއަކު ވިޔަފާރި ކުރުން ހުއްޓާލުމުގެ ސަބަބުން، ގޫގުލްގެ މުހިންމު ބައެއް ހިދުމަތްތައް ވާވޭ ފޯނަކަށް ނުލިބޭނެއެވެ. އޭގެ ތެރޭގައި ޕްލޭ ސްޓޯރާއި ގޫގުލް މެޕްސް، ޖީމެއިލް އަދި ޔޫޓިއުބް ހިމެނެއެވެ.
ނަމަވެސް ގޫގުލް އިން ބުނާގޮތުގައި، ވާވޭއަށް އެ ކުންފުނީގެ އެންޑްރޮއިޑް ބޭނުން ކުރެވިދާނެއެވެ. އެއީ އެންޑްރޮއިޑްއަކީ އޯޕަން ސޯސް އޯއެސް އަކަށްވާތީއެވެ. ނަމަވެސް ގޫގުލް އެޕްތަކެއް ނުހިމެނޭނެއެވެ.
އެމެރިކާގެ މި ނިންމުމާއެކު ވާވޭއިން ވަނީ އެމީހުންގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމް، ހާމަނީއޯއެސް މިދިޔަ މަހުގެ ތެރޭގައި އިއުލާން ކޮށްފައެވެ. އަދި ޕްލޭ ސްޓޯރުގެ ބަދަލުގައި ބޭނުންކުރެވޭނެ ސްޓޯރަކާއި މެޕިން ސާވިސްއެއް ވެސް ވަނީ ހޯދައިފައެވެ.
ނަމަވެސް ގޫގުލްގެ ރަސްމީ އެންޑްރޮއިޑް އޯއެސް އަދި އެޕްތަކާ ނުލައި ޔޫރަޕާއި ވާވޭގެ މުހިންމު މާކެޓްތަކަށް އެ ކުންފުނީގެ ފަހުގެ ފޯން، މޭޓް 30 އަށް ތަރުހީބު ލިބިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ވާވޭގެ މޭޓް 30 އާ ގުޅޭގޮތުން ފެތުރޭ އަޑުތަކަށް ބަލާއިރު، އެ ސީރީޒް ވެސް ނެރޭނީ ކުރީގެ ސީރީޒްތައް ވެސް ނެރުނު ގޮތަށް، ސްޓޭންޑަޑް އަދި ޕްރޯގެ ގޮތުގައެވެ. އަދި އެ ފޯނުތަކުގައި ބޭނުން ކުރާނީ ކިރިން ޕްރޮސެސާއެވެ.
ނަމަވެސް ވާވޭގެ ކުރިން ނެރުނު ފޯނު މޭޓް 20 އާ އެއްގޮތަށް މޭޓް 30 ގައި ވެސް ގިނަ ބަޔަކު އެންމެ ގަޔާވާ އެއްޗަކަށްވާނެ ކަމަށް ބެލެވިފައިވަނީ އެ ފޯނުގެ ކެމެރާއެވެ.