ލަންކާއިން ދިވެހިންނާމެދު އަމަލު ކުރަނީ ހާއްސަ ގޮތަކަށް ކަމަށާއި، ދިވެހިންނަކީ ބިދޭސީންކަމަށް ލަންކާގައި ނުދެކޭ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ސްރީލަންކާގެ އިސްވެރިންގެ ވަފުދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވި ރަސްމީ ޖާފަތުގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ، ޒަމާނުއްސުރެން ރާއްޖެ އާއި ލަންކާ އާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، އެއް އިރަކުވެސް ދިވެހިންނަކީ ބިދޭސީ ބައެއްގެ ގޮތުގައި ލަންކާއިން ނުދެކޭ ކަމަށެވެ.
ރަނިލް ވިދާޅުވީ އަބަދުވެސް ދިވެހިންނާ ދޭތެރޭ ދެކެނީ އަމިއްލަ ބައެއްގެ ގޮތުގައި ކަމަށެވެ.
ދެގައުމުގެ ތާރީހަށް ބައްލަވައިލައްވަމުން ރަނިލް ވިދާޅުވީ އެހެން ގައުމުތަކުގެ ރައްޔިތުންނާ ތަފާތުކޮށް، ލަންކާ ރައްޔިތުންނަށް އެގައުމުގައި ލިބޭ ހިދުމަތްތައް ދިވެހިންނަށް ލިބޭ ގޮތަށް، 1984 ވަނަ އަހަރު، ލަންކާގެ އޭރުގެ ރައީސް ޖަޔަވަރުދަނާ ނިންމެވި ކަމަށެވެ. އަދި އެ ނިންމެވުމާއެކު މިހާތަނަށް އައި އިރު ދެގައުމުގެ ދެމެދުުގައި އިތުރަށް ގުޅުން ބަދަހިވެ، އިތުރު ހިދުމަތްތަކައި ފަސޭހަތައްް ލަންކާއިން ދިވެހިންނަށް ހަމަޖައްސައިދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ލަންކާއާމެދު ރާއްޖޭން ގެންގުޅޭ ރަނގަޅުގޮތް ފާހަގަ ކުރައްވައި، ރާއްޖެއަށް ތައުރީފު ކުރައްވަމުން ރަނިލް ވިދާޅުވީ، ޓެރަރިޒަމް ހަމަލާގެ ބިރުވެރިކަމުގައި ލަންކާ ހޭދަކުރި ދުވަސްތަކުގައި ރާއްޖެއިން އޮތީ ލަންކާއާއެކު ކަމަށާއި އެކަން ހަނދާން ނައްތައިނުލައްވާނެ ކަމަށެވެ. އަދި ޑިމޮކްރަސީ ހަރުދަނާކުރުމުގެ ކަންތައްތައް ރާއްޖެ އާއި ލަންކާގައި ކުރިއަށްދިޔައީ ދާދި އެއްގޮތަށްކަން ފާހަގަ ކުރައްވައި ދެ ގައުމަށް ވެސް ޑިމޮކްރަސީ އިއާދަކުރުމަށް ފަހު ސުވާލު އުފެދުނީ އެ ނިޒާމު ދެމެހެއްޓިދާނެތޯ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަނިލްގެ ވާހަކައިގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރައްްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެ މަޖިލީހުގައި ކުރެއްވި މަސައްކަތްޕުޅާއި، ސިޔާސީ ގޮތުން އެންމެ އުހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަ ކުރައްވައި ރަނިލް ވަނީ ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފައެވެ.