ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ސްރީލަންކާގެ އިސްވެރިންގެ ވަފުދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ޖާފަތެއް ބާއްވަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މިއަދު މެންދުރު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ދެގައުމުގެ ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައިވެއެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެގައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އަދާކުރެއްވި ދައުރު ފާހަގަކުރައްވާފައެވެ.
އަދި ރާއްޖެއާއި ސްރީލަންކާގެ ގުޅުމަކީ އެތަކެއް ޖީލުތަކަށް ހާއްސަކޮށް ވިޔަފާރިއާއި، ދަތުރުފަތުރުގެ ދާއިރާއިން ދެމިގެންގޮސްފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، އެގުޅުން މިއަދު ވަނީ ޒަމާނީ އޮއިވަރަށް އައި ބަދަލުތައް ކަޑައްތުކޮށް ބޭރު ދުނިޔޭގައި އަދި ދެގައުމުގެ ދޭދޭ ގުޅުމަށް ބަލާއިރު އިތުރަށް ބަދަހިވެފައިކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ، ސްރީލަންކާގެ ބޮޑުވަޒީރު އިސްވެ ހުންނަވައިގެން މާދަމާ ކުރިޔަށް ގެންދިޔުމަށް ހަމަޖައްސަވާފައިވާ އޮތް ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރަންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން، މި ކޮންފަރެންސްގައި މަޝްވަރާކުރާ މައިގަނޑު މަގުސަދު ކަމުގައިވާ އިންޑިއާ ކަނޑުގެ ސަރަހައްދަށް ދިމާވާ ނުރައްކާތަކުން ރައްކާތެރިވުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުން ވެގެންދާނީ ރާއްޖެއާއި ސްރީލަންކާ އާ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަ މެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.