ސްރީ ލަންކާއިން ދިވެހިންނަށް ''އޯގަން ޓްރާންސްޕްލާންޓް'' (ގުނަވަން ބަދަލުކުރުން) ހިދުމަތް ލިބޭ ގޮތަށް އެގައުމުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ލަންކާގެ ހޮސްޕިޓާތަކުން ދިވެހިންނަށް ގުނަވަން ބަދަލުކުރެވޭ ގޮތަށް ހުއްދަ ދެއްވުމާ ގުޅިގެން، އެކަމަށް ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ޝުކުރު ދަންނަވާފައެވެ. އަދި ލަންކާގައި ސިއްހީ ހިދުމަތް ހޯދަމުން އަންނަ ދިވެހިންނަށް އެ ގައުމުން ދެމުން އަންނަ މެހެމާންދާރީ އާއި ހިދުމަތްތަކަށްވެސް ރައީސް ޝުކުރު ދެންނެވިއެވެ.
މީގެ ކުރިން ސްރީލަންކާގައި އެހެން ގައުމު ތަކުގެ ރައްޔިތުންނަށް ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫނެވެ. މިދިޔަ ޖޫން މަހުގެ ކުރިން ލަންކާގައި ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ދެމުން އައީ ހަމައެކަނި ލަންކާގެ ރައްޔިތުންނަށެވެ. ނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން ރާއްޖޭގެ ސަރުކާރު މެދުވެރިކޮށް ބައެއް ދިވެހީންނަށް ހިދުމަތް ފަހިކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
ރައީސް ސޯލިހުގެ ދައުވަތަކަށް، ބޮޑުވަޒީރު ރަނިލް ރާއްޖެއަށް ވަޑައިގަންނަވާފައިވަނީ މިއަދު ހެނދުނު އެވެ.