މަތީ ތައުލީމާއި، ޒުވާނުން ކުރިއެރުވައި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ލަންކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމުގައި ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ސޮއިކުރައްވައިފިއެވެ.
ދެގައުމުގެ ދެމެދު ކުރިއަށްދިޔަ މަތީފެންވަރުގެ ވާހަކަތަކަށްފަހު މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ރައިސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
"އެމްއޯޔޫ އޮން ހަޔަރ އެޑިއުކޭޝަން" އެއްބަސްވުމަކީ ރާއްޖެއާއި ސްރީލަންކާގެ ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދީ ހާއްސަކޮށް ގުޅުންހުރި ދާއިރާތަކުން ކަމާގުޅޭ މާހިރުންގެ ލަފަޔާ އިރުޝާދާ އެކީ ކަންކަމުގެ މައުލޫމާތު ބަދަލުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.
"އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން" އެއްބަސްވުމަކީ އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ދެގައުމުގެ މެދުގައި އެއްބާރުލުން ދިނުމާއެކު މިރޮނގުން އެންމެ ނާޒުކު ފަރާތްތައް ކަމަށްވާ ކުޑަކުދިންނާއި، ދުވަސްވީ މީހުންގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވެފައިވާ އެއްބަސްވުމެވެ.
އެމްއޯޔޫ ފޮރ ވޮކޭޝަނަލް ޓްރެއިނިންގ އެންޑް ޔޫތު ޑިވެލޮޕްމަންޓް ގެ ނަމުގައި މިއަދު ބަދަލު ކުރި އެއްބަސްވުމަކީ ޒުވާނުންނަށް އަމާޒުކޮށްގެން މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، އިސްނެގުމާއި ހިންގުމުގެ ހުނަރު ތަރައްގީ ކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީނުތައް ހިންގުމަށް ވެވުނު އެއްބަސްވުމެކެވެ. އަދި، މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ތާރީހާއި ސަގާފަތް ދިރުވައި އާލާކުރުމާއި، ބަހާއި އާދަކާދައިގެ ތެރެއިން އިލްމީ ދިރާސާތައް ހެދުންވެސް ހިމެނެއެވެ.
ސްރީ ލަންކާއަށް ދާ ދިވެހިންނަށް އެގައުމުން 90 ދުވަހުގެ އޮން އެރަވައިލް ވިސާ ލިބޭ އެއްބަސްވުން "އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް" ގައި ވެސް ލަންކާ ސަރުކާރާއި ދިވެހި ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފައެވެ.
މިހާރު އޮންނަ ގޮތުން ނަމަ ލަންކާއަށްދާ ދިވެހިންނަށް ލިބެނީ އެއް މަހުގެ އޮން އެރައިވަލް ވިސާއެވެ.