ރައީސް އޮފީސް

ރާއްޖެ އާއި ލަންކާއާ ދެމެދު ރަސްމީ ވާހަކަތައް ފަށައިފި

އިބްރާހިމް ޒަކީ

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ރަސްމީ ވާހަކަތައް ފަށައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް، ރަސްމީ ދަތުރު ފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އެމަނިކުފާނުގެ ވަފުދާއެކު ރަސްމީ ވާހަކަތައް ފަށާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ދެ ގައުމުގެ ދެމަދުގައި ބާއްވާ ރަސްމީ ވާހަކަތަކުގެ ތެރޭގައި ދެގައުމުގެ ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން ތަރައްގީގެ ރޮނގުން ދެގައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުން ހިމެނެއެވެ.

މި ވާހަކަ ދެއްކުންތަކަށްފަހު، ރާއްޖެއާ ލަންކާއާ ދެމެދު އެކިދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތުން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ތިން މަސްދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެގައުމުގެ ކެބިނެޓުން ނިންމައިފައިވާ، އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ. މިހާރު އޮންނަ ގޮތުން ނަމަ ލަންކާއަށްދާ ދިވެހިންނަށް ލިބެނީ އެއް މަހުގެ އޮން އެރައިވަލް ވިސާއެވެ.

ތިން މަސްދުވަހުގެ މުއްދަތަށް ވިސާ އިތުރުކޮށްދިނުމަށް ސޮއިކުރާ މި އެއްބަސްވުމުގެ ސަބަބުން، ތައުލީމު ހާސިލުކުރުމާއި، ސިއްހީ އެކި ބޭނުންތަކަށް ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ޒުވާނުން ކުރިއެރުވުމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ނިންމާފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގައި ކުރިޔަށްދާ ރަސްމީ ވާހަކަތަކުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި ކެބިނެޓުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ.