ކުއްލި ޚަބަރު

ރިލްވާންގެ މައްސަލާގައި ފާހަގަކުރެވޭ ތިން މީހަކު ފުރައިގެން ދިޔަނުދިނުމަށް އަމުރެއްވާނީ ހޯދާފައި: ސުއޫދު

މަރިޔަމް ޝަހުދާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ފާހަގަ ކުރެވޭ ތިން މީހެއް ފުރައިން ދިޔަ ނުދިނުމަށްޓަކައި، ކޯޓު އަމުރެއް ހޯދާފައިވާނެ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރައީސް، ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ، ރިލްވާން ގެއްލުން މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިލްވާންގެ މައްސަލާގައި ފާހަގަކުރެވޭ ތިން މީހަކު ފުރައިގެން ދިއުމަށް ކޯޓު އަމުރެއް ހޯދާފައިވާނެ ކަމަށް ސުއޫދު ވިދާޅުވި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ތަފްސީލެއް އޭނާ ހިއްސާ ކުރައްވާފައެއް ނުވެއެވެ. ވިދާޅުވީ، އެކަމުގެ ތަފްސީލު ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވަނީ ރިލްވާން ގެއްލުވާލި މައްސަލަ އާއި ގުޅިގެން ވަރަށް ގިނަ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އެގޮތުން ރިލްވާން ވަނީ މަރާލާފައިވާކަން ކަށަވަރު ކޮށްދެއްވާ ސުއޫދު ވިދާޅުވީ، ރިލްވާން މަރާލާފައިވަނީ ހުޅުމާލެ އިން އޭނާ ޑިންގީއަކަށް އަރުވައިގެން ގެންގޮސް ކަނޑުގައި އޮތް އުޅަނދަކަށް އެރުވުމަށްފަހު ކަމަށެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭރު މި މައްސަލާގައި ފަސް މީހަކަށް ދައުވާ އުފުލި ނަމަވެސް ފުލުހުންގެ އިހުމާލާއެކު އެ ހުރިހާ އެންމެންވަނީ މިނިވަންވެފައެވެ.