ކުއްލި ޚަބަރު

ރިލްވާން ރާއްޖެއިން ބޭރަށް ފުރިކަން ދައްކަން ލިޔުމެއް ހޯދަން އަދީބާއި ގުޅުން ހުރި ދެ ފުލުހަކު އިމިގްރޭޝަނަށް ދިޔަ

މަރިޔަމް ޝަހުދާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެއިން ބޭރަށް ފުރިކަން ދެއްކުމަށް ލިޔުމެއް ހޯދަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރާއި ގުޅުން ހުރި ދެ ފުލުހަކު އިމިގްރޭޝަނަށް ދިޔަ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ މީގެ އިރުކޮޅެއް ކުރީން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގަ އެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނުން ވިދާޅުވީ ރިލްވާން ފުރިކަމަށް ދެއްކުމަށް ލިޔުމެއް ހޯދުމަށް އިމިގްރޭޝަން ކޮންޓްރޯލާ އާއި ބައްދަލު ކޮށްފައިވަނީ ފުލުހުންގެ އިންޓަލިޖަންސްގައި މަސައްކަތް ކުރި ދެ ފުލުހުން ކަމަށެވެ. އަދި މި ދެ ފުލުހުންނަކީ އެހެން މައްސަލަތަކެއްގައި އަދީބާއި ގުޅުން ހުރި ދެ ފުލުހުންކަން ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

ކޮމިޝަނުން ބުނީ، ރިލްވާނުގެ ޕާސްޕޯޓުގެ ކޮޕީއެއް ނުވަތަ ރިލްވާން ރާއްޖެއިން ބޭރަށް ދިޔަކަން ދައްކަން ޓްރެވަލް ޑޮކިއުމަންޓެއް ހޯދުމަށް އަދީބާއި ގުޅުން ހުރި ދެ ފުލުހަކު އިމިގްރޭޝަނަށް ދިޔަ ކަމަށާއި އެހެން ނަމަވެސް އެ ދެ ފުލުހުންނާއެކު އަދީބު ވަޑައިނުގަންނަވާ ކަމަށެވެ.

ކޮމިޝަނުން ވަނީ މި މައްސަލައިގެ ބާވަތުން މައްސަލައިގެ ހެކި ހޯދުމަށް ދަތިތަކާ ކުރިމަތިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ބައެއް މީހުން މިމައްސަލައިގައި ހެކިބަސް ދިނުމަށް އިންކާރު ކުރާކަމަށް ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވިއެވެ. ސުއޫދު ވިދާޅުވީ ބައެއް މީހުން މި މައްސަލައިގައި ހެކިބަސް ދިނުމަށް އިންކާރުކޮށްފައިވަނީ އެއީ އެމީހުންގެ އަގީދާއާއި ގުޅިފައިވާ މައްސަލައަކަށް ވާތީ ކަމަށެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުއެވެ. އެކަމަށް ފަސް އަހަރު ވެގެންދިޔައިރު ވެސް މިހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. އަދި އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ކުރި މީހުން ވެސް ފުލުހުންގެ އިހުމާލުތަކެއް ހުރުމުން ވަނީ މިނިވަންވެފަ އެވެ.