ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތް

ގްލޯބަލް ޔޫތު ޕީސް އެމްބެސެޑާސް ޕްރޮގްރާމް ނިންމާލައިފި

އާނިފާ ހުސެއިން ސިރާޖް

ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް ޕްރޮގްރާމް 2019 ނިންމާލުމުގެ ރަސްމިއްޔާތު ރޭ މޯލްޑިވްސް ނޭޝނަލް ޔުނިވާރސިޓީ (އެމްއެންޔޫ) ގައި ބާއްވައިފިއެވެ.

މިމަހު 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ ގްލޯބަލް ޔޫތު ޕީސް އެމްބެސެޑާރސް 2019 ޓްރެއިނިން ޕްރޮގްރާމަކީ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓެރިން ޔޫތު (ރަފީ) އާއި ޔޫތު މިނިސްޓްރީން ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގައި ކުރިއަށްގެންގޮސްފައިވާ މިފަދަ އެންމެ ފުރަތަމަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމަކީ ސުލްހަވެރިކަން (ޕީސް) އަށް މަސައްކަތް ކުރާ އެމްބެސެޑަރުން ތަމްރީނު ކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން ތަމުރީނުވި ހުރިހާ ޒުވާނުން ވެގެންދާނީ އެޒުވާނެއްގެ ގައުމުގައި ޕީސްއަށް މަސައްކަތް ކުރާ ޕީސް އެމްބެސަޑަރަކަށް ކަމަށް ރަފީ އެންޖީއޯއިން މައުލޫމާތު ދެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ރަފީ ގެ ރައީސާ، އައިޝަތު ރަފިއްޔާ ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވެ ޕްރޮގްރާމް ނިންމި ކޮންމެ ބައިވެރިއަކަށް ރޭގެ ހަފުލާގައި ވާނީ މެޑަލް ހަވާލުކޮށްފައި ކަމުގައެވެ.

މި ޕްރޮގްރާމްގައި ޖުމުލަ 30 ގައުމަކުން 183 ފަރާތަކުން ބައިވެރިވެފައިވެއެވެ. އަދި ހަ ގައުމަކުން ތަޖުރިބާކާރު ލެކްޗަރާއިންވެސް ބައިވެރިވެފައިވާކަމަށް ރަފީ ވިދާޅުވިއެވެ. މި ޕްރޮގްރާމުގައި ބޭރިގެ ގައުމުތަކުން ބައިވެރިވި މީހުން މިއަދު ފުރަން ފަށާނެ ކަމަށް ވެސް ރަފިއްޔާ ވިދާޅުވި އެވެ.