އިނގިރޭސި ޕްރިމިއާ ލީގު

ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ސައުތުހެމްޓަން އިން ޔުނައިޓެޑް ހިފަހައްޓައިފި

އަލީ ރިފްޝާން

ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ސައުތުހެމްޓަން އިން މެންޗެސްޓާ ޔުނައިޓެޑް ހިފަހައްޓައިފިއެވެ.

ސައުތުހެމްޓަންގެ އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ސްކޮޓް މެކްޓޮމިނޭ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެޓީމާ ގުޅި، މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެނިއެލް ޖޭމްސްއެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ޑިފެންޑަރުންނަށް ސައުތުހެމްޓަންގެ ކުޅުންތެރިން އުނދަގޫތަކެއް ކުރިމަތިކުރުވި ނަމަވެސް، ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ސައުތުހެމްޓަން އިން ވަނީ މެޗުގެ 58 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ކެވިން ޑެންސޯ ނަގައިދިން ހުރަހަކުން ސައުތުހެމްޓަންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ޑިފެންޑަރު ޔެނިކް ވެސްޓާގާޑްއެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ޑެންސޯއަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތް ކާޑާ ގުޅިގެން މެޗުގެ ބާކީބައި ސައުތުހެމްޓަން އިން ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދައްކާފައިވަނީ މެކްޓޮމިނޭއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ދިހަ ކުޅުންތެރިންނާއެކު ކުޅުމުންދިޔަ ޔުނައިޓެޑަށް ފައިދާ ނެގިފައެއް ނުވެއެވެ. ނަމަވެސް އެ ރަތް ކާޑަށް ފަހު ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. ޖޭމްސް އާއި މާކަސް ރަޝްފާޑު ފޮނުވާލި އެ ދެ ހަމަލާގެ ހުރަހަކަށްވީ ސައުތުހެމްޓަންގެ ގޯލްކީޕަރު އެންގަސް ގަންއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެލްސީއަށް ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 19 މިނެޓާއި މެޗުގެ 44 ވަނަ މިނެޓުގައި ޗެލްސީން ޖެހި އެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވަޑް ޓެމީ އަބްރަހަމްއެވެ.

ޝެފީލްޑް ޔުނައިޓެޑުން ޖެހި ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭގައެވެ. އެ ލަނޑު ޝެފީލްޑަށް ކާމިޔާބުކޮށްދިނީ ކެލަމް ރޮބިންސަންއެވެ. ޗެލްސީއަށް ލީޑު ގެއްލިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައި ކާޓް ޒޫމާ އަތުން ބައިކޮޅަށް ވަން ލަނޑުގެ ސަބަބުންނެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ހަތަރު މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. މެންޗެސްޓާ ޔުނައިޓެޑް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. ލީގުގައި ޗެލްސީ އަދި ޔުނައިޓެޑަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.