ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ)ގެ މުވައްޒަފުންނަށް އަނިޔާއާއި ފުރައްސާރަކުރުމުގެ މައްސަލަތައް ދިމާވާ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އެކުންފުނިން އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ، އެކުންފުނީގެ މުވައްޒަފުން ކަމަށެވެ. އަދި މަދުން ނަމަވެސް، އެކުންފުނީގެ މުވައްޒަފުންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ދިމާވާ ކަމަށެވެ. އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެކަންކަން ބަލަމުން ގެންދާނެ ކަމަށްވެސް ވެމްކޯއިން މިރޭ ވަނީ ބުނެފައެެވެ.
ވެމްކޯއިން ބުނީ އެކުންފުނީގެ މުވައްޒަފުންނަށް މަސައްކަތްކުރާނެ ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވެމްކޯއިން އެހެން ބުނެފައިވާ އިރު، އެކުންފުނީގެ މުވައްޒަފަކަށް ހަމަލާދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެގޮތުން މީސްމީޑިއާގައި އެކުންފުނީގެ މުވައްޒަފަކަށް ހަމަލާދޭ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ. އެ ވީޑިއޯގައި އެކުންފުނީގެ މުވައްޒަފަށް ހަމަލާ ދިނީ އޭނާ ޑިއުޓީއަށް ދަނިކޮށެވެ. ވެމްކޯއިން ބުނީ އެ ހަަމަލާ ދީފައިވަނީ އެކުންފުނީގެ މުވައްޒަފެއް ނޫން ކަމަށެވެ.
ވެމްކޯގެ މުވައްޒަފަކަށް ހަމަލާ ދިން މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.