އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

އަންނަ އަހަރުގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ލ. އަތޮޅުގައި ބާއްވަން ވިސްނަނީ

އަންނަ އަހަރު ރާއްޖޭގައި ބާއްވާ އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ލ. އަތޮޅުގައި ބޭއްވުމަށް ވިސްނަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޒުވާނުންގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ލ. އަތޮޅުގައި އެ މުބާރާތް ބޭއްވުމަށް ވިސްނަމުން އަންނަނީ ގައުމީ އަންހެން ވޮލީ ޓީމުގެ ގިނަ ކުޅުންތެރިން ނިސްބަތްވަނީ ލ. އަތޮޅުން ކަމަށްވާތީ ކަމަށެވެ.

"މިއަންނަ އަހަރުގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ބިޑް އަޅުގަނޑުމެންނަށް މިވަނީ ކާމިޔާބުކުރެވިފައި. އަޅުގަނޑުމެންގެ ވިސްނުމަކީ ލ. އަތޮޅު ކަހަލަ ކޮންމެވެސް އަތޮޅެއްގައި ބޭއްވޭތޯ. އެއީ އަންހެން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނެނީ ލ. އަތޮޅުން. އެހެންވީމާ އެ މުބާރާތް އެ އަތޮޅުގައި ކުޅެވޭނެ ކަހަލަ ގޮތެއް ވުން. އެހެންވީމާ އެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ހުރިހާ ކަމެއް މާލޭ ސަރަހައްދަށް އައިސް އޮތް އޮތުން ބަދަލުކުރުމަކީ ސަރުކާރުގެ އެއް ސިޔާސަތު ކަމަށާއި އެގޮތުން ރާއްޖޭގެ ރަށްރަށަށް އެކަން ފެތުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން އެހެން ރަށްރަށަށް ހަރަކާތްތައް ގެންދަން މަސައްކަތްކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމާޒު ހިފާފައި މިހުރީ އެކަމަށް. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވެސް ވަކި ކުޅިވަރުތަކަށް ހާއްސަކުރެވިގެން ބައެއް ފެސިލިޓީސްގެ މަސައްކަތް ނިމޭނެ. އަނެއްބައި މަސައްކަތްތައް ފެށޭނެ. މިހާރު އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމެއް އެއީ ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓު ކުރުން. އެހެން ލިބޭ މުބާރާތެއް ވެއްޖެއްޔާ ވެސް މާލެއިން ބޭރުގައި ބޭއްވުމަށް މަސައްކަތްކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ މިއަހަރުގެ ފަހުކޮޅު ރާއްޖޭގައި ބާއްވާ ސަރަހައްދީ ބެޑްމިންޓަން ވަރުގަދަ މުބާރާތެއް އައްޑޫ ސިޓީގައި ކުރިއަށްގެންދާނެ ކަމަށާއި އަށް މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން އެކަމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރެވޭނެ ކަމަށެވެ.