ސިޔާސީ

ޕާޓީއާ ގުޅޭތާ ހަ މަސް ނުވަނީސް އެތެރޭގެ އިންތިހާބުތަކުގައި ވާދަ ނުކުރެވޭނެ ގޮތް ހަދައިދޭން އެމްޑީޕީގެ ޒުވާނުން އެދިއްޖެ

ފަތޯނާ ފާއިޒު

1

ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ކުރެވޭނީ އެޕާޓީގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ހަ މަސް ހޭދަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީގެ ޒުވާނުންގެ ފަރާތުން ގަރާރެއް ފާސްކޮށްފިއެވެ.

އެ ގަރާރު ފާސްކޮށްފައިވަނީ އެމްޑީޕީން ހުޅުމާލޭގައި ބޭއްވި އެޕާޓީގެ އެންމެ ފުރަތަމަ ޒުވާނުންގެ ކޮންގްރެސްގައެވެ. އެޕާޓީގެ ޒުވާނުންގެ ގޮފީގެ ފަރާތުން ބޭއްވި ކޮންގްރެސްގައި 160 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވެފައިވާ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ. ކޮންގްރެސްގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ ގޮފީގެ ފޯކަލް ޕޮއިންޓުތަކުންނާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޕާޓީ ތަމްސީލު ކުރާ އުމުރުން 18 އަހަރާ 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ޒުވާނުންގެ ކޮންގްރެސްއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން، އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ކޮންގްރެސްއަށް އެޖެންޑާކޮށްގެން ކުރި މުހިންމު ކަންކަމުގެ ތެރޭގައި، ޕާޓީގެ ގައުމީ މަޖިލީހަށް ޒުވާނުންގެ ހިތްވަރުގެ ފަރާތުން ހުށަހަޅާނެ ގަރާރެއް ކޮންގްރެސްގެ އަގުލަބިއްޔަތުން ފާސްކުރެވިގެން ދިޔަ ކަމަށެވެ. އެ ގަރާރަކީ، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ކުރެވެން ޖެހޭނީ މަދުވެގެން، އިންތިހާބު އޮންނަ ތާރީހުގެ ހަ މަސް ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހަކަށް އެކަނި ކަމަށް ބަޔާން ކުރާ ގަރާރެކެވެ.

"ބަހުސް މަރުހަލާއަށް ބަލާލިކަމުގައި ވާނަމަ، ގިނަ އަދަދެއްގެ ކޮންގްރެސްމަނުން ފާހަގަކުރެއްވި، އެހެން ޕާޓީތަކުގައި ތިއްބަވާފައި ފަހު މިނެޓުގަ ޕާޓީއާ ގުޅިވަޑައިގެން، ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާ ކަމާއި އަދި އެކަމާ ގުޅިގެން ޕާޓީގެ ތެރޭގައި އުފެދިގެން އެ އަންނަ އެކިއެކި މައްސަލަތައް،" މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވިގޮތުގައި، މިއަދުގެ ކޮންގްރެސްގައި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ހިންގާ ގަވައިދު ފާސް ކުރެވުނު ކަމަަށެވެ. އެގޮތުން އެ ގަވައިދަށް 10 އިސްލާހަށް ވުރެ ގިނަ އިސްލާހު ގެނެސްފައިވާކަން މީކާއީލް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެ އިސްލާހުތައް ބަލައިގަތް އިރު، އިސްލާހުތަކާ ގުޅިގެން ހިޔާލު ތަފާތުވި ނަމަވެސް، ނިމުމަކާ ހަމައަށް އައިރު، ހުރިހާ ކަމެއް ކުރެވިގެން ދިޔައީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށެވެ.

"ޔޫތު ކޮންގްރެސް އަކީ ވަރަށް ތާރީހީ، ކާމިޔާބު އަދި އުފާވެރި ކޮންގްރެސްއެއް،" މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ މިފަދަ ކޮންގްރެސްއެއް ބޭއްވުމުގެ އެންމެބޮޑު މަގުސަދަކީ ސިޔާއީ މައިދާނުގައި ޒުވާނުންނަށް އިތުރު ފުރުސަތު ތަނަވަސްކޮށްދީ، ޒުވާނުން ބާރުވެރިކުރުވުން ކަމަށެވެ.