މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 34

އަބްދުﷲ ފާރޫގް ހަސަން

އަވަށްއަވަށުގެ އިންތިޒާމު

މަލިކުމީހުންގެ އާދަކާދަޔާމެދު އަޅުގަނޑު ލިޔަމުންއައި ބާބުގެ ނިމުން ގެންނަން ގަސްދުކޮށްފައިވަނީ މަލިކުގެ އިޖުތިމާޢީ އިދާރާގެ ބިންގާ ކަމުގައްޔާއި ޘަޤާފަތު ހިފެހެއްޓުމުގެ އެންމެ މުހިއްމު ބާރު ކަމުގައި ހިމެނޭ އަވަށްއަވަށުގެ އިންތިޒާމުގެ މައްޗަށް ބަލައިލުމަށް ފަހުގައެވެ.

މަލިކުގެ މައްޗަށް ލިޔެވޭ ވަރަށްގިނަ ލިޔުންތަކުން މަލިކުގެ މަޝްހޫރު ނުވަ ބޮޑުމީހުންގެ ވާހަކަ އަޅުގަނޑުމެންވަނީ ކިޔާފައެވެ. މިދެންނެވި ނުވަ ބޮޑުމީހުންނަކީ މަލިކު ރައްޔިތުންގެ ވެރީންނެވެ. އެބައިމީހުންގެ ބެލެހެއްޓުންތެރީންނެވެ. މިމުހިއްމު ނުވަ ބޮޑުމީހުންނަކީ ކޮން ބަޔެއްތޯއެވެ. އާދެ، އެއީ ނުވަ އަވަށުގެ ނުވަ ބޮޑުކާކައިންނެވެ.

ކުރީގެ ބާބުތަކުގައިވެސް ބަޔާން ކުރެވިފައިވާނޭ ފަދައިން އަޅުގަނޑުމެން މަލިކަށް ދިޔައިރު މަލިކުގައި އޮންނަނީ ނުވަ އަވަށެވެ. އެއީ:

1. ފަލައްސޭރި
2. ކުދެހި
3. ފުންހިލޯޅު
4. އަލޫޑި
5. ސޭޑިވަޅު
6. ރަށްމެދު
7. ބޮޑުއަތިރި
8. އައުމަގު
9. ބާޑަ

މި ނުވަ އަވަށެވެ. މި ނުވަ އަވަށުގެ އިތުރަށް "ކެނޑިޕާޓީ" ގެ ނަމުގައި ވަކިވެގެން އުޅޭ ބަޔަކުވެސް އުޅެއެވެ. އެބައިމީހުންވެސް އެހެން އަވަށްއަވަށެކޭ އެއްގޮތަށް އެބައިމީހުންގެ އިޖުތިމާޢީ ކަންތައްތައް އަމިއްލައަށް ހިންގައެވެ. ނަމަވެސް އެބައިމީހުންގެ ކަނޑައެޅިފައިވާ ސަރަޙައްދީ އަވަށެއް ނޯވެއެވެ. އެއީ ސިޔާސީ ނުވަތަ އިޖުތިމާޢީ ހަމަނުޖެހުމެއްގައި ވަކިވި ބަޔެކެވެ. އަޅުގަނޑުމެން މަލިކަށް ދިޔައިރު އެ ޕާޓީގެ ވެރިޔަކީ އޮޅުދޫ ގޯތީ ޙަސަންމަނިކުފާނެވެ. އޭނާއަކީ ޙަޤީޤީ މަލިކުމީހެއް ނޫނެވެ. ލަކުޑިދީބުގެ އައްމިނީގެ ބޭކަލެކެވެ. މަލިކުގައި ވަޒަންވެރިވެ އޮޅުދޫގޯތި މީހަކާ އިނުމުން މަލިކުގައި ބަސްކިޔާމީހަކަށްވީއެވެ.

އަވަށްއަވަށުގެ ރައްޔިތުންގެ ހުރިހައި ކަމަކާއި، އަވަށުގެ ހުރިހައި މުދަލަކާއި ފައިސާއެއް ބަލަހައްޓަނީ ނުވަ އަވަށުގެ ނުވަ ބޮޑުކާކައިންނެވެ. ބޮޑުކާކައިން އިންތިޚާބުކުރަނީ އަވަށުގެ ހަރުމީހުންގެ މަޝްވަރާއިންނެވެ. ބޮޑުކާކައިން ހޮވަނީ ލިޔެކިޔުމުގެ ފެންވަރަށާއި، ބަސްމޮށުންތެރިކަމަށާއި، މީހުންގެ މައްޗަށް ނުފޫޒު ހިންގާން އެނގުމަށާއި، މިކަންކަމުގެ މައްޗަށް ރިޢާޔަތް ކޮށްގެންނެވެ. އަވަށުގެ މީހުންގެ އިތުބާރު އޮތްހައި ހިނދަކު ބޮޑުކާކައިންނަށް އެބައިމީހުންގެ މަޤާމުތަކުގައި ތިބެވޭނެއެވެ.

ބޮޑުކާކައިންނަށް އެހީވެދީ، އަވަށުގެ އަންހެނުންގެ ކަންތައް ބެލެހެއްޓުމަށާއި، އަންހެނުން ކުރަންޖެހޭ މަސައްކަތް ކުރުވުމަށް ބޮޑުދާތައިންވެސް ހޮވައެވެ. ބޮޑުދާތައިންވެސް ހޮވަނީ އިސްވެދެންނެވި ކަންތައްތަކަށް ބަލައިފައެވެ. ބޮޑުކާކައަށާއި ބޮޑުދާތައަށް އެހީވާން އެހީތެރީންވެސް ޢައްޔަން ކުރެއެވެ. މިގޮތުން ތިބޭ މީހުންނަށްވެސް ކިޔަނީ ބޮޑުކާކަ ނުވަތަ ބޮޑުދާތަ އެވެ. ދެބޮޑުދާތައިން ތިބި ކަމުގައިވިޔަސް ދެމީހުންގެ މަސައްކަތުގައި ވަކި ތަފާތެއް ނުހުރެއެވެ. ނަމަވެސް ބޮޑުކާކައިން ތިބޭނަމަ އެކަކު ހުންނާނީ ޚަޒާންދާރެއްގެ ގޮތުގައެވެ. ޢަމަލީގޮތުން އަވަށް ހިންގާ އިސްމީހަކަށް ހުންނާނީ އެއްވަނަ ބޮޑުކާކައެވެ.

ބޮޑުކާކައިންގެ މަސައްކަތަކީ އަވަށުގެ މުދާ ބެލެހެއްޓުމާއި، އަވަށުގެ މަސްއޮޑިފަހަރާއި މަހަށްދާ ލޯންޗުފަހަރު މަރާމާތުކޮށް މަހަށް ފުރުވައި ބެލެހެއްޓުމާއި، ބޭނުންވެއްޖެ ހިނދެއްގައި މިތަކެތި އަލަށް އުފެއްދުމާއި، ރައްޔިތުންގެ ފަރާތުން ކުރަންޖެހޭ ހުރިހައި ކަމެއް ބެލެހެއްޓުމެވެ. ވަރަށްގިނަ އަވަށްއަވަށުގައި އަވަށުގެ އަމިއްލަ ވިޔަފާރިއާއި އަމިއްލަ ރުއްގަސް ހުރެއެވެ. މިތަކެތި ބެލެހެއްޓުމަކީވެސް ބޮޑުކާކައިންގެ ކަމެކެވެ. އަވަށުގެ ރައްޔިތުންގެ ތެރެއިން ފިރިހެނުން މިކަންކަމުގައި ބޮޑުކާކައަށް އެހީތެރިވެއެވެ. މަލިކުގެ ދީނީ ވެރިކަމުގައި ތިބޭ ކަތީބުންގެ އަމުރަށް މީހަކު ނުކިޔަމަންތެރި ވެއްޖެނަމަ އެކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީ ބޮޑުކާކައިންނެވެ. ރަށްމެދު މަސައްކަތަށް މީހުން ނެރުމާއި ރައްޔިތުން އެއްކުރުމާއި މިއީ ބޮޑުކާކައިން ކުޅޭ ސިޔާސީ ދައުރެވެ. ބޭނުންވެއްޖެ ހިނދެއްގައި މީހުން ކަނބޯގޯއްޗަށްލައި އަދަބު ދިނުމުގެ ބާރު އިހުގައި ބޮޑުކާކައިންނަށް އޮތެވެ. މިހާރު މަލިކުގައި ތިބި ހަރު މުސްކުޅީންގެ ބަހުގެ އިތުރަށް އެކިއެކި "ގޮވެލިގަނޑު" ތަކުންވެސް އެކަން އެނގެއެވެ. އާދެ، މަލިކުގައި، ބަނޑުއޮޑިފަހަރު ގެންގުޅުނު ދުވަސްވަރު އޮޑިފަހަރު އެހެލާން ގޮވާ ގޮވެލިގަނޑުގައި ވެއެވެ. "މިކޮލި އަޑުއަހައި ތިއްބަވާންޗޭ ހޭރު، ފޭރު، ކަނބުރު، ތިލޭރު، މަސްވެރި، ރާވެރި، ދަތުރުވެރި، ރައްޓެހި ބީރައްޓެއްސަކަށް ވިޔަސް މިކޮލި އަޑުއަހައި ދަނެ ތިއްބަވާންޗޭ. އަރާ އިރާ އެކީ އޮޑިވަޅަށް ދުރުވާންޗޭ. އޮޑިވަޅަށް ދިޔުމަށްފަހު، ގޯތިގޯތީ، ދެވޭ، ހެލެން ކެރޭ މީހަކު ދެކެފިނަމަ ހިފަހައްޓައި ގެންގޮސް ކަނބޯގޯއްޗަށްލައި ހާނީކެއް ކޮށްފިނަމަ ނުބައެކޭ ނުބުނާންޗޭ. އާދެ، މިގޮވެލިގަނޑުގައި މީހުންނަށް އަދަބުދިނުމުގެ ގޮތުން ކަނބޯގޯއްޗަށްލައި ހާނީކަ ކުރާ ވާހަކަ ޞަރީޙު ޢިބާރާތުން އެބައޮތެވެ. ކަނބޯގޯއްޗަށްލައި އަދަބުދިނުމުގެ އިތުރުން ކުށްވެރީން ހަވަރަށްދިނުމަކީވެސް ބޮޑުކާކައިންނަށް ލިބިފައި އޮތް އިޚްތިޔާރެކެވެ. ނަމަވެސް ޒަމާނަށް އަންނަ ބަދަލުތަކާއެކު މިހާރު ވަނީ ޖިސްމާނީ އަދަބުދިނުމާއި ހަވަރަށްދިނުން ހުއްޓައިލެވިފައެވެ. މިހާރު އޮންނަ އަދަބަކީ އިޖުތިމާޢީ ގޮތުން އެމީހަކު އެކަހެރިކޮށްލުމެވެ. އެކަން ކުރަނީ އަވަށު ރައްޔިތުންގެ މަޝްވަރާއާވެސް އެކުގައެވެ. ކޮންމެގޮތެއްގައިވެސް ބޮޑުކާކައިންގެ ބަހަކީ ޤާނޫނެވެ.

ބޮޑުދާތައިންގެ މަސްއޫލިއްޔަތަކީ އަވަށުގެ އޮޑިފަހަރު (މިހާރުގެ ގޮތުން ލާންޗިފަހަރު) ބާނާމަސް ކެއްކުވުމާއި، މަސް ހިއްކުވުމާއި، ރިހާކުރު ކެއްކުވުމާއި، ރައްޔިތުންގެ ރުކުގެ ކާށިން ކުފުރާ ތައްޔާރުކުރުވުމާ އަދި މިނޫންވެސް އަންހެނުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި އަންހެނުންނާބެހޭ ކަންތައް ބެލެހެއްޓުމެވެ. އަވަށުގެ ފަރާތުން ކުރާ މަސައްކަތްތަކާއި، އިޖުތިމާޢީ ޙަރަކާތްތަކުގައި ކެއުމާއި ސައިގެ ކަންތައް ބަލަހައްޓަނީވެސް ބޮޑުދާތައިންނެވެ. ބޮޑުދާތައިންގެ މަސައްކަތުގައި އަވަށުގެ ހުރިހައި އަންހެނުން އެހީތެރިވެދެއެވެ. ހިލޭސާބަހަށް ކުރާ ކަމެއްގެ ގޮތުގައެވެ.

ބޮޑުކާކައިންނާއި ބޮޑުދާތައިންނަކީ ކަނޑައެޅޭ މުސާރައެއް (ފައިސާއިން) ލިބޭ ބަޔެއް ނޫނެވެ. ނަމަވެސް އަވަށުގެ މަސްއޮޑިން މަހަށްދާ މީހަކާ އެއްވަރުގެ ބައެއް ބޮޑުކާކައާއި ބޮޑުދާތައަށް އޮވެއެވެ. އެއް އޮޑިޔަށްވުރެ ގިނަ މަސްއޮޑި ހުރެއްޖެނަމަ އެމީހުންނަށް ކަނޑައެޅޭ ބައި ލިބޭނީ އެމީހަކު ޚިޔާރު ކުރާ އެއް އޮޑިޔަކުންނެވެ. އެހެން އޮޑިފަހަރުންވެސް އެމީހުންނަށް މަސް ލިބޭނެއެވެ. މަސްބައިގެ އިތުރަށް ލިބޭ އާމްދަނީއަކީ އަވަށުގެ ރުއްތަކުން ކާށި އަޅާ ކޮންމެ "ވަރިޔަކު" ތިރީސް ފަސް ކާށްޓެވެ.

ކޮންމެ އަވަށެއްގެވެސް އަންހެނުންނާއި ފިރިހެނުން ތިބެނީ އެކިއެކި "ވިލި" ތަކަކަށް (ބައިތަކަކަށް) ބަހައިފައެވެ. ބޮޑުކާކައިންނާއި ބޮޑުދާތައިން އެ ވިލިތައް ރަނގަޅަށް ބަލަހައްޓައެވެ.

އަވަށްއަވަށުގެ ކުޑަކުދީންވެސް ތިބެނީ ވިލިވިއްޔަށް ބަހައިފައެވެ. ވިލިތަކަށް ހުންނަނީ ނަންވެސް ކިޔައިފައެވެ. ކުރީ ޒަމާނުގައި އެންމެ ފުރަތަމަ ވިއްޔަށް ވައްދަނީ ޢުމުރުން ފަސްއަހަރެއްހައި ދުވަސްވުމުންނެވެ. އެންމެފުރަތަމަ ވައްދަނީ "ޅަވިލި" ނުވަތަ "ޅަބައި" މިނަން ކިޔާ ވިއްޔަށެވެ. އޭގެފަހުން ޢުމުރާ ގުޅޭގޮތުން ވިލި ބަދަލުވަމުންގޮސް ކުޑަކުދީންގެ ވިލިތައް ނިމޭނީ "އަތިރި" ވިލީންނެވެ. އަތިރިވިލީގެ ކުދީންގެ މަސައްކަތަކީ އޮޑިދޯނިފަހަރާ ބެހޭ މަސައްކަތްތަކެވެ. އެހެންކަމުން "އަތިރިވިލިން" ނިމި ބައިމެދަށް (އަވަށުގެ ރައްޔިތުންގެ ބޮޑެތިމީހުންގެ ތެރެއަށް) ވަދެވޭއިރު އެކުއްޖަކު ހުންނާނީ މަލިކުމީހުން ދިރިއުޅުމަށްޓަކައި ކުރާ އެންމެ މުހިއްމު މަސައްކަތް ކަމުގައިވާ ދަތުރުކުރުމަށް ބޭނުންވާ "މައިގަނޑު ތަމްރީނުތައް" ލިބިފައެވެ. "އަތިރި" ވިލިން ބައިމެދަށް ވަދެވުނީމާ ރައްޔިތުންނަށް ކޭން ދޭން ޖެހެއެވެ.

ކުޑަކުދީންގެ ވިލިތަކަށް ބައެއް އަވަށްއަވަށުގައި ކިޔަނީ:

1. ޅަބައި
2. އެއްބައިނުން
3. ކުޑަކުޑަބައި
4. ޅަވިލި
5. އަތިރި

މިނަންތަކެވެ. ބައެއް އަވަށްއަވަށުގެ ނަންތައް ހުންނަނީ ތަފާތުކޮށެވެ. އެއަވަށްއަވަށުގައި ކިޔައި އުޅެނީ:

1. ޅަވިލި
2. ކުޑަވިލި
3. އަވަށުކުދީން
4. އަތިރިކުދީން

މިއިން ކޮންމެ ވިއްޔެއްގައިވެސް ވިލީގެ ލީޑަރުން ތިބެއެވެ.

މަސްއޮޑިފަހަރު މަހުން ލެފުމުން އަވަށަށް ލިބޭ މަސް ކަރުއަޅައިގެން (މަލިކު ބަހުރުވައިގައި މަސް ވީދައިގެން) އަވަށުގެއަށް ގެންގޮސް ބޮޑުދާތަޔާ ޙަވާލުކުރުމަކީ ވިލިތަކުގެ ކުދީންގެ މަސްއޫލިއްޔަތެކެވެ. ބޮޑުދާތައާއި އޭނާގެ އެހީތެރީން މަސްތައް އެކި ގޭގެއަށް ބަހައިލައިގެން ނުވަތަ އަވަށުގޭގައި ކައްކައި ހިއްކައި ރިހާކުރު ހަދާނެއެވެ.

ކުޑަކުދީންގެ ވިލިތަކަށް ދެން އޮންނަ މަސައްކަތަކީ މަގުތައް ކުނިކަހައި ސާފުކުރުމާއި އަވަށްއަވަށުގައި ހުންނަ ފެންވަރާ ބޮޑުވަޅުދޮށް ސާފުކުރުމާއި، ދަތްއުނގުޅާ ހިމުންވެލި ވަޅުދޮށަށް ގެނައުމެވެ.

އަވަށްތަކަށް އާމްދަނީ ލިބޭ ވަސީލަތްތަކަކީ:
1. މަސްވެރިކަން
2. އަވަށުގެ ރުއް
3. ވިޔަފާރި

މިކަންތައްތަކެވެ. އަވަށާބެހޭ އެންމެ ބޮޑެތި ކަންތައްތައް ނިންމުމުގައި ބޮޑުކާކައިން އަވަށުގެ އެންމެން އެއްކޮށް މަޝްވަރާ ކުރެއެވެ. އަވަށު ރައްޔިތުންނަކީ މަލިކު ބަހުރުވައިގައި "ހަވަރު" އެވެ. މަލިކުމީހުންވެސް ރައްޔިތުންނަށް ހަވަރޭ ކިޔަނީ ރާއްޖޭގައި ފުރަމާލޭގައި އިހުގައި އޮތް ހަވަރުގެ މާނަތަކާ ގުޅުވައިގެންނެވެ.

މަލިކުގެ އަމިއްލަވަންތަކަން ނުވަތަ މަލިކުވަންތަކަމާއި ޘަޤާފަތާއި އިޖުތިމާޢީ އުޞޫލުތައް ހިފެހެއްޓިފައި އޮންނަނީ އަވަށްއަވަށުގައި މިއޮންނަ އިޖުތިމާޢީ އުޞޫލުތަކުގެ ސަބަބުންނެވެ.

ފަމިހާރަކަށް އައިސް ތަޢުލީމުގެ އަހައްމިއްޔަތު އިޙްސާސް ކުރެވި ކުޑަކުދީން މަދްރަސާތަކުގައި އުޅޭން ޖެހުމުން ކުޑަކުދީންގެ ވިލިތައްދަނީ ރޫޅެމުންނެވެ. އެބައިމީހުންގެ މަސްއޫލިއްޔަތުންވެސް ދަނީ އެއްކިބާވަމުންނެވެ. މީގެ އަސަރު މުސްތަޤްބަލުގެ މަލިކުގެ މުޖުތަމަޢުން ފެންނާނީ މަލިކުވަންތަކަން ގެއްލުމުގެ ސިފައިގައިކަމަށްވުމީ ދުރުކަމެއް ނޫނެވެ.

(ނުނިމޭ)