މޫދަށް ކުނި އެޅުން ހުއްޓާލުމަށް ގޮވާލައި ރާއްޖޭގައި މިހާރު ކުރިއަށްދާ ގްލޯބަލް ޔޫތު ޕީސް އެމްބެސެޑާސް ޕްރޮގްރާމްގެ ބައިވެރިން ސްނޯކްލިންއަށް ގޮސްފިއެވެ.
ރީޖަނަލް އެލަޔަންސް ފޯ ފޯސްޓެރިން ޔޫތް (ރަފީ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މިއަދު މެންދުރު ވިލިމާލޭގައި ކުރިއަށްދިޔަ އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ''އައި އޭމް ޕީސްފުލް ވިތް މެރިން ލައިފް، ސްޓޮޕް ލިޓަރިންގް'' މި ޝިއާރުގެ ދަށުންނެވެ.
ރަފީ ޖަމިއްޔާއިން ބުނީ، މިއަދުގެ ހަރަކާތަކީ ވިލިމާލޭގައި ހިންގާ ޑައިވިން ސެންޓަރު، 'މޫދު ބުޅާ' އާއި ޑައިވާސް ލޮޖް އަދި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޭވް ދަ ބީޗާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
އަދި ހަރަކާތުގެ ސަބަބުން، މިހާރު ރާއްޖެ އައިސްގެން އުޅޭ ރާއްޖޭން ބޭރުގެ ގިނަ ޒުވާނުންނަށް ފުރަތަމަ ފަހަރަށް ސްނޯކްލިން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ދުނިޔޭގެ 30 ގައުމަކުން 100 އަށްވުރެ މަންދޫބުން ބައިވެރިވެން ރާއްޖޭގައި ކުރިއަށްދާ ގްލޯބަލް ޔޫތު ޕީސް އެމްބެސެޑާސް ޕްރޮގްރާމްގެ ތެރެއިން މިއަދު މިއަދު ހެނދުނު ވަނީ ހުޅުމާލޭގައި "ގްލޯބަލް ޔޫތު ޕީސް ވޯކް"ގެ ނަމުގައި ހިނގާލުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތަކީ ދުނިޔޭގެ ސުލްހައަށާއި ޒުވާނުންގެ ފަގީރުކަން ނައްތާލުމަށް ގޮވާލާ ބޭއްވި ސުލްހަވެރި ހިނގާލުމެކެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ ގްލޯބަލް ޔޫތް ޕީސް އެމްބެސެޑާސް ޕްރޮގްރާމްގައި ހަ ގައުމަކުން ތަޖުރިބާކާރު ލެކްޗަރާއިން ވެސް ބައިވެރިއެވެ.
ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް ޕްރޮގްރާމްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަންއޮންލައިންއެވެ.