ހދ. ނޮޅިވަރަންފަރު

އީރާގެ އެންމެ ފަހު އެދުން، "މިދަނީ މާލެ، ބިސް ކައްކާފައި ބަހައްޓައްޗޭ"

ޝަހީދާ އަބްދުﷲ ސައީދު

8

އުމުރުން ތިން އަހަރުގެ އީރާ ހަސަން ޝިފާޒަށް އިއްޔެއަކީ ވަރަށް އުފާވެރި ދުވަހެކެވެ. ދުވަސްތަކަކަށްފަހު މާލޭގައި ދިރިއުޅޭ ލޯބިވާ ބައްޕަ، ހަސަން ޝިފާޒުއާ ބައްދަލުވާނެތީއެވެ. ބައްޕައާއެކު ދާން އޮތް ޗުއްޓީ ދަތުރުގައި މަޖާކޮށްލުމުގެ އުއްމީދުގައެވެ. އެ ދަތުރަށް ހެނދުނު ތެދުވި ގޮތަށް ނަލަ ހެދިގެން ގެއިން ނުކުތީ މަންމަ، ފާތިމަތު ގުރައިޝާ އާއި ކާފަ ހުސެއިން ވަހީދު އަބްދުﷲ އަދި މާމަ މަރިޔަމް މަނިކެ އާއެކުއެވެ.

އީރާގެ މި އުފާވެރި ދަތުރުގެ ވާހަކަތައް އޭނާ ދިޔައީ މާލޭގައި ތިބި އާއިލާ މެމްބަރުންނަށް ވެސް ހިއްސާ ކުރަމުންނެވެ. އީރާ ފެނިލުމަށްޓަކައި މާލޭގައި ތިބި އޭނާގެ ދޮންދައްތަ އާއި މުނިމާމަގެ ކެތްތެރިކަން ވެސް ދިޔައީ ކޮޅުންލަމުންނެވެ.

ނަމަވެސް އެ ކެތްތެރިކަން ބަދަލުވީ ހިތްދަތި ކަމަކަށެވެ. ހިތާމަވެރި ދުވަހަކަށެވެ. މާލެ ދިއުމަށް ހަނިމާދުއަށް ކުރި ދަތުރުމަތީގައި ލޯންޗު ބަންޑުން ޖަހާލައި އީރާ އާއި އޭނާގެ މަންމަ ވެސް މަރުވީއެވެ. އީރާއާއެކު އޭނާގެ ލޯބިވާ ކާފަ އާއި މާމަ ވެސް މި ދުނިޔެ ދޫކޮށް ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

އެދުނު އެންމެ ފަހު އެދުން، ބިސް ކައްކައިދިނުމަށް

"އީރާ މިދަނީ މާލެއަށް، ބިސް ކައްކާފައި ބަހައްޓައްޗޭ،"

މިއީ މާލެއަށް ފުރުމުގެ ކުރިން މާލޭގައި ހުރި އޭނާގެ ދޮންދައްތަ ހަސީނާ އަބްދުﷲއަށް ގުޅައި އީރާ އެދުނު އެންމެ ފަހު އެދުމެވެ. ފެނުކެއްކި ބިހަކީ އީރާގެ އެންމެ މީރު ކެއުމެވެ. އެހެންކަމުން ދޮންދައްތަ އާއި މާލޭގައި ތިބި އީރާގެ އާއިލާ މެމްބަރުން ދިޔައީ އީރާގެ ދެ މައިންނާއި ކާފަ އާއި މާމައަށް މަރުހަބާ ކިއުމަށް ގޭގައި ބޮޑު ކެއުން ތައްޔާރު ކުރަމުންނެވެ. ގޭތެރެ ހަލަބޮލިވެފައި އޮތީ އާއިލާގެ ދުވަސްވީ އެއްވެލުމަށެވެ.

"އީރާއަށް މަދު ނުވާވަރަށް ދިހަ ބިސް ކައްކާފައި ސުފުރާމަތީގައި ހުރި،" އީރާގެ ކާފަ، ހަސަން ވަހީދުގެ އާއިލާ މެމްބަރު ބުންޏެވެ.

ނަމަވެސް އީރާގެ އެ އެދުން ވެގެންދިޔައީ އޭނާ އާއިލާގެ ފަރާތުން އެދުނު އެންމެ ފަހު އެދުމަށެވެ. އީރާމެންނަށް ދިމާވި ހިތްދަތި ގަބޫލުކުރަން ދަތި ހިތާމަވެރި ހަބަރު އެންމެ ފުރަތަމަ އިވުނީ އެއާޕޯޓުގައި ވަޒީފާ އަދާކުރަމުންދާ އީރާގެ ބައްޕަ، ޝިފާޒަށާއި ދޮންދައްތަގެ ފިރިމީހާއަށެވެ. އެ ދެ މީހުން އޭރު ތިބީ އީރާމެންގެ އިންތިޒާރުގައި އެއާޕޯޓުގައެވެ.

ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި އާއިލާގެ ހަތަރު މެމްބަރުން މަރުވި ހަބަރު ގޭގައި ތިބި އާއިލާ މެމްބަރުންނަށް ލިބުނީ ފަހުންނެވެ. އެ ހަބަރާއެކު އުފަލުން ތިބި އާއިލާއަށް ލިބުނީ ކުއްލި ސިހުމެވެ. ވެރިވީ ހިމޭން ކަމެވެ. އީރާމެންގެ މަރާ ގުޅިގެން މުޅި އާއިލާ ކަރުނުން ތެންމާލިއެވެ. އެންމެންނަށް ވެސް ބަލައިލެވުނީ އީރާ ބުނެގެން ތައްޔާރުކުރި ބިސް ތައްޓަށެވެ. އާއިލާގެ މެންބަރުންނަށް ކޭން ތައްޔާރުކޮށް، އިންސާފު ކުރުމަށް ސުފުރާމަތީގައި އަތުރާފައި ހުރި ތަށިތަކަށެވެ.

އީރާ މާލެ އަންނަން އުޅުނީ ބައްޕައާއެކު ޗުއްޓީއަށް ތައިލެންޑަށް ދިއުމަށް

އީރާގެ މާލެ ދަތުރަކީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ހާއްސަ ދަތުރެކެވެ. ނުފެނި ގިނަ ދުވަސްވީ އާއިލާއާ ބައްދަލުވާނެތީއެވެ. ހާއްސަކޮށް ދުވަސްތަކަކަށްފަހު ބައްޕައާ ދިމާވުމެވެ. އީރާ އާއި މަންމަ، ގުރައިޝާ ވެސް ކެތްމަދުވެފައި ހުރީ އެ ދަތުރަށެވެ. ނަމަވެސް މި ދަތުރު ހާއްސަވާ ސަބަބަކީ ދާން އޮތް ޗުއްޓީ ދަތުރެވެ.

މައުލޫމާތު ދިން އާއިލާ މެމްބަރު ބުނި ގޮތުގައި، މިއަހަރުގެ ސްކޫލް ޗުއްޓީއާ ދިމާކޮށް އީރާގެ އާއިލާ އޮތީ ތައިލެންޑަށް ދާން ރާވައިފައެވެ. މިއީ ޑޮކްޓަރަށް ދައްކާލައި މަޖާ ކޮށްލުމަށް ރޭވިފައި އޮތް ދަތުރެކެވެ. އަނެއްކާވެސް ޗުއްޓީ ނިންމާފައި އީރާ އެނބުރި ރަށަށް ދިއުމުގެ ކުރިން އޭނާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާތީއެވެ.

ނަމަވެސް އީރާގެ ދެމައިންގެ މަރާއެކު ބައްޕަ، ޝިފާޒުގެ ހަޔާތަށް ބިންދާލި ބިޔަ ރާޅުން އޭނާއަށް ވެސް އަރައިނުގަނެވުނެވެ. އެއާޕޯޓުގައި އީރާގެ އިންތިޒާރުގައި ހިނިތުންވުމާއެކު ހުރި ޝިފާޒުގެ ހިނިތުންވުމާއި އުއްމީދު ކަރުނައާއި ހިތާމައަށް ބަދަލުވާން ނެގީ އެންމެ ހަބަރެކެވެ.

ފުރަތަމަ ލިބުނީ ދަތުރުކުރި ލޯންޗު ހަބަރެއް ނުވެގެން އުޅުނު ހަބަރެވެ. ދެން އިވުނީ ލޯންޗު ބަންޑުން ޖަހާލައިގެން ބަޔަކު ގެއްލިގެން އުޅުނު ކަމެވެ. އެއަށްފަހު ބިޔަ ރާޅުތަކުގެ ތެރޭގައި ޝިފާޒުގެ ލޯބިވާ އަނބިމީހާ އާއި ހުރި އަލަތު ދަރިފުޅު ވަކިވެ ފުންކަނޑުގެ ބާނީގެ ތެރެއަށް ގެއްލުނު ހަބަރެވެ. ފެށި އުއްމީދުގެ ދަތުރު ނަގަމުންދިޔަ ބިޔަ ރާޅުތަކާއެކު ބެހިގެންދިޔައީއެވެ.

މި ހިތާމަވެރި ހާދިސާގައި އެންމެ ފުން އަސަރެއް ކުރީ އީރާގެ އާއިލާއަށެވެ. އެ ހިތާމައިގައި މުޅި ރާއްޖެ ބައިވެރިވާއިރު، މިއީ ކަޅު ދުވަހެކެވެ. ހިތާމައިގެ ދުވަހެކެވެ. އެހާދިސާގައި ނިޔާވި އީރާ އަށާއި އެންމެނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން