ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލު ކުރުމުގައި ޒުވާނުންގެ ދައުރު ބޮޑު ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް ޕްރޮގްރާމް 2019 ފެށުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވީ ކޮންމެ ގައުމެއްގެވެސް އެންމެ އަގުހުރި ރައުސުލްމާލަކީ އެގައުމެއްގެ ޒުވާނުން ކަމަށެވެ. މުޖްތަަމައު ބިނާ ކުރުމުގައި ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، ގައުމެއްގެ މައިިބަދައަށް ޒުވާނުން ވެފައިވަނީ އެސަބަބާ ގުޅިގެން ކަމަށެވެ.
އަދި ރާއްޖޭގައިވެސް، ގައުމުގެ ހަމަޖެހުން ޒުވާނުންގެ ބައިވެރިވުމާ ނުލާ ގާއިމު ނުކުރެވޭނެކަން، އެފަރާތްތަކުން ސާބިތު ކޮށްދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒުވާނުންގެ ތަރައްގީއަށް ސަރުކާރުން ވަަރަަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، ނޭޝަނަލް ޔޫތު ކައުންސިލަކީ އެކަމުގެ ހެއްކެއް ކަަމަށެވެ.
އަދި ޔޫތު މިނިސްޓްރީގެ ހިންގެވުމާ ހަވާލުވެ ހުންނެވި އަހްމަދު މަހުލޫފު ފަދަ ހަރަކާތްތެރި ވަޒީރަކު އެމަގާމަށް އައްޔަން ކުރުމަކީ ސަރުކާރުން ޒުވާނުން ބާރުވެރި ކުރުވުމަށް އިސްކަންދޭ މިންވަރު ހަމަކޮށްދޭ ކަމެއް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރގެ ވާހަކައިގައި މުޖްތަމައު ބިނާ ކުރުމާއި، ސުލްހަ ގާއިމު ކުރުމުގެ މަސައްކަތުގައި އަންހެނުން އިސް ދައުރެއް އަދާ ކުރަމުން އަންނަކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ފިރިހެނުންނަށް ކުރިމަތިވާ ފަދަ ގޮންޖެހުންތަކާއެކުވެސް އަންހެނުން އެމަސައްކަތުގައި ކުރިއަށްދާކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް ޕްރޮގްރާމް ފަދަ ހަރަކާތްތަކުގެ ސަބަބުން ތަފާތު ސަގާފަތުގެ މީހުން ދިމާވެ، އާ ކަންކަން ދަސްވެގެންދާނެ ކަމަށެވެ. އެގޮތުން މިމަހުގެ 31ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮގްރާމްގެ ބައިވެރިންނަށް ގިނަ ސަގާފަތްތަކާ ގުޅޭ މައުލޫމާތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރޭ ފެށި ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް ޕްރޮގްރާމްގައި 30 ގައުމަކުން 100އަށްވުރެ ގިނަ ފަރާތް ބައިވެރިވެއެެވެ. އެ ޕްރޮގްރާމްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން"އެވެ.