ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް ޕްރޮގްރާމް 2019 ރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ފަށައިފި އެވެ.
ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް 2019 ޓްރެއިނިން ޕްރޮގްރާމަކީ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓެރިން ޔޫތު(ރަފީ)އާ ޔޫތު މިނިސްޓްރީން ގުޅިގެން ބައިނަލްއަގްވާމީ ފެންވަރުގައި ފަށައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމަކީ ސުލްހަވެރިކަން (ޕީސް) އަށް މަސައްކަތް ކުރާ އެމްބެސެޑަރުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވާ ހުރިހާ ޒުވާނުން ވެގެންދާނީ އެޒުވާނެއްގެ ގައުމުގައި ޕީސްއަށް މަސައްކަތް ކުރާ ޕީސް އެމްބެސަޑަރަކަށް ކަމަށް ރަފީ އެންޖީއޯ އިން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމްގައި ޖުމްލަ 30 ގައުމަކުން 100އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ. އަދި ހަ ގައުމަކުން ތަޖުރިބާކާރު ލެކްޗަރާއިންވެސް ބައިވެރިއެވެ. އިއްޔެއިން ފެށިގެން، މިމަހުގެ 31ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމަކީ، ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށްދާ މިފަދަ އެންމެ ފުރަތަމަ ޕްރޮގްރާމެވެ.
ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް ޕްރޮގްރާމްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަންއޮންލައިންއެވެ.