ދުނިޔެ

އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލިސް ސަސްޕެންޑްކޮށްފި

މަރިޔަމް ޝަހުދާ

އިނގިރޭސިވިލާތުގެ ރާނީ، އެލްޒެބަތް 2، ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ލަފާފުޅުގެ މަތިން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑް ކުރައްވައިފިއެވެ. އިނގިރޭސިވިލާތުގެ ރާނީ އެކަމަށް މިއަދު ރުހުންދީފައިވަނީ ރާނީގެ އޮނޮރަބަލް ޕްރައިވީ ކައުންސިލްގެ ދެ މެމްބަރުންގެ ހާޒިރުގައެވެ.

މަޖިލިސް ސަސްޕެންޑް ކުރެއްވުމަށް ރާނީ އެލިޒަބަތު ނެރުއްވި އަމުރުފުުޅުގައިވާ ގޮތުގައި އަންނަ މަހުގެ ނުވަ ވަނަ ދުވަހާއި ބާރަ ވަނަ ދުވަހާއި ދެމެދުގެ ތާރީޚަކުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ހުރިހާ މެމްބަރުން ސަސްޕެންޑް ވާނެއެވެ.

މިހާރު އިނގިރޭސިވިލާތުގެ މަޖިލިސް މެމްބަރުން ޗުއްޓީގައި ތިބިއިރު، މެމްބަރުން ޗުއްޓީ ނިންމުމަށްފަހު އަނބުރާ މަޖިލީހަށް ވަޑައިގަންނަވާނީ އަންނަ މަހު ތިން ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ބުނާގޮތުން، އެގައުމުގެ ގާނޫނީ މަޖިލިސް ސަސްޕެންޑު ކުރުމަށްފަހު އަލުން މަސައްކަތް ފަށާނީ ރާނީ އެލިޒަބަތު ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގައި ދެއްވާ ޚާއްސަ ތަގުރީރަކުން، މުޅިން އާ ދައުރެއްގެ ގޮތުގައެވެ.

އަދި ސަސްޕެންޝަންގެ ކުރިން މަޖިލީހަށް ހުށަހަޅަފައިވާ ހުރިހާ ބިލެއްގެ ތެރެއިން ފާސްކޮށް، ގާނޫނަކަށް ނުވާ ގިނަ ބިލްތައް އުވިދާނެއެވެ. އަދި އެގައުމުގެ މަޖިލީހުން އެ ބިލްތައް ފާސް ކުރަން ބޭނުންނަމަ ޖެހޭނީ އަލުން ހުށަހަޅަންށެވެ.

އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑު ކުރުމަށް ނިންމާފައިވާ މި ނިންމުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެގައުމު ބޭރުވުމަށް މަޖިލީހުން ހުރަސް އަޅަފާނެ ކަމުގެ ބިރަށް ނިންމި ނިންމުމެކެވެ.

އެގޮތުން މިއަހަރު މާޗް މަހުގެ 29 ގައި އިނގިރޭސިވިލާތުން އީޔޫއިން ވަކިވުމަށް ނިންމާފައި ވީނަމަވެސް އެކަން ކާމިޔާބު ނުވެފައި އޮތީ މަޖިލީހުން އީޔޫ އާއި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ތިން ފަހަރުގެ މަތިން އެއްބަސް ވުމަކަށް ނާދެވިގެންނެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑު ކުރުމަށް އީޔޫއިން ބޭރުވުމަށް އިނގިރޭސިވިލާތުން ކުރަމުން އަންނަ މަސައްކަތައް މަޖިލީހުގެ ބާރު ކެނޑޭނެއެވެ.