އަންނަ މަހު އިންޑޮނޭޝިއާގައި ބާއްވާ 53 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ޕިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ތިން މެޑަލް ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށާއި ސަރުކާރުން ބޮޑީބިލްޑިންއަށް ކުރާ ހަރަދުގެ ބަދަލު ދޭނީ މެޑަލް އިން ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ނައިބު ރައީސް އަލީ ރިފާއު ވިދާޅުވީ ސަރުކާރުން ކުރާ ހަރަދުގެ ބަދަލުގައި ގައުމަށް ޝަރުފުވެރި ވަނަތަކެއް ހޯދައިދޭނެ ކަމަށެވެ.
"އަންނަ މަހު އިންޑޮނޭޝިއާގައި ބާއްވާ ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި އަޅުގަނޑުމެންގެ މިވަގުތުގެ ޓާގެޓަކީ މަދުވެގެން ރާއްޖެއަށް ތިން މެޑަލް ހޯދައިދިނުން. އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް އޮންނާނެ، އަޅުގަނޑުމެން ބަޖެޓުގައި ޖަހާ ހިސާބަށް ނުބަލާށޭ. އަޅުގަނޑުމެން ރިޓާންގައި ގެންނަ ސްލިޕްތައް ބަލާށޭ. ސްލިޕް ނޫން އެއްޗެއް ނޫން ކަމަށްވާނަމަ، އަޅުގަނޑުމެން މި ގެނެސްދެނީ ހަގީގަތުގައި ސަރުކާރުން ކުރާ ހަރަދުގެ ބަދަލުގައި ޝަރަފެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރާ ހަރަދުގެ ބަދަލު ދޭނީ މެޑެލް އިން،" އޭނާ ވިދާޅުވިއެވެ.
ރިފާއު ވިދާޅުވީ އަންނަ މަހު ބާއްވާ މުބާރާތުގައި އަމާޒަކީ ތިން މެޑަލް ހޯދުން ކަމަށާއި އެއީ ކުޑަ އަދަދެއް ކަމަށް ބައެއް މީހުން ދެކުނު ކަމުގައިވިޔަސް، އެއީ ހަ އެތުލީޓުންނާއެކު ވާދަކޮށްގެން ވަރަށް ރަނގަޅު ކާމިޔާބެއް ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރުވެސް ޓާގެޓް ކަނޑައަޅައިގެން މިތިބީ ތިން މެޑެއްޔަށް. ތިން މެޑެއްޔަކީ ހާދަ ކުޑަ އަދަދެކޭ ބައެއް ބޭފުޅުން ހިތަށް އަރާފާނެ. ނަމަވެސް މި ދައްކަނީ ގާތްގަނޑަކަށް 400 އެތުލީޓުން ބައިވެރިވާ މުބާރާތެއްގެ ވާހަކަ. އެހެންވީމާ އަޅުގަނޑުމެން ހަ އެތުލީޓުން ގޮވައިގެން ދަތުރުކޮށްފައި، ތިން މެޑެލް ހޯދުމަކީ ހަގީގަތުގައި ބޮޑު ޕޯޝަނެއް،" އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އެހީތެރިކަމާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޓީމަށް ވަނީ ބިދޭސީ ކޯޗެއް ހަމަޖައްސައިފައެވެ. ކޯޗަކަށް ހަމަޖެއްސި އިންޑިއާގެ އަނޫރާގް އަނިލް ކުމާރު ޕްރޭމާ ލައިލާއާ މިއަދު ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވަނީ ބައްދަލުކުރައްވައިފައެވެ.
ގައުމީ ބޮޑީބިލްޑިން ޓީމުން ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުން ވަނީ ފަސް މެޑެލް ހޯދައިފައެވެ. އެ ޓީމު އެންމެ އަވަހަށް ވާދަކުރާނީ އަންނަ މަހު އިންޑޮނޭޝިއާގައި ބާއްވާ މިއަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ޕިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައެވެ. އަދި އެ މުބާރާތަށް ފަހު ކުރިމަތިލާން ޖެހޭނީ އަންނަ އަހަރު ރާއްޖޭގައި ބާއްވާ އޭޝިއަން ބޮޑީބިލްޑިން އެންޑް ޕިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕާއެވެ.