މިނިސްޓަރު އަހުމަދު މަޙުލޫފް

އަމާޒަކީ ކުޅިވަރުތަކުގެ ތަފާތު ނައްތާލުން، ޗެސްއަށް ވެސް ބޭރުގެ ކޯޗެއް ހޯދައިދޭނަން: މަހުލޫފު

އަލީ ރިފްޝާން

މި ސަރުކާރުގެ އަމާޒަކީ ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތު ނައްތާލުން ކަމަށާއި ޗެސްއަށް ވެސް ބޭރުގެ ކޯޗެއް ހޯދައިދޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޗެސް އާކޭޑް ހުޅުވުމަށް މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަހުލޫފު އެހެން ވިދާޅުވެފައިވާ އިރު، ސަރުކާރުގެ އެހީތެރިކަމާއެކު ގައުމީ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސްގެ ޓީމަށް ވެސް ވަނީ ބޭރުގެ ކޯޗެއް ގެނެސްފައެވެ.

"ވަރަށް މޮޅެތި ޗެސް ކުޅުންތެރިން އެބަތިބި. އިރާދަކުރެއްވިއްޔާ މި އެސޯސިއޭޝަނަށް ވެސް ބޭރުގެ ކޯޗެއް ހޯދައިދޭނަން. އަޅުގަނޑުމެން އެދެނީ ހަމަ މި އެސޯސިއޭޝަނާއެކު ބެލެނިވެރިންނާއި ކުދިންނާ މަސައްކަތްކޮށްގެން ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިނުން. އަޅުގަނޑުމެން އަމާޒު ހިފާފައި މިހުރީ އިރާދަކުރެއްވިއްޔާ މި ކުޅިވަރުތަކުގެ ތަފާތު ނައްތާލުން،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ދެމުން އަންނަ މުސާރައިގެ ތަފާތު ނައްތާލުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެއް ކަމަށާއި އެ ވައުދާ އެއްގޮތަށް ހުރިހާ އެތުލީޓުންގެ މުސާރަ 5000 ރުފިޔާއަށް ހަމަޖައްސާފައިވާނެ ކަމަށެވެ.

"މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ދެ ކަމަކީ ގައުމީ ޓީމުތަކުގެ ކުދިންނަށް ދެމުން އަންނަ މުސާރައިގެ ތަފާތު ނައްތާލުން. އެންހެން، ފިރިހެން އެތުލީޓުންގެ ތަފާތު ނައްތާލުން. ތަފާތު ނައްތާލަން ބެލިއިރު ފުޓްބޯޅައިން ލިބޭ 5000 ރުފިޔާ. ޗެސް ކަހަލަ ކުޅިވަރުތަކަށް 2000 ރުފިޔާ. ބައެއް ކުޅިވަރުތަކުގައި ލިބޭ 1500 ރުފިޔާ ވެސް. އަޅުގަނޑުމެން އެއް ފަހަރުން ހުރިހާ އެތުލީޓުންގެ މުސާރަ ނެގީ 5000 ރުފިޔާއަށް. އަޅުގަނޑުމެން އަންހެން، ފިރިހެން ތަފާތު ވެސް ނައްތާލިން،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ރާއްޖޭގެ ޗެސްގެ ދިގު ތާރީހުގައި މިހާތަނަށް އެ ކުޅިވަރު ކުޅޭނެ ހާއްސަ ތަނެއް ހަމަޖެއްސިފައި ނުވާ ކަމަށާއި ނަމަވެސް މިއަދު އެކަން ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ. އަދި ކުރިން ޗެސް ކުޅެން ޖެހެނީ ތަނެއް ކުއްޔަށް ހިފައިގެންކަން ވެސް މަހުލޫފު ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޭޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ނެޝަނަލް ޗެސް އާކޭޑަކީ ރާޒުވާ ކުޅުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ހަމަޖައްސައިދިން ހޯލެކެވެ.