ޕޮލިސް

އަފްރާޝީމާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ރިލްވާން ގެއްލުވާލި މައްސަލަ މުރާޖައާ ކުރާނެކަން ފުލުހުން ހާމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީއާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލަ މުރާޖައާ ކުރާނެކަން ފުލުހުން ހާމަކޮށްފިއެވެ.

އަނިޔާވެރިގޮތަކަށް މީގެ ހަ އަހަރު ކުރިން ގަތުލުކޮށްލި އަފްރާޝީމާއި މިދިޔަ އަހަރު މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި 2014 ވަނަ އަހަރު ގެއްލުވާލި ނޫސްވެރިޔާ ރިލްވާންގެ މައްސަލަ މުރާޖައާކުރާނެކަން ފުލުހުން ހާމަކޮށްފައިވަނީ އެ އިދާރާއިން ކުރި ޓުވީޓަކުންނެވެ.

ފުލުހުން ކުރި ޓުވީޓުގައި ބުނެފައިވަނީ ޑރ. އަފްރާޝީމާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ރިލްވާން ގެއްލުނު މައްސަލަ މުރާޖައާކޮށް، ފުލުހުންނަށް އިތުރަށް ކުރެވެން ހުރި ކަންކަން ކުރަމުންދާ ވާހަކަ ދަންނަވާ ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހ. ލޮބީ، ހުސައިން ހުމާމް، ކްރިމިނަލް ކޯޓު މުއްދަތު މަޖިލީހުގައި ބަޔާން ދެމުން ބުނީ އޭނާ އަފްރާޝީމަށް ކަތިވަޅިއަކުން ހަމަލާ ދިން ކަމަށެވެ. އޭނާއާއެކު ހައްޔަރުކުރި ހ. ހިކޯސްޓު، އަލީ ޝާން ބެނެޓް ވަޅިއަކުން ހަމަލާ ދިން ކަމަށް ހުމާމްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ ކަންތައްތައް ހަވާލުކުރީ ހ. ހިލްޓަން، އަޒްލީފް ރައޫފް ކަމަށް ހުމާމް ބުނެފައިވެއެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ދައުވާ އުފުލާފައިވާ ހުމާމް މަރަން ދަށު ކޯޓުން އިއްވި ހުކުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު، އެ މައްސަލާގައި ދެން ދައުވާ އުފުލި ޝާންގެ މައްޗަށް އެ މައްސަލަ ސާބިތުވެފައެއް ނުވެއެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވުނު އަޒްލީފް ރައޫފުގެ އިތުރުން މ. ޖަރީމާގެ އަބްދުﷲ ޖާވިދާއި، މ. ޖަރީމާގެ ޝާހީން މުހައްމަދު އަދި ލ. ގަން ތުނޑި، ނޫއަލި އާދަމް ޞަލާހުއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ އެމީހުންނަށް ހުކުމެއް އައިސްފައެއް ނުވެއެވެ.

ޔާމީން މަރާލާފައިވަނީ އެޕްރީލް، 23، 2017ގެ ރޭ ދަންވަރު އޮފީހުން ނުކުތް ވަގުތުން ފެށިގެން ބަޔަކު އޭނާއަށް ފާރަލަމުން ގޮހެވެ. ހަމަލާ ދޭން އެއް ބަޔަކު އޭނާގެ ފަހަތުން ގެއާ ހަމައަށް ދިޔަ އިރު، އަނެއް ބަޔަކު ތިބީ އޭނާ ދިރިއުޅޭ ގެއާ ކައިރި ސަރަހައްދުތަކުގައި ފާރައަށެވެ. ފުރަގަހުން ގޮސް ޔާމީންގެ ބޮލަށް ފުރަތަމަ ހަމަލާ އަމާޒުކުރީ، އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް އަރަން ލިފްޓަށް ވަން ވަގުތެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި އަށް މީހަކު ހައްޔަރުކޮށް، ދައުވާ އުފުލާފައިވަނީ ހަތް މީހެއްގެ މައްޗަށެވެ.

ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ވަނީ ކިޑްނެޕިންގެ ދައުވާ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް ކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ހުކުމް ކޮށްފައިވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.