ގައުމީ ބޮޑީބިލްޑިން ޓީމު

ފުރަތަމަ ފަހަރަށް ގައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗަކަށް ބިދޭސީ ކޯޗެއް

އަލީ ރިފްޝާން

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޓީމަށް ބިދޭސީ ކޯޗެއް ހަމަޖައްސައިފިއެވެ.

ގައުމީ ބޮޑީބިލްޑިން ޓީމަށް ހަމަޖައްސާފައިވާ ކޯޗު ރޭގެ ވަގުތެއްގައި ވަނީ ރާއްޖެ އައިސްފައެވެ. އެ މަގާމަށް ހަމަޖައްސާފައިވާ އަނޫރާގް އަނިލް ކުމާރު ޕްރޭމާ ލައިލާއަކީ އިންޑިއާއަށް ނިސްބަތްވާ ކޯޗެކެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ނައިބު ރައީސް އަލީ ރިފާއު ވިދާޅުވީ މިދިޔަ ޖުލައި މަހު ނޭޕާލުގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވެސް އެ ކޯޗުގެ އެހީތެރިކަން ރާއްޖޭގެ ޓީމަށް ލިބިގެންދިޔަ ކަމަށެވެ.

"އަޅުގަނޑުމެން މި ކޯޗު ރާއްޖޭގައި ނެތް ކަމުގައިވީ ނަމަވެސް، ފާއިތުވެދިޔަ ހަ މަސް ދުވަހު އަޅުގަނޑުމެން މި ކޯޗުގެ ބޭނުން ހިފައިފިން. މިދިޔަ ކާމިޔާބީ ހޯދުމުގައި ވެސް މި ކޯޗުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި،" އޭނާ ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ ކޮންމެ އެސޯސިއޭޝަނަކުން ގޮވާލި ކޮންމެ ވަގުތެއްގައި ވެސް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ހުރިހާ އެސޯސިއޭޝަނަކަށް ހަމަހަމަކަމާއެކު ފުރުސަތު ދެއްވަމުން ގެންދަވާ ކަމަށާއި ރާއްޖޭގެ ޓީމަށް ބިދޭސީ ކޯޗެއް ހަމަޖެހިގެން ދިއުމަކީ ސަރުކާރުން ކޮންމެ ކުޅިވަރެއް ވެސް ހަމަހަމަކަމާއެކު ބަލައިގަންނަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

"ކުޅިވަރު ކުރިއަރާނީ ކުޅިވަރު ދެކެ ލޯބިވާ އިހުލާސްތެރީންތަކެއް ތިބެގެން. މީގެން މަންފާއެއް ނުލިބޭނެ. ކުޅިވަރުން ކުރާ ހަރަދުގެ މަންފާއެއް އަނބުރާއެއް ނާންނާނެ. ހާއްސަކޮށް ރާއްޖޭގައި. އެވަރުގެ އިންވެސްޓެއް ކުރިޔަސް ނާންނާނެ. ކުޅިވަރުތައް އެހެން ހިސާބަކަށް ގެންގޮސްދިނުމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ވައުދެއް. އެކަން މި ފެނިގެންދިޔައީ. ހުރިހާ އެސޯސިއޭޝަނެއް ވެސް ކޮންމެ ވަގުތެއްގައި، ކޮންމެ ހިނދެއްގައި ގޮވާލި ކަމުގައިވިޔަސް ހުރިހާ އެސޯސިއޭޝަނަކަށް ހަމަހަމަކަމާއެކު ކުޅިވަރާ ބެހޭ ވަޒީރު ފުރުސަތު ދެއްވަމުން އެ ގެންދަވަނީ،" އޭނާ ވިދާޅުވިއެވެ.

ރިފާއު އިތުރަށް ވިދާޅުވީ އެތުލީޓުން ތަމްރީނުކުރުމުގެ އިތުރުން ޓްރޭނަރުން ތަމްރީނު ކުރުމަށް ވެސް ބޮޑީބިލްޑިން ޓީމަށް ގެނައި ކޯޗުގެ ބޭނުން ހިފާނެ ކަމަށެވެ.

ގައުމީ ކޯޗަކަށް ހަމަޖެއްސި އަނޫރާގް ވަނީ ޓީމަށް ހުނަރުވެރި އެތުލީޓުން ހޯދުމަށާއި މިހާރު ޓީމުގައި ތިބި އެތުލީޓުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި ރާއްޖޭގެ އެތުލީޓުންނަށް ކުރިއަށް ހުރި މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ގައުމީ ބޮޑީބިލްޑިން ޓީމުން ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުން ވަނީ ފަސް މެޑެލް ހޯދައިފައެވެ. އެ ޓީމު އެންމެ އަވަހަށް ވާދަކުރާނީ އަންނަ މަހު އިންޑޮނޭޝިއާގައި ބާއްވާ މިއަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ޕިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައެވެ. އަދި އެ މުބާރާތަށް ފަހު ކުރިމަތިލާން ޖެހޭނީ އަންނަ އަހަރު ރާއްޖޭގައި ބާއްވާ އޭޝިއަން ބޮޑީބިލްޑިން އެންޑް ޕިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕާއެވެ.