ރަނިލް ވިކްރަމަސިންހަ

ލަންކާގެ ބޮޑުވަޒީރު މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ހުއްދަ ދޭން ފާސްކޮށްފި

އަންނަ މަހު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިރޭގެ ޖަލްސާގައި އެގޮތަށް ފާސްކުރީ އެކަމަށް ނެގި ވޯޓަކުންނެވެ. ރަނިލް މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ހުއްދަ ދިނުމަށް އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. އެ ދަތުރުފުޅުގައި ބޮޑުވަޒީރާއެކު އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަ އާއި އެގައުމުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ލަންކާގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އަންނަ މަހުގެ ތިނަކުން ހަތަރަކަށް ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ޗެއާކުރައްވާނީ ރަނިލް ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.