ކުޅިވަރު

މެންޗެސްޓާ ސިޓީ އަށާއި ޗެލްސީއަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޗެލްސީ ރޭ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު މޮޅުވެ ތާވަލުގެ އެއްވަނައާއި ދެވަނަ މަގާމަށް ޖެހިލައިފިއެވެ.

ސިޓީ ވަނީ 1-6 ގެ ނަތީޖާއަކުން ސައުތެމްޓަން ބަލިކޮށްފައެވެ. އަދި ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.

ރޭގެ މެޗަށް މި ދެޓީމު ނުކުތްއިރު، ތާވަލުގެ އެއްވަނައިގައި 27 ޕޮއިންޓާއެކު އޮތީ ލިވަޕޫލެވެ. ނަމަވެސް، ސިޓީ ވަނީ ރޭގެ މެޗަށްފަހު އަލުން އެއްވަނަ މަގާމަށް އަރައިފައެވެ. އަދި ޗެލްސީ ވަނީ ލިވަޕޫލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް، ގޯލުގެ ތަފާތުން ދެވަނައަށް ޖެހިލައިފައެވެ.

ރޭގެ މެޗުގައި ސިޓީ ވަނީ މެޗު ފެށިގެން ފުރަތަމަ 18 މިނެޓުގެ ތެރޭގައި 3 ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑަކީ ސައުތެމްޓަންގެ ވެސްލީ ހޫޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސިޓީގެ ދެވަނަ ލަނޑު 12 ވަނަ މިނެޓުގައި ސާޖިއޯ އަގުއެރޯ ކާމިޔާބުކޮށްދިން އިރު، ތިންވަނަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަހީމް ސްޓާލިން ދިން ޕާހަކުން ޑޭވިޑް ސިލްވާއެވެ.

ސައުތެމްޓަންގެ ޑެނީ އިންގްސް އެޓީމަށް ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް، ހާފު ނިމުމުގެ ކުރިން ސްޓާލިން ވަނީ ހަތަރު ވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. ސިޓީގެ އަނެއް ދެ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 67 ވަނަ މިނެޓުގައި އަގުއެރޯ ދިން ޕާހަކުން ފަސްވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ސްޓާލިންއެވެ. ފަހު ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ސްޓާލިން ތަނަވަސްކުރި ފުރުސަތެއްގައި ލެރޯއީ ސާނޭއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އާއި ޕެޑްރޯއެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި މޮރާޓާ ޗެލްސީއަށް ލީޑު ނަގައިދިން ނަމަވެސް، ޕެލަސްގެ ޓައުންސެންޑް ވަނީ ދެވަނަ ހާފު ފެށިތަނާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި މޮރާޓާ ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް އަލުން ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަސްމިނެޓު ފަހުން ޕެޑްރޯ ވަނީ ތިންވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ހަޑާސްފީލްޑް ޓައުން އާއި ފުލްހަމް އެވެ. މިމެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 01:00 ގައެވެ.