މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 33

އަބްދުﷲ ފާރޫގް ހަސަން

(24 އޯގަސްޓުގެ އަދަދާ ގުޅޭ)

މަލިކުގައި ކުލަގަދަ ގޮތަކަށް ފާހަގަކުރެވެމުންދާ "ނެރުމަގު ކެހުން" ނުވަތަ ނެރުތައް ފުންކޮށް ނެރުތަކާއި ފަޅުތެރޭގައި ހުންނަ ގާގަލާއި ތިލަ ތަންތާނގައި ހޭރި ޖެހުމަކީވެސް ދިވެހީންގެ އާދަކާދައިގެ ބައެކެވެ. މަލިކުމީހުންވެސް މިކަން ލިބިގަތީ އެބައިމީހުންގެ ވެސް ކާބަފައިން ކަމުގައިވާ، އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިންނެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ދާދި މިދާކަށް ދުވަހާ ހަމަޔަށްވެސް މިކަން ކޮށްއުޅެއެވެ. މިކަންކުރަނީ ނޮރަނަކަތު ފޮއިގައެވެ. އެއީ އެންމެބޮޑަށް ދިޔަވަރުހިކޭ ދުވަސްވަރެވެ. އެދުވަސްވަރު ނެރުތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ އޮޑިފަހަރުގެ ވެރީންނާއި ކެޔޮޅުން އިސްވެ ތިބެގެންނެވެ. ރަށްރަށުގެ އަންހެން ފިރިހެން އެންމެން ބައިވެރިވެ އުފަލާއެކު އަންބާ ކިޔައިފައި ކޮށްއުޅުނު ފޯރިގަދަ ކަމެއްގެ ގޮތުގައެވެ.

ނެރުތައް ސާފުކުރާ ދުވަހު ބޮނޑިބަތް ކެއްކުމާއި މާފުށް މޮޑުން ފަދަ ކަންތައް ވަރަށް މައްޗަށް އޮވެއެވެ. ބޮނޑިބަތް ކައްކައި އުޅުނީ އޮޑިއޮޑި މަތީން ހަނޑޫ ނަގައިގެނެވެ. ހަނޑޫ ނަގައި އުޅުނީ އެ އުޅަނދެއްގެ ކުޑަބޮޑުމިނުގެ ނިސްބަތުންނެވެ.

އާދެ، މިހާތަނުން އަނެއްކާވެސް މަލިކާ ދިމާއަށް އެނބުރިލަމެވެ.

ނެރުމަގު ކެހުމުގެ ރަސްމިއްޔާތު ނިމޭތާ މާގިނަ ދުވަހެއްނުވެ ކަނޑަށް ބޯދި ލުމުގެ ރަސްމިއްޔާތު އޮވެއެވެ. މަލިކުގެ އާދަކާދަ ނިޔާކުރާ ގޮތުން އުތުރުނަކަތް ފެށުނީއްސުރެ ނޮރަނަކަތުގެ ބައެއް ފާއިތުވަންދެން މަސް ބޭނުމަށްޓަކައި އެމެއްގެ ގޮތުން ބޯދި ބޭނުން ކުރުމަކީ މަނާކަމެކެވެ. އެމުއްދަތެއްގެ ތެރޭގައި އެއްވެސް ބަޔަކު އެކަމަށް ބޯދި އަޅައިގެން މަސްބާނައިފިނަމަ އެބަޔަކާ މެދު ކެޔޮޅުންގެ ވެރިޔާ ފިޔަވަޅު އަޅުއްވާނެއެވެ. އެދުވަސްވަރަކީ، "ބޯދި ބަންދުކޮށްފައި" އޮންނަ ދުވަސްވަރެކެވެ. ނޮރަނަކަތުން ބައެއް ފާއިތުވުމުން ބޯދި "ކަނޑަށް ލާނީ" (އެމަކަށް ފުރަތަމަ ބޯދި ބޭނުންކުރާނީ) ކެޔޮޅުންގެ ވެރިޔާއެވެ. އޭނާގެ އިރުވަރުގައެވެ. އިހުއްސުރެ މިއަދާ ހަމައަށްވެސް މިއާދަ މަލިކުގައި އެބައޮތެވެ.

މަލިކުގައި ކެޔޮޅުންގެ ވެރިކަމަކީ ވަރަށް މުހިއްމު ކަމެކެވެ. ރަށުގެ މަސްވެރިކަމާއި އެންވެރިކަމާބެހޭ ހުރިހާކަމެއް ބެލެހެއްޓުމަކީ އޭނާގެ ކަމެކެވެ. މަލިކުގެ ކެޔޮޅުންގެ ވެރިޔަކަށް މިހާރު ހުރީ ސަންފަގޯތި ޙަސަންކާކާގެ އެދުރުކާގޭ ޢަލީތަކުރެވެ. ރަށުގެ އާރުކާޓީއަކީވެސް އޭނާއެވެ. އޭނާގެ ބައްޕަ މަރްޙޫމް ޙަސަންކާކާ އަކީވެސް މަލިކުގެ ކެޔޮޅުންގެ ވެރިކަމާއި އާރުކާޓީކަން ކުރެއްވި ބޭކަލެކެވެ.

ނެރުމަގު ކެހުމުގެ މައުޟޫޢު ނިންމާލުމުގެ ކުރިން އިހުޒަމާނުގައި މަލިކުގައި ހުރި ބައެއް މަސްއޮޑިފަހަރުގެ ނަންތައްވެސް ނަކަލުކޮށްލަން އަޅުގަނޑު ގަސްދުކުރަމެވެ. މަސްއޮޑިފަހަރަށް ނަން ކިޔުމުގައިވެސް ދިވެހީންނާއި މަލިކުމީހުން ދަރިވަރު ވެފައިވަނީ އެއް އެދުރުގެއަކުންކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ. އާދެ، ތިރީގައި މިދަންނަވަނީ މަލިކުގައި ގެންގުޅުނު ބައެއް މަސްއޮޑިފަހަރުގެ ނަންތަކެވެ.

1. ފަލައްސޭރި އަވަށުގައި:
ހ. ދިގުލާހި
ށ. ލޮނުމިރުސް
ނ. ބޮލުފޭލި
ރ. ކަނދިއޮޑި

2. ކުދެހި އަވަށުގައި:
ހ. ކުދެހިއޮޑި
ށ. އުފާ

3. ފުންހިލޯޅުގައި:
ހ. އަތްކީހި
ށ. މާތަށް
ނ. ފޫކެނޑި
ރ. ފުށްރުވަ
ބ. ލާހި

4. އަލޫޑި އަވަށުގައި:
ހ. ކަރަންފޫ
ށ. ހިއްތަލަ
ނ. އަލޫޑިއޮޑި

5.ސޭޑިވަޅު އަވަށުގައި:
ހ. ސޭޑިވަޅުއޮޑި

6.ރަށްމެދު އަވަށުގައި:
ހ. އޮޅުދުގޯތި އޮޑި (ދޮންދާތަތުންކޮ)

7.ބޮޑުއަތިރި އަވަށުގައި:
ހ. ބޮޑުއަތިރި އޮޑި
ށ. ޖަހަން ބައިބޯ
ނ. ތެލައްފަނު

8.އައުމަގު އަވަށުގައި:
ހ. ކުޑަހަކުރު
ށ. ބޮޑުހަކުރު
ނ. ހާސިލު

9.ބާޑަ އަވަށުގައި:
ހ. އައުއޮޑި
ށ. ބައުއޮޑި
ނ. އުމަރު އޮޑި
ރ. ބަރުގޮނު

މީގެ ތެރެއިން ގިނަ އޮޑިފަހަރުގެ ނަން ކިއިފައިވަނީ ރާއްޖޭގައިވެސް ބައެއް ފަހަރަށް އޮޑިދޯނިފަހަރަށް ނަން ކިޔާ ގޮތަށް މަލާމާތަށް ނުވަތަ ދިމާވާ ޙާދިޘާއަކާ ގުޅުވައިފައެވެ.

މިސާލެއްގެގޮތުން ދަންނަވާނަމަ ފުންހިލޯޅު އަވަށުގެ "ލާހި" އޮޑިޔަށް އެނަން ކިޔައިފައިވަނީ އެއްފަހަރަކު މަލިކުން ހަނޑޫ ހުސްވެގެން ހަނޑޫ ބަލާ އެއޮޑީގައި ކަންނަންނޫރަށް ދިއުމުގެ ސަބަބުންނެވެ.

ރާއްޖޭގައިވެސް "ފެނޭބާ" އާއި "ވީވަރު" ފަދަ ނަންތައް ކިޔައިފައިވާ ބޯޓުފަހަރާއި އޮޑިފަހަރު މިހާރުވެސް އެބަހުއްޓެވެ. މިއިންވެސް އެނގެނީ ރާއްޖޭގައި މިއުޅޭ ދިވެހީންނާއި މަލިކުގައި އުޅޭ "ދިވެހީން" ނަކީ އެއް އަސްލެއްގެ އެއްނަސްލެއްގެ އެއްބަޔެއްކަމެވެ.

(ނުނިމޭ)